Advertisement

އިންތިހާބާ ދިމާކޮށް ކޮމަންޑޫ ދާއިރާގައި މަޝްރޫއުތައް އިއުލާނުކުރިކަން އެމްޑީޕީން ގަބޫލެއް ނުކުރި

5 ފެބުރުވަރީ 2022 - 21:11 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ކޮމަންޑޫ ދާއިރާއަށް މެމްބަރަކު ހޮވަން މިއަދު ބޭއްވި އިންތިހާބު އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝީދު (ރާޑޯ) ކާމިޔާބު ކުރެއްވުމާ ގުޅިގެން އެމްޑީޕީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން. -ފޮޓޯ: އެމްޑީޕީ


އިންތިހާބާ ދިމާކޮށް ކޮމަންޑޫ ދާއިރާގައި މަޝްރޫއުތައް އިއުލާނުކުރިކަން އެމްޑީޕީން ގަބޫލެއް ނުކުރި

5 ފެބުރުވަރީ 2022 - 21:11 0

ކޮމަންޑޫ ދާއިރާގައި ސަރުކާރުން ގިނަ މަޝްރޫއުތަކެއް އިއުލާނުކުރީ ރައްޔިތުންގެ މަޖިލީހުގެ އެ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް ކަމަށް ގަބޫލުކުރަން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ގަބޫލުކުރަން މިރޭ ދެކޮޅު ހަދައިފި އެވެ.

ކޮމަންޑޫ ދާއިރާއަށް މެމްބަރަކު ހޮވަން މިއަދު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝީދު (ރާޑޯ) ވަނީ އެ އިންތިހާބު ކާމިޔާބުކުރައްވައިފަ އެވެ.

އެ ކާމިޔާބީ އިއުލާނުކުރަން އެމްޑީޕީން މިރޭ ބޭއްވީ ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އިންތިހާބު ކާމިޔާބުވުމުގައި، އިންތިހާބާ ދިމާކޮށް ސަރުކާރުން އިއުލާނުކޮށް ފެށި ގިނަ މަޝްރޫއުތަކާ ގުޅޭ ސުވާލުތައް އަމާޒުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާ ދިމާކޮށް އެ ދާއިރާއަށް ހާއްސަކޮށްގެން ސަރުކާރުން ގިނަ މަޝްރޫއުތަކެއް އިއުލާނުކުރި ކުރުން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މިރޭ ނުސީދާކޮށް ދޮގުކުރެއްވި އެވެ.

އެ ތުހުމަތުތަކާ ގުޅުވައި ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހަސަން ވިދާޅުވީ އެފަދަ ގިނަ މަޝްރޫއުތަކެއް މުޅި ރާއްޖޭގައި ވެސް ކުރިއަށްދާ ކަމަށެވެ.

"އިންތިހާބާ ދިމާކޮށް އެ ދާއިރާއަށް ވަކި ހާއްސަ މަޝްރޫއުތަކެއް ކުރިއަށް ގެންދާކަމަށް ގަބާލުކުރަން ތަންކޮޅެއް ދަތި،" ހަސަން ވިދާޅުވި އެވެ.

މިގޮތުން، ކޮމަންޑޫއާ އެއް ފަޅެއްގައި އޮންނަ މަތިކޮމަންޑޫއާ ގުޅާލުމަށް ސަރުކާރުން އިއުލާނުކޮށް މިހާރު މަސައްކަތް ފަށާފައިވާ މަޝްރޫއުއަކީ ބައި-އިލެކްޝަނާ ދިމާކޮށް ފެށި މަޝްރޫއުއެއް ކަމަށް ގަބޫލުކުރައްވަން ހަސަން ލަތީފް ދެކޮޅު ހެއްދެވި އެވެ.

އޭނާ ވިދާޅުވީ މާލޭގެ ތޮއްޖެހުން ކުޑަކޮށް އަތޮޅުތެރެ ތަރައްގީ ކުރުމަކީ އެމްޑީޕީން އަބަދުވެސް ގެންގުޅޭ ވިސްނުމެއް ކަމަށާއި، އެ ވިސްނުމާއި ވައުދުގެ ދަށުން ދެ ކޮމަންޑޫ ގުޅުވައިލުމުގެ މަޝްރޫއުއަކީ އިންތިހާބާ ދިމާކޮށް ކުރި ކަމެއް ނޫން ކަމަށް ހަސަން ތަކުރާރުކޮށް ވިދާޅުވި އެވެ.

ހަސަން ލަތީފް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ކާމިޔާބު ވެގެންދިޔުމަކީ އެ ޕާޓީ އަދި އެ ޕާޓީގެ އެޖެންޑާ-19 ސިޔާސަތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި މި ކާމިޔާބީއާއެކު މަޖިލީހުގެ އިތުރުން ސަރުކާރުގައި އެމްޑީޕީން ކުރާ މަސައްކަތްތައް ފުޅާކޮށް ރައްޔިތުންނަށް މިހާރަށްވުރެ ފާގަތި މުސްތަގުބަލެއް ހޯދައިދެވޭނެ ކަމަށް ހަސަން ލަތީފް ވިދާޅުވި އެވެ.

އިންތިހާބުގައި ރާޝިދާ އެންމެ ބޮޑަށް ވާދަކުރެއްވީ އިދިކޮޅު, ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމެވެ. އަލަށް އިންތިހާބަކަށް ނުކުތް, އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލްހަންނާނު އިދުރީސްއަށް މާބޮޑު ތަރުހީބެއް ނުލިބެ އެވެ.

ވަގުތީ ޖުމްލަ ނަތީޖާ ދައްކާ ގޮތުން ރާޝިދަށް ލިބިވަޑައިގަތީ 1401 ވޯޓެވެ. ފަތުހީއަށް ލިބިވަޑައިގަތީ 1161 ވޯޓެވެ. ވޯޓުގެ ތަފާތަކީ 240 ވޯޓެވެ.

ކޮމަންޑޫ ދާއިރާގެ ބައިއިލެކްޝަން ބާއްވަން ޖެހުނީ އެދާއިރާގެ މެމްބަަރަކަށް ހުންނެވި ހުސައިން ވަހީދު އަވަހާރަވުމުންނެވެ. މީގެ ކުރީގެ އިންތިހާބުތުގައި ވެސް ކޮމަންޑޫ ދާއިރާގެ ތާއީދު ލިބެމުން އައީ އެމްޑީޕީއަށެވެ. ހުސައިން ވަހީދުގެ ކުރިން އެ ދާއިރާގެ މެމްބަރަކަށް ހުންނެވީ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) އެވެ.