Advertisement

ރިލްވާންގެ ތަހުގީގު ނިންމަން ކޮމިޝަނުން އާ ތާރީހެއް ކަނޑައަޅައިފި

3 ފެބުރުވަރީ 2022 - 11:01 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


ރިލްވާންގެ ތަހުގީގު ނިންމަން ކޮމިޝަނުން އާ ތާރީހެއް ކަނޑައަޅައިފި

3 ފެބުރުވަރީ 2022 - 11:01 0

ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ ތަހުގީގު މަރުތައް ބަލާ ކޮމިޝަނުން ނިންމާނެ އާ ތާރީހެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަނެއްކާވެސް ދެއްވައިފި އެވެ.

މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވުމަށް ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި އެމަނިކުފާނު ވިދާޅުވީ ކުރީގެ މަރުތަކަށް އިންސާފު ހޯދުމުގާ އުންމީދު ކުރިވަރަށް ވުރެ މާބޮޑުތަން ލަސްވެފައިވާ ކަމަށް ގަބޫލުކުރައްވާ ކަމަށާއި ނަމަވެސް އެ ކަމުގައި ކުރަންޖެހޭ މަސައްކަތާ ފިލުވަންޖެހޭ އޮޅުން ބޮޑު ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެފަދަ މަރުތައް ބަލައި ތަހުގީގުކުރުމަށް އެކުލަވައިލި ކޮމިޝަނުން އެންމެ އިސްކަމެއް ދީގެން ކުރިއަށް ގެންގޮސްފައިވަނީ ރިލްވާން ގެއްލުވާލާފައިވާ މައްސަލަ އެވެ.

މިގޮތުން، މިހާތަނަށް ކޮމިޝަންގެ ފަރާތުން 200 އަށް ވުރެ ގިނަ މީހުންނާ ސުވާލުކުރުމުގެ އިތުރުން ބޭރުގެ މާލީ ތަޖުރިބާކާރެއްގެ އެހީގައި، އެ މައްސަލައިގައި އެކުލެވޭ މާލީ މުއާމަލާތްތައް އެނަލައިޒްކޮށްފައިވާ ކަމަށް ރައީސް ހާމަކުރެއްވި އެވެ.

"މިއަހަރުގެ މެދުތެރޭގާ ތަހުގީގު އެއްކޮށް ނިންމާ ކޮމިޝަންގެ ހޯދުންތައް އަޅުގަނޑަށް ހުށަހަޅާނެކަމުގެ ޔަގީންކަން [ކޮމިޝަނުން] ވަނީ ދެއްވާފައި،" ރައީސް ވިދާޅުވި އެވެ.

ރިލްވާނަށް ވީ ކިހިނެއް؟

ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެން ފުރަތަމަ ދުވަހު، ގެއްލުވާލާފައިވާ މީހުންނަށް ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވި އެވެ. އަދި ރިލްވާން އަދި ޔާމީން ރަޝީދުގެ މައްސަލަ އެންމެ މުހިންމު ކަމެއްގެ ގޮތުގައި ތަހުގީގު ކުރަން ފެށި އެވެ.

ރިލްވާންގެ މައްސަލައިގައި މަރު ކޮމިޝަނުގެ ތަފްސީލު ރިޕޯޓެއް ވެސް ހާމަ ކުރި އެވެ. ރާއްޖޭގައި އުޅޭ އަލްގައިދާ ގެ ގޮތްޕަކަށް އިނގިލި ދިއްކުރުމަށްފަހު، ރިޕޯޓުގައި ބުނެފައި ވަނީ ރިލްވާން ޝަހީދުކޮށްލާފައިވާ ކަމަށެވެ.

އެކަމަކު، އެ ރިޕޯޓާ ވިދިގެން އެއްވެސް މީހަކު ހައްޔަރު ކުރި ތަނެއް ނުފެނުނެވެ. އެއްވެސް މީހެއްގެ މައްޗަށް ދައުވާއެއް ނުއުފުލަ އެވެ. މަރު ކޮމިޝަނުގެ ރިޕޯޓުވީ އޯގަސްޓު، 7 2014 ގައި ވަގަށް ނަގައި ގެއްލުވާލި ނޫސްވެރިޔާގެ އާއިލާއަށް އިތުރު ހިތާމައަކަށެވެ.

މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން ސެޕްޓެމްބަރު، 2019 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނެފައި ވަނީ ޓެރަރިސްޓު ޖަމާއަތް އަލް-ގައިދާއާ ގުޅުން އޮންނަ ބަޔަކު ރިލްވާން ވަގަށް ނަގައި ކަނޑުމައްޗަށް ގެންގޮސް މަރާލުމަށްފަހު ކަނޑުފެއްތީ ކަމަށެވެ.

ރިލްވާން މަރާލީ އޭނާއަކީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމް ކުރުމަށްފަހު ދީނުގެ ނަމުގައި ކަމަށް ވެސް މަރު ކޮމިޝަނުން ބުންޏެވެ. އަދި ރިލްވާން މަރާލީ ޝަހާދަތުގެ ދެކަލިމަ އޭނާ ކިޔައި ކިޔައި އޮއްވާ ކަމަށް ވެސް ކޮމިޝަނުން ހާމަ ކުރި އެވެ.

އޭގެ ފަހުން އެކި ފަހަރު މަތިން ކޮމިޝަނުން ވެސް އަދި އެ ކޮމިޝަނާ ހަވާލާ ދެއްވައި، ރައީސް ސޯލިހު ވެސް އެ ތަހުގީގު އެކީގައި ނިންމާނެ އެކި ތާރީހުތައް މީގެ ކުރިން ވެސް ވަނީ ދެއްވައިފަ އެވެ.

ނަމަވެސް، ދައުލަތުން ބޮޑު ހަރަދެއްކޮށްގެން އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުގެ މަސައްކަތް އެއްވެސް މިންވަރަކަށް ކުރިއަށްނުދާކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރެ އެވެ.

ރިލްވާންގެ އިތުރުން ބޮލްގަރު ޔާމީން ރަޝީދުގެ މައްސަލައަށް ވެސް ރިޔާސީ ބަޔާނުގައި ރައީސް ސޯލިހު ވަނީ އަލިއަޅުވައިލައްވައިފަ އެވެ.

މީގެ ފަސް އަހަރު ކުރިން އޭޕްރީލް، 23، 2017 ގައި ވަޅިން ހަމަލާދީ ޔާމީން ރަޝީދު މަރައިލި މައްސަލައިގައި ޖުމްލަ ހަ މީހެއްގެ މައްޗަށް ދައުލަތުން ދައުވާކުރި އެވެ.

ނަމަވެސް، އެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅީ އޭގެ ތެރެއިން ދެ މީހެއްގެ މައްޗަށެވެ. ދެން ތިބި ހަތަރު މީހުން ސަލާމަތްވީ ކުށް ސާބިތުކުރެވޭ މިންވަރަށް ހެކިނެތުމުންނެވެ.

އެ ހަތަރު މީހުން ދޫވި މައްސަލަ އިސްތިއުނާފް ކުރުމުގެ މަސައްކަތް ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުން ފަށާފައިވާކަން ރައީސް މިއަދު ފާހަގަކުރެއްވި އެވެ.

"ޔާމީން ރަޝީދުގެ މައްސަލަ އޭރު ކޯޓުގާ އޮތުމުން ރިޔާސީ ކޮމިޝަނުން ތަހުގީގު ކުރުމަށް ކަނޑައަޅާފައިވާ ބައި، ކުރިއަށް ނުގެންދެވި އޮތް އޮތުން މިހާރު މިވަނީ ނިމިފަ. އަދި އެމައްސަލައިގެ ތަހްގީގު ރިޔާސީ ކޮމިޝަނުން މިހާރު ކުރިއަށް އެބަ ގެންދޭ،" އެމަނިކުފާނު ވިދާޅުވި އެވެ.