2 ފެބުރުވަރީ 2022 - 21:41 0
ފާތިމަތު އަޖްފާން
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ފެށުމަށް، ގަލްފް ކްރާފްޓުން އެމްޓީސީސީ އާ ހަވާލުކުރި ހަތަރު އުޅަނދު--- ފޮޓޯ: އެމްޓީސީސީ
2 ފެބުރުވަރީ 2022 - 21:41 0
ހައި ސްޕީޑް ފެރީގެ ނިޒާމު ފެށުމަށް ހަތަރު ލޯންޗެއް ބަނދެ, ހދ. އަތޮޅަށް ޓެސްޓް ދަތުރެއް މިއަދު ކޮށްފައިވާ ކަމަށް އެމްޓީސީސީއިން ބުނެފި އެވެ.
"އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" ފެށުމަށް ބޭނުންވާ ފުރަތަމަ ހަތަރު ލޯންޗު ގަލްފް ކްރާފްޓްގެ ފަރާތުން އެމްޓީސީސީއާ އިއްޔެ ވަނީ ރަސްމީކޮށް ހަވާލުކޮށްފަ އެވެ. އެއާއެކު އިއްޔެ ވަނީ ފެރީތައް ހދ އަތޮޅަށް ފޮނުވާފަ އެވެ.
އެމްޓީސީސީން ބުނީ ފެރީތައް ހދ. އަތޮޅަށް ގެންދިއުމަށްފަހު މިއަދު ޓެސްޓް ދަތުރު ހަތަރު ރަށަކަށް ކޮށްފައިވާ ކަމަށެވެ. އެ ދަތުރުތައް ކޮށްފައި ވަނީ ރަސްމީ ދަތުރުތައް ކުރާ ރޫޓުތަކުގަ އެވެ.
އެއީ R1C5 ރޫޓުންނާއި R1C4ގެ ރޫޓުންނެވެ. އެ ދެ ރޫޓުން ވެސް ދަތުރު ކުރާއިރު ކުޅުދުއްފުށި ހިމެނޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް އަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުން އަދި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕެޝަލް ޕްލޭން ގައި ހިމެނޭ ތިން ޒޯން އާއި ހަ ރީޖަން ގުޅުވައި ދިނުމަށް ފަރުމާ ކޮށްފައިވާ ވިއުގައެކެވެ.
އެގޮތުން ފެރީ ނެޓްވޯކް އިން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅުވައި ލެވޭ އިރު، އެއް ރީޖަން އަނެއް ރީޖަން އާ ވެސް ގުޅިގެން ދާނެ އެވެ. ފަސިންޖަރުން އުފުލާ ފެރީ ގުޅުވައި ލެވިގެން ދާނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް،" "ނަން-ކޮމިއުޓް ލިންކް،" އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.
އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކުގެ ފުރަތަމަ މަރުހަލާގެ ދަށުން ފެރީގެ ހިދުމަތް ދޭން ނިންމާފައި ވަނީ ހއ، ހދ އަދި ށ އަތޮޅުގަ އެވެ. އެ އަތޮޅުތަކުގައި ފެރީ ޓާމިނަލް ހެދުމުގެ މަސައްކަތް ވެސް އެމްޓީސީސީން މިހާރު ކުރިއަށް ގެންދެ އެވެ.
އެމްޓީސީސީން ގަލްފް ކްރާފްޓް މޯލްޑިވްސްއާ 50 މީހުންގެ ޖާގައިގެ 17 ސްޕީޑް ފެރީއެއް ބަނުމަށް ހަވާލުކުރީ މިދިޔަ އަހަރުގެ އޭޕްރީލްގަ އެވެ. އެ ފެރީތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ހާއްސަ އިންތިޒާމްތަކެއް ގާއިމްކުރެ އެވެ.
މި މަސައްކަތަށް ބަންނަ ހައި ސްޕީޑް ފެރީތަކަކީ 30 ނޮޓުގެ ބާރު މިނުގައި ދުވާނެ ފެރީތަކެކެވެ. އެހެންކަމުން މިއީ މިހާރު އެމްޓީސީސީން ބޭނުން ކުރާ ފެރީތަކާ އަޅާ ބަލާއިރު ތިން ގުނަ ބާރު މިނުގައި ދަތުރުކުރާނެ ފެރީތަކެކެވެ.
Comment