Advertisement

ޖަލު ހުކުމް އިއްވިއިރު އަސްހަދު ރާއްޖޭގައި ނެތް، ދިޔައީ އިނގިރޭސިވިލާތަށް

2 ފެބުރުވަރީ 2022 - 18:25 1

ނާޒިމް ހަސަން

ނާޒިމް ހަސަން

ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ: އޭނާ ވަނީ އަލީ ވަހީދު ކައިރިއަށް އިނގިރޭސިވިލާތަށް ވަޑައިގެންފައި --


ޖަލު ހުކުމް އިއްވިއިރު އަސްހަދު ރާއްޖޭގައި ނެތް، ދިޔައީ އިނގިރޭސިވިލާތަށް

2 ފެބުރުވަރީ 2022 - 18:25 1

ކުރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ކުށް ސާބިތުވެ 15 ދުވަހުގެ ޖަލު ހުކުމެއް ޔޫތު މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީގެ މައްޗަށް މިއަދު އިއްވިއިރު އޭނާ ރާއްޖޭގައި ނެތްކަން "އަދަދު"އަށް އެނގިއްޖެ އެވެ.

މިއަދު ކޯޓަށް ހާޒިރުވާން ޗިޓް ފޮނުވާފައިވަނިކޮށް, އަސްހަދު ރާއްޖޭން ފުރައިވަޑައިގެން މިހާރު ހުންނެވީ އިނގިރޭސިވިލާތުގައި ކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ. އަސްހަދު އިނގިރޭސިވިލާތުގައި ހުންނެވިއިރު, ކޯޓަށް ފިއްލަވައިގެން އުޅުއްވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގަ އެވެ.

ފަނަރަ ދުވަހުގެ ޖަލު ހުކުމެއް އަސްހަދުގެ މައްޗަށް އައުމާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ސްޓޭޓް މިނިސްޓަރު ކަމުން އޭނާ ވަކިކުރައްވާފަ އެވެ. ޖަލު ހުކުމް އިއްވުމަށްފަހު ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ވަނީ އެ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަންސްގެ މައްޗަށް އަމުރު ނެރުއްވާފަ އެވެ.

ނަމަވެސް, އަސްހަދު ރާއްޖޭގައި ނެތުމުން މިހާތަނަށް އެ ހުކުމް ވަނީ ތަންފީޒު ކުރެވޭ ގޮތް ނުވެފަ އެވެ. މިކަމުގައި އެ އިދާރާގެ ބަހެއް އަދި ނުލިބެ އެވެ.

ޖިންސީ ކުށުގެ ދައުވާތަކެއް ލިބޭ އަލީ ވަހީދު ރާއްޖޭން ފުރުމަށް ހުއްދަ ދިނީ ހަތަރު މަސް ދުވަހަށް އަސްހަދު ޖާމިނުވުމުންނެވެ. ނަމަވެސް, އެ މުއްދަތް ހަމަވި ފަހުން ވެސް އޭނާ ރާއްޖެ އައިސްފައިނުވާތީ ހާޒިރުކުރަން އެންގި މުއްދަތުގައި އޭނާ ގެނެވިފައިނުވާތީ މިއަދު ކުރިމިނަލް ކޯޓުގައި އަޑުއެހުމެއް ބޭއްވި އެވެ.

މިއަދު ކުރިމިނަލް ކޯޓުގައި އޮތް އަޑުއެހުމަށް އަސްހަދު ހާޒިރުވާން އެންގި އެވެ. އެކަމަކު, ޗިޓް ރައްދުވެފައިވީ ނަމަވެސް އޭނާ މިއަދު ކޯޓަށް ހާޒިރެއް ނުވެ އެވެ. އެހެންވެ, މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ކަނޑައެޅުއްވީ އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއްގެ ގޮތުގަ އެވެ.

ގާޒީ ހަސަން ސައީދު މިއަދު ކޯޓުގައި ވިދާޅުވި ގޮތުގައި އަލީ ވަހީދު ރާއްޖެ ގެންނަން މުހުލަތެއް ދިނުމުން އެ މުހުލަތުގައި އޭނާ ރާއްޖެ ގެނައުމަށް އަސްހަދު ކުރި މަސައްކަތެއް ފެންނަން ނެތެވެ. އަދި އެކަމުގެ ގަސްދެއް އޭނާގެ ނެތް ކަމާއި ކޯޓަށް އަލީ ވަހީދު ފިލައިގެން އުޅޭ އުޅުމަށް އަސްހަދު ވާގިވެރިވެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ.

މީގެކުރިން ބޭއްވި އަޑުއެހުމުގައި އަސްހަދު ވިދާޅުވެފައިވަނީ އޭނާ ޖާމިނުވީ ހަތަރު މަސް ދުވަސް ތެރޭ އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދިނުމަށް ކަމަށެވެ. އެގޮތުގެ މަތިން ހަތަރު މަސްވުމުން އޮންލައިންކޮށް އަލީ ވަހީދު ކޯޓަށް ހާޒިރުކޮށްދީފައިވާނެ ކަމަށެވެ. އެހެންވެ, މިހާރު އަލީ ވަހީދު ކޯޓަށް ހާޒިރު ނުވުމަކީ އޭނާ ޒިންމާވާން ޖެހޭ ކަމެއް ނޫން ގޮތުގައި ފާހަގަ ކުރެއްވި އެވެ.

ނަމަވެސް, އެކަމަށް ރައްދު ދެއްވައި ގާޒީ ހަސަން ސައީދު ވިދާޅުވީ ރާއްޖޭން ބޭރުގައި ހުރެ އޮންލައިންކޮށް ހާޒިރުވެގެން ޝަރީއަތް ކުރިއަށް ނުގެންދެވޭނެ ސުޕްރީމް ކޯޓުން އަންގާފައިވާއިރު, އެގޮތަށް އަލީ ވަހީދު ކޯޓުގެ އަޑުއެހުމަކަށް ހާޒިރުވެފައިވުން އެއީ ސައްހަ ހާޒިރުވުމެއް ކަމަށް ނުބުލެވޭނެ ކަމަށެވެ. އަދި ހަތަރު މަސް ދުވަހަށް ޖާމިނުވެ ހުރެ, އެ މުއްދަތުގައި އިސްތިއުނާފީ ކޯޓުތަކުގައި ކުރިއަށް ދިޔަ މައްސަލަތަކަށް ވެސް އަލީ ވަހީދު ހާޒިރުކޮށް ދީފައިނުވާ ކަމާއި އެއީ އަސްހަދު ޒިންމާވާން ޖެހޭނެ ކަމެއްގެ ގޮތުގައި ގާޒީ ފާހަގަ ކުރެއްވި އެވެ.

ގާޒީ ވިދާޅުވި ގޮތުގައި އަލީ ވަހީދަށް ފުރުމުގެ ހުއްދަ ދިނީ އަސްހަދު ޔަގީންކަން ދިނުމާއެކު ކަމަށްވާތީ, އޭނާ ކޯޓަށް ހާޒިރުނުކޮށް ދިނުމަކީ އަދުލު އިންސާފަށް ހުރަސްއެޅުމެވެ. އަދި, ޝަރުއީ ދާއިރާއާމެދު ނުބައި ތަސައްވުރެއް ދިނުމުގައި އަސްހަދު, އަލީ ވަހީދާ ވާގިވެރިވެފައިވާ ކަމަށް ގާޒީ ވިދާޅުވި އެވެ. މި ހުރިހާ ކަމަކީ ވެސް ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބަލައި, އެ ކުށުގެ އަދަބެއްގެ ގޮތުގައި އަސްހަދު 15 ދުވަހަށް ޖަލަށްލުމަށް ގާޒީ ނިންމެވީ އެވެ.

ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުން 15 ދުވަހުގެ ޖަލު ހުކުމެއް އަސްހަދަށް އިއްވިއިރު, އެ ހުކުމް ތަންފީޒުކުރުމަށް ކަމާބެހޭ މުއައްސަސާތަކުގެ މައްޗަށް އަމުރު ވެސް ގާޒީ ނެރުއްވި އެވެ.

ޖާމިނުވުމުގެ އެއްބަސްވުމާ އަސްހަދު ހިލާފުވެފައިވާ ކަމަށް ގާޒީ ހަސަން ސައީދު ކަނޑައެޅުއްވި ނަމަވެސް, އެކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ އަދަބެއް ނުދެއްވަ އެވެ. ހަމައެކަނި އަދަބު ކަނޑައެޅީ ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށަށެވެ. އެ ކުށަށް ގާނޫނުގައި ކަނޑައަޅާފައިވާ ޖަލު އަދަބަކީ 15 ދުވަހަށް ޖަލަށްލުމެވެ.