2 ފެބުރުވަރީ 2022 - 18:28 0
އަމަން ހަލީމް
ޑިޖިޓަލް ބޭންކިން ލައިސަންސަށް އެދުމަށް ފަހު އެމްއެމްއޭ ބޭރުގައި އެސްޓީއޯގެ އެމްޑީ ހުސެން އަމްރު އަދި އިސްވެރިން: މި ހުއްދަ ނުދޭން ނިންމުމުން ކުރިން ވިސްނި ގޮތަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޑިޖިޓަލް ބޭންކު ހުޅުވޭނެ ކަމާ މެދު ޝައްކު. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު
2 ފެބުރުވަރީ 2022 - 18:28 0
އެސްޓީއޯގެ ޑިޖިޓަލް ބޭންކު "އިވޯލްވް" އަށް ބޭންކިން ހުއްދަ ނުދޭން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ން ނިންމައިފި އެވެ.
އެސްޓީއޯއިން ޑިޖިޓަލް ބޭންކެއް ހުޅުވަން ހުއްދައަށް އެމްއެމްއޭގައި އެދުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 7 ގަ އެވެ.
މައުލޫމާތު ލިބޭ ގޮތުގައި އެސްޓީއޯއަށް ބޭންކިން ހުއްދަ ނުދޭން އެމްއެމްއޭ ބޯޑުން ނިންމީ، ޓެކްނިކަލް އިވެލުއޭޝަނުން ހުށަހެޅުން ފެއިލްވުމާ ގުޅިގެންނެވެ.
މިކަމާ ސުވާލުކުރުުން އެ އިދާރާގެ ތަރުޖަމާނު މުހައްމަދު ނާސިހު ވިދާޅުވީ، މިދިޔަ މަހު 19 ގައި އެސްޓީއޯއަށް ލިޔުމުން ޖަވާބުދީފައި ވާނެ ކަމަށެވެ. އެކަމަކު އެ ޖަވާބަކީ ކޮބައިކަމެއް ވިދާޅެއް ނުވެ އެވެ.
އެމްއެމްއޭއިން ހުއްދަ ނުދޭން ނިންމުމާ ގުޅިގެން މިހާތަނަށް އެސްޓީއޯއިން ވަކި އެއްޗެއް ނުބުނެ އެވެ.
ނަމަވެސް މި ބޭންކަށް ކިޔާ ނަން އާންމުކުރަމުން އެސްޓީއޯގެ ސީއޯއީ އަދި އެމްޑީ ހުސެން އަމްރު އިއްޔެ ކުރެއްވި ޓްވީޓެއްގައި، އެސްޓީއޯ ޑިޖިޓަލް ބޭންކަށް އެމްއެމްއޭއިން ދާދި އަވަހަށް ހުއްދަ ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
އެމްއެމްއޭއިން ބުނި ތާރީހުގައި ޖަވާބުދީފައިވާނަމަ، އަމްރު މި ޓްވީޓު ކުރެއްވީ އެމްއެމްއޭއިން ހުއްދަ ނުދޭން ނިންމި ފަހުންނެވެ. އެހެންކަމުން އަދިވެސް ހުއްދަ ދޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވުމުން ބެލެވެނީ އަލުން މި ހުއްދައަށް އެދި ހުށަހަޅާނެ ކަމަށެވެ.
އެސްޓީއޯއިން ޑިިޖިޓަލް ބޭންކިިންއަށް ނިކުންނަން ވިސްނީ އެ ކުންފުނިން ހެދި ދިރާސާއަކުން މިކަމަށް ދިވެހިންގެ މެދުގައި ބޮޑު ޑިމާންޑެއް އޮތް ކަމަށް ދައްކާތީ އެވެ. ސީޑީއީ ކޮންސަލްޓިންއާ ގުޅިގެން ކުރިޔަށް ގެންދިޔަ އެ ދިރާސާގެ އިތުރުން އެސްޓީއޯއިން ޑިޖިޓަލް ބޭންކަށް ހުށަހެޅުމުގެ ކުރިން ބޭރު ބަޔެއްގެ ކޮންސަލްޓަންސީ ވެސް ހޯދި އެވެ.
އެސްޓީއޯއިން މި ބޭންކުން ހިދުމަތް ދޭން ފަށަން ކުރިން މަސައްކަތް ކުރީ މި އަހަރުގެ ފުރަތަމަ ކުއާޓާގެ ތެރޭގަ އެވެ. އެކަމަކު ބޭންކިން ހުއްދައަށް އެމްއެމްއޭއިން ނޫނެކޭ ބުނުމުން ލަފާކުރި ތާރީހަށް ބޭންކު ހުޅުވާނެ ކަމާ މެދު ޝައްކެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment