Advertisement

އުރުގުއޭ ގަތަރު ވޯލްޑް ކަޕްގެ އުންމީދުގައި

2 ފެބުރުވަރީ 2022 - 14:35 0


އުރުގުއޭ ގަތަރު ވޯލްޑް ކަޕްގެ އުންމީދުގައި

2 ފެބުރުވަރީ 2022 - 14:35 0

މޮންޓެވީޑޯ (ފެބްރުއަރީ 2) - ދެކުނު އެމެރިކާގެ ވޯލްޑް ކަޕް ކޮލިފައިންގައި މިއަދު ވެނެޒުއޭލާ އަތުން 4-1 އިން އަމިއްލަ ދަނޑުގައި މޮޅުވެ، އުރުގުއޭ އިން މި އަހަރު ގަތަރުގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އުންމީދު އާކޮށްފި އެވެ.

މި މެޗުގައި އުރުގުއޭ އަށް ލަނޑު ޖަހައިދިނީ ރޮޑްރީގޯ ބެންޓަކޫރާއި އެޑިސަން ކަވާނީ އާއި ޖިއޯޖިއަން ޑި އަރަސްކައެޓާ އަދި ލުއިސް ސުއަރޭޒް އެވެ. އެކަމަކު، މި މެޗުގައި އުރުގުއޭގެ ތަރިއަކަށްވީ ޒުވާން ވިންގާ ފަކުންޑޯ ޕެލިސްޓްރީ އެވެ.

މެންޗެސްޓާ ޔުނައިޓަޑުން ލޯނު އެއްބަސްވުމެއްގެ ދަށުން ޑިޕޯޓިވޯ އަލަވޭސް އަށް ކުޅެމުންދާ ޕެލިސްޓްރީ ،20، ވަނީ ލަނޑު ޖަހަން ފުރުސަތެއް ތަނަވަސްކޮށްދީ، ޕެނަލްޓީއެއް ވެސް ހޯދައިފަ އެވެ. މި މެޗުގައި ސުއަރޭޒް ލަނޑު ޖެހީ ޕެލިސްޓްރީ އަށް ކުރި ފައުލަކާ ގުޅިގެން އުރުގުއޭ އަށް ލިބުނު ޕެނަލްޓީއަކުންނެވެ.

ދެކުނު އެމެރިކާގެ ކޮލިފައިންގެ ތާވަލްގައި އުރުގުއޭ މި ވަގުތު އޮތީ ހަތަރު ވަނައިގަ އެވެ. އުރުުގުއޭ އަށް އަމިއްލަ ދަނޑުގައި ކުޅެންޖެހޭ ދެ މެޗު ބާކީ އޮތްއިރު، ވޯލްޑް ކަޕަށް ކޮލިފައިވުމުގެ އަމިއްލަ ބާރު އެ ޓީމަށް އެބައޮތެވެ.

ކޮލިފައިންގައި މިއަދު ބޮލީވިއާ އަތުން 3-2 އިން މޮޅުވެ، ތާވަލްގެ ހަ ވަނައިގައި އޮތް ޗިލީ އިން ވެސް ވަނީ އުންމީދު ދަމަހައްޓައިފަ އެވެ. މި މެޗުގައި ޗިލީގެ އެލެކްސިސް ސަންޗޭޒް ދެ ލަނޑު ޖެހި އެވެ.

ތިން ވަނައިގައި އޮތް އިކުއެޑޯ އާއި ޕެރޫ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެނެވެ.

ތާވަލްގެ އެއްވަނައިގައި އޮތް ބްރެޒިލް އާއި ދެވަނައިގައި އޮތް އާޖެންޓީނާ ވަނީ ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ.

އާޖެންޓީނާ ވަނީ ކޮލިފައިންގައި މިއަދު ކޮލަމްބިއާ އަތުން 1-0 އިން މޮޮޅުވެފަ އެވެ. މި މެޗުން ބަލިވުމާއެކު، ޕްލޭއޮފްގެ ޖާގައެއް ހޯދުމަށް ކޮލަމްބިއާ އަށް އޮތް ފުރުސަތު ވަނީ ހަނިވެފަ އެވެ.

ކޮލިފައިންގައި މިއަދު ޕެރަގުއޭ އަތުން ބްރެޒިލް މޮޅުވީ 4-0 އިންނެވެ. -- ބީބީސީ