Advertisement

ޔޫތު ޗެމްޕިއަންޝިޕް ފައިނަލް ނިލަންދޫގައި ކުޅެވޭތޯ ބަލަނީ

1 ފެބުރުވަރީ 2022 - 19:46 0

ފ. ނިލަންދޫ ޓާފް ދަނޑުގެ މަތިން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: ކަޒިން ޕޯޓްރެއިޓް


ޔޫތު ޗެމްޕިއަންޝިޕް ފައިނަލް ނިލަންދޫގައި ކުޅެވޭތޯ ބަލަނީ

1 ފެބުރުވަރީ 2022 - 19:46 0

މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ އެފްއޭއެމް ޔޫތު ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ފ. ނިލަންދޫ ޓާފް ދަނޑުގައި ކުޅެވޭތޯ ބަލަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ)، "އަދަދު" އަށް ވިދާޅުވީ ނިލަންދޫގައި ޔޫތު ޗެމްޕިއަންޝިޕް ފައިނަލް ހޯސްޓް ކުރެވޭތޯ ހަދަން ޖެހޭ އެސަސްމަންޓްތައް މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ހުރިހާ ކަމެއް ރަނގަޅަށް ބެލުމަށް ފަހު ފައިނަލް މެޗު ކުޅޭނެތަނެއް ނިންމާނެ ކަމަށް ޖަވާ ވިދާޅުވި އެވެ.

ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު ކުޅެން ތާވަލުކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

ދާދި ފަހުން އެފްއޭއެމާއި ޔޫތު މިނިސްޓްރީން ގުޅިގެން ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ކްލަބް ވެލެންސިއާ އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު ފައިނަލް މެޗު ހޯސްޓްކުރީ ރ. އަލިފުށީ ޓާފް ދަނޑުގަ އެވެ.

ސަރުކާރުން ރަށްރަށުގައި އަޅާފައިވާ ޓާފް ދަނޑުތަކުގެ ބޭނުންހިފައި، ރާއްޖޭގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅަ މެޗުތައް ރަށްރަށަށް ގެނައުމަކީ ހާއްސަ އަމާޒެއް ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވަނީ އަލިފުށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަމުން ވިދާޅުވެފަ އެވެ.

މުޅި ރާއްޖެ އަށް ފުޅާކޮށްގެން ފަށަން ނިންމާފައިވާ 2023/2024 ގެ ދިވެހި ޕްރިމިއާ ލީގުގެ މެޗުތައް ފަށަންވާއިރަށް ރަށްރަށުގައި މެޗުތައް ކުޅުމަކީ ލީގު ކުރިއަށް ގެންދިއުމަށް ބަލާއިރު، ފަސޭހަތަކެއްވާނެ ކަމެއްގެ ގޮތުގައި އެފްއޭއެމުން ގަބޫލުކުރެ އެވެ.

ރާއްޖޭގެ ފުރަތަަމަ ޑިވިޝަނުގައި ވެސް ދާދި ފަހުން ވާދަކުރި ފ. ނިލަންދޫ އަކީ ފުޓްބޯޅައިގެ މަޝްހޫރު ރަށެކެވެ. ސަރުކާރުގެ ހަރަދުގައި ނިލަންދޫގައި އެޅި ޓާފް ދަނޑުގެ މަސައްކަތް ނިންމާލީ 2020 ވަނަ އަހަރުގެ މެއި މަހުގަ އެވެ. އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ނިލަންދޫ ދަނޑުގެ މަސައްކަތް ކުރިއިރު، އެކަން އެންމެ ރަނގަޅަށް ކުރިއަށް ގެންދިއުމަށް ނިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަބްދުލް މުހުސިން ހަމީދު (ޖޭފޯ) އާއި ނިލަންދޫ ކައުންސިލާއި އެ ރަށުގެ ޑޭލައިޓް ކްލަބުން ދިން އެހީތެރިކަން ޔޫތު މިނިސްޓަރު މަހުލޫފް ވަނީ މީގެ ކުރިން ފާހަގަކުރައްވައިފަ އެވެ.

ނަވާރަ އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ނުވަ ޓީމާ އެކު މިހާރު ކުރިއަށްދަނީ ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ. މި ވަގުތު މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދާފައިވާ ހަމައެކަނި ޓީމަކީ ގްރޫޕް ބީގައި ވާދަކުރަމުން އަންނަ ޓީސީ ސްޕޯޓްސް ކްލަބް އެވެ.

ޔޫތު ޗެމްޕިއަންޝިޕް ގްރޫޕް ސްޓޭޖުގެ މެޗުތައް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ނިމޭނެ އެވެ. ސެމީ ފައިނަލް މެޗުތައް އޮތީ މި މަހުގެ ނުވަ ވަނަ ދުވަހު އެވެ. ފައިނަލް އޮތީ އޭގެ ފަސް ދުވަސް ފަހުންނެވެ.