Advertisement

އެސްޓީއޯ ޑިޖިޓަލް ބޭންކަށް ކިޔަނީ އިވޯލްވް

1 ފެބުރުވަރީ 2022 - 22:16 0

އަމަން ހަލީމް

އަމަން ހަލީމް

އެސްޓީއޯގެ އެމްޑީ ހުސެން އަމްރު އެމްއެމްއޭއަށް ވަދެވަޑައިގަންނަވަނީ: އެސްޓީއޯއިން ޑިޖިޓަލް ބޭންކިން ހުއްދައަށް އެދުނީ ސެޕްޓެމްބަރު 7، 2021 ގައި ނަމަވެސް އަދި އެ ހުއްދަ ނުދޭ. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


އެސްޓީއޯ ޑިޖިޓަލް ބޭންކަށް ކިޔަނީ އިވޯލްވް

1 ފެބުރުވަރީ 2022 - 22:16 0

ރާއްޖެއަށް ޑިޖިޓަލް ބޭންކިން ތައާރަފުކުރަން އެސްޓީއޯއިން ހުޅުވަން މަސައްކަތް ކުރަމުން އަންނަ ޑިޖިޓަލް ބޭންކަށް ކިޔާނީ "އިވޯލްވް" (EVOLV) ކަމަށް އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު މިއަދު ހާމަކުރައްވައިފި އެވެ.

ދުނިޔޭގައި މިހާރު ކުރިއަރަމުން އަންނަ ޑިޖިޓަލް ބޭންކިން ތައާރަފުކުރުމުގެ ޝައުގުވެރިކަން އެސްޓީއޯއިން ފާޅު ކުރީ އެ ކުންފުނީގެ ވިޔަފާރި ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިންނެވެ. އަދި، ޑިޖިޓަލް ބޭންކިންއަށް ނުކުތީ، ރާއްޖޭގެ ބޭންކިން ނިޒާމާ ގުޅޭ ދިރާސާތަކުގެ އަލީގައި މިކަމަށް އާންމުންގެ ބޮޑު ޑިމާންޑެއް އޮތް ކަމަށް ދައްކާތީ އެވެ.

އެސްޓީއޯއިން މަސައްކަތް ކުރަމުން ދަނީ މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި މި ބޭންކުން ހިދުމަތް ދޭން ފަށާށެވެ. އަދި، މި ބޭންކު ފަށަން ޑިޖިޓަލް ބޭންކިން ލައިސަންސަކަށް ނިމުނު އަހަރުގެ ސެޕްޓެމްބަރު 7, ގައި މަރުކަޒީ ބޭންކު އެމްއެމްއޭއަށް ހުށަހަޅާފަ އެވެ.

އޭގެ ފަހުން ހަތަރު މަސްް ދުވަސް ފާއިތުވި ނަމަވެސް މިހާތަނަށް އެސްޓީއޯ ޑިޖިޓަލް ބޭންކު ފަށަން އަދިވެސް އެމްއެމްއޭއިން ހުއްދަނުދެ އެވެ.

ޑިޖިޓަލް ބޭންކުގެ ނަން ހިއްސާކުރައްވަމުން ކުރެއްވި ޓުވީޓުގައި އެކަމަށް ރިއާޔަތްކޮށް އަމްރު ވިދާޅުވީ، ބޭންކު ހިންގުމުގެ ހުއްދަ އެމްއެމްއޭއިން ވީހާވެސް އަވަހަށް އެ ހުއްދަ ލިބިގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެމްއެމްއޭއިން މި ހުއްދަ ނުދީގެން އުޅެނީ އުސޫލެއް ނެތް ކަމަށް ބުނެ އެވެ. އެކަމަކު މިކަމާއި ގުޅިގެން އެމްއެމްއޭގެ ބަހެއް އަދި ނުލިބެ އެވެ.

އެސްޓީއޯއިން ބުނަނީ އެމްއެމްއޭގެ ހުއްދަ ލިބުމާއެކީ، ދާދި އަވަހަށް ހިދުމަތް ދޭން ފެށޭނެ ކަމަށާއި، އެކަމަށް ވާން ޖެހޭ ހުރިހާ ތައްޔާރީތަކެއް ނިމިއްޖެ ކަމަށެވެ.

އެސްޓީއޯގެ އުއްމީދަކީ ޑިޖިޓަލް ބޭންކިން ތައާރަފުކޮށް ދިވެހިން ބޭންކު ކުރާ ގޮތަށް އިންގިލާބީ ބަދަލެއް ގެނައުމެވެ. އެގޮތުން ލިޔެކިޔުން ހުށަހެޅުއްވުމަށް ފަހު އެމްއެމްއޭ ބޭރުގައި ހުންނަވާ އަމްރު ވިދާޅުވީ ޑިޖިޓަލް ބޭންކިން ވާނީ ގައުމުގެ ކަންކަން ޑިޖިޓަލްކޮށް ކުރިއަށް ގެންދިއުމުގެ މައިބަދައަށް ކަމަށެވެ.

ޑިޖިޓަލް ބޭންކުތަކަކީ މިހާރު ދުނިޔޭގައި ވަރަށް ހަލުވި ދުވެއްޔެއްގައި ފުޅާވަމުން އަންނަ ބޭންކުތަކެވެ. ޓެކްނޮލޮޖީއަށް އަންނަމުންދާ ކުރިއެރުމާއި، އާންމުން ޓެކްނޮލޮޖީއަށް އަހުލުވެރިވާ ވަރަކަށް މި ބޭންކުތަކުގެ މަގުބޫލުކަން ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.