Advertisement

ޑެމްބެލޭ އަށް ޖެހުނީ ބާސެލޯނާގައި މަޑުކުރަން

1 ފެބުރުވަރީ 2022 - 15:14 0


ޑެމްބެލޭ އަށް ޖެހުނީ ބާސެލޯނާގައި މަޑުކުރަން

1 ފެބުރުވަރީ 2022 - 15:14 0

ބާސެލޯނާ (1 ފެބްރުއަރީ) - ޖެނުއަރީ މަހުގެ ޓްރާންސްފާގައި އެހެން ކްލަބަކަށް ބަދަލުވުމުގެ ފުރުސަތު ލިބުނު ނަމަވެސް، ޖެނުއަރީގެ ޓްރާންސްފާ ބަންދުވިއިރު، ބާސެލޯނާ އަށް ކުޅެމުންދާ ފްރާންސްގެ ވިންގް، އޮސްމާން ޑެމްބެލޭ އަށް ޖެހުނީ އެ ކްލަބުގައި މަޑުކުރާށެވެ.

ބާސެލޯނާއާ އެކު މި ސީޒަންގެ ނިޔަލަށް ކޮންޓުރެކްޓެއް އޮތް ނަމަވެސް، އެ ޓީމާ އެކު ހަދާފައިވާ ކޮންޓްރެކްޓް އާނުކުރުމުން އެ ކްލަބުން ވަނީ އެހެން ކްލަބެއް ހޯދުމަށް ޑެމްބެލޭ ،24، އަށް އަންގައިފަ އެވެ.

މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި ޑެމްބެލޭ ގެންދަން ޕީއެސްޖީ ކުރި މަސައްކަތް ނާކާމިޔާބުވުމާ އެކު، ޗެލްސީން އޭނާ ގެންދަން ފަހު ވަގުތު ޝައުގުވެރިވި އެވެ. އެހެން ނަމަވެސް ވަގުތު ކުޑަތަންވުމާ އެކު، ބަޖެޓުގެ ދަތިކަމާ ގުޅިގެން ޗެލްސީން ޑެމްބެލޭ ހޯދަން މަސައްކަތެއް ނުކުރެ އެވެ.

ބާސެލޯނާއާ އެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވުމުން، ހިލޭ ޓްރާންސްފާއެއްގައި ޑެމްބެލޭ އަށް ޖޫން މަހުގެ ޓްރާންސްފާގައި އެހެން ކްލަބަކަށް ބަދަލުވެވޭނެ އެވެ.

ޑެމްބެލޭގެ ކޮންޓްރެކްޓް ހަމަވުމުން، އޭނާ ގެންދަން ޗެލްސީން ޝައުގުވެރިވާ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.

ބޮރޫޝިއާ ޑޯޓްމަންޓް އިން ބާސެލޯނާ އަށް 2017 ވަނަ އަހަރު ޑެމްބެލޭ ބަދަލުވީ 97 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގަ އެވެ. އެކަމަކު، ބާސެލޯނާ އަށް ބަދަލުވި ފަހުން ކުރިމަތިވި އަނިޔާގެ މައްސަލަތަކާ އެކު، އެ ކްލަބަށް ޑެމްބެލޭގެ ބޭނުން އެންމެ ރަނގަޅަކަށް ނުހިފުނެވެ.

މި ސީޒަންގައި ވެސް ބާސެލޯނާގެ ފުރަތަމަ 11 ގައި އޭނާ ކުޅެފައިވަނީ އެންމެ ހަ މެޗެވެ.

ޖެނުއަރީގެ ޓްރާންސްފާގައި އެހެން ކްލަބެއް ހޯދުމަށް ކްލަބުން އެންގުމާ ގުޅިގެން، "ބްލެކްމެއިލް އަށް ނުގުޑާނެ" ކަމަށް ޑެމްބެލޭ ވަނީ މިދިޔަ ހަފުތާގައި ބުނެފަ އެވެ. -- ބީބީސީ