Advertisement

ފްރެންޗް ކަޕުން ޕީއެސްޖީ ކަޓައިފި

1 ފެބުރުވަރީ 2022 - 10:24 0


ފްރެންޗް ކަޕުން ޕީއެސްޖީ ކަޓައިފި

1 ފެބުރުވަރީ 2022 - 10:24 0

ޕެރިސް (ފެބްރުއަރީ 1) - ފްރެންޗް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ޕީއެސްޖީ މި ފަހަރުގެ މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ޕެނަލްޓީ ޖަހައިގެން ނީސް އަތުން ކަޓައިފި އެވެ.

ވަރުގަދަ ޓީމެއް ފުރަތަމަ އެގާރައިގައި ހިމަނައިގެން ނުކުތް ޕީއެސްޖީ އަށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނީސް ކޮޅަށް ގޯލެއް ނުޖެހި މެޗު ނިންމާލަން ޖެހުނީ 0-0 އިން އެއްވަރު ވެގެންނެވެ. ޕެނަލްޓީގައި ނީސް މޮޅުވީ 6-5 އިންނެވެ. ކުއާޓާ ފައިނަލުގައި ނީސް ކުޅޭނީ މާސޭއާ ދެކޮޅަށެވެ.

ލިއޮނަލް މެސީ އާއި މައުރޯ އިކާޑީ އަދި ޖޫލިއަން ޑްރެކްސްލާ ކުރިއަށް ލައިގެން ޕީއެސްޖީން ފެށި ރޭގެ މެޗުގައި އެ ކުޅުންތެރިންނަށް ނީސްގެ ގޯލަށް ނުރައްކާ ކުރެވޭ ވަރުގެ ހަމަލާތަކެއް ފޮނުވައިނުލެވެ އެވެ. އޭގެ ބަދަލުގައި ނީސްގެ ޑިފެންސްލައިން އޮތީ ވަރަށް އޮގަނައިޒްކޮށެެވެ. ޕީއެސްޖީގެ ލޯން އެއްބަސްވުމެއްގެ ދަށުން ނީސްގައި ހުރި ޕޮލެންޑްގެ ކީޕަރު މާސީން ބަލްކާ ފެނުނީ ރަނގަޅު ފޯމެއްގައި ކުޅެލިތަނެވެ.

ޕީއެސްޖީ މި މެޗުން މޮޅުކޮށްދޭން ބަދަލެއްގެ ގޮތުގައި ކުޅެން އަރައި ކީލިއަން އެމްބާޕޭ ޖެހި ޝޮޓެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒުވެފަ އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖަަހަން ޖެހުމުން ދެ ޓީމުން ވެސް ތިބީ ކީޕަރުންނަށް އިތުބާރު ކޮށްގެންނެވެ.

ޕެނަލްޓީގައި ނީސްގެ މޯގަން ޝްނައިޑަލިން އާއި ޖިއަން ކްލެއާ ޓޮޑީބޯ އަދި ޔޫސެފް އަޓާލް ވަނީ ފުރަތަމަ ތިން ޕެނަލްޓީ ކާމިޔާބުކޮށްފަ އެވެ. މެސީ އާއި އެމްބާޕޭ ޕީއެސްޖީގެ ފުރަތަމަ ދެ ޕެނަލްޓީ ޖަަހާފައިވަނިކޮށް ޕީއެސްޖީގެ ތިން ވަނަ ޕެނަލްޓީ ޖަހަން ދިޔަ ލެއަންޑްރޯ ޕަރޭޑޭސް ފޮނުވާލި ބޯޅަ ކީޕަރު ބަލްކާ ވަނީ މަތަކޮށްފަ އެވެ. ޖަވާބުގައި ނީސްގެ ހަތަރު ވަނަ ޕެނަލްޓީ އެންޑީ ޑެލޯޓް ފޮނުވާލުމުން ޕީއެސްޖީގެ ކީޕަރު ޖިއަންލުއީޖީ ޑޮންނަރުންމާ އެ ބޯޅަ ހުއްޓުވި އެވެ.

އޭގެ ފަހުން ޕީއެސްޖީގެ ޑްރެކްސްލާ، މާކޯ ވެރާޓީ، ހުއާން ބާނާޓްގެ ޕެނަލްޓީތައް ކާމިޔާބުވި ނަމަވެސް ހަތް ވަނަ ޕެނަލްޓީ ޖެހި ޒަވީ ސިމޯންސް ފޮނުވާލި ބޯޅަ ކީޕަރު ބަލްކާ ވަނީ މަތަކޮށްފަ އެވެ. ނީސް ވަނީ ފަހު ތިން ޕެނަލްޓީ ކާމިޔާބުކޮށް މެޗުން މޮޅުވެފަ އެވެ. އެ ޓީމުގެ ޕެނަލްޓީތައް ޖެހީ އަމީން ގިއީރީ، އެވާން ގޯސާންޑް އަދި ޑާންޓޭ އެވެ.

ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ބުނީ މެޗުގައި ދެއްކި ކުޅުމަށް ބަލާއިރު ކުއާޓާ ފައިނަލުގެ ޖާގައެއް ނީސް އަށް ވުރެ ބޮޑަށް ހައްގީ ޕީއެސްޖީ އަށް ކަމަށެވެ. އެކަމަކު، މެޗުން މޮޅުވެވޭ ވަރަށް ކުޅުމާއި ގޯލު ޖެހުމާ އެއީ ވެސް ޔަގީންކަމާ އެކު ކުރަންޖެހޭ ކަމަކަށްވާއިރު، ޕީއެސްޖީ އަށް އެކަން ހާސިލް ނުކުރެވުނު ކަމަށް ޕޮޗެޓީނޯ ވަނީ ބުނެފަ އެވެ.