Advertisement

އާސެނަލުން ދޫކޮށްލުމުން އޮބަމާޔަން ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާ އަށް ސޮއިކޮށްފި

1 ފެބުރުވަރީ 2022 - 09:57 0


އާސެނަލުން ދޫކޮށްލުމުން އޮބަމާޔަން ހިލޭ ޓްރާންސްފާއެއްގައި ބާސެލޯނާ އަށް ސޮއިކޮށްފި

1 ފެބުރުވަރީ 2022 - 09:57 0

ބާސެލޯނާ (ފެބްރުއަރީ 1) - އާސެނަލުން ޕިއޭ އެމެރިކް އޮބާމަޔަންގެ ކޮންޓްރެކްޓް އުވާލުމުން ހިލޭ ޓްރާންސްފާއެއްގައި އޭނާ ބާސެލޯނާ އަށް ސޮއިކޮށްފި އެވެ.

އުމުރުން 32 އަހަރުގެ އޮބާމަޔަން ބާސެލޯނާ އަށް ބަދަލުވުމަށް އިއްޔެ ޕްރައިވެޓް ޖެޓެއްގައި ސްޕެއިނަށް ދިޔައިރު، އާސެނަލާއި ބާސެލޯނާ އިން މި ޓްރާންސްފާއާ މެދު ތިބީ ގޮތެއް ނުނިންމިފަ އެވެ. އެއީ އާސެނަލްގެ ލޯން އެއްބަސްވުމަކުން އޮބާމަޔަން ބާސެލޯނާ އަށް ބަދަލުވެއްޖެނަމަ އޭނާގެ މުސާރަ ދޭން އެއްބަސްވާނެ ގޮތަކާ މެދު ދެ ކްލަބަށް ހައްލެއް ނުހޯދިގެންނެވެ. އެހެންވެ، މި ޓްރާންސްފާ ނުހިނގާނެ ކަމަށް ބެލެވުނު ވަގުތުތަކެއް ވެސް ދިޔަ އެވެ.

އެކަމަކު، ފަހު ވަގުތު އާސެނަލުން ނިންމީ އޮބާމަޔަންގެ ކޮންޓްރެކްޓްގައި ބާކީ 18 މަސް ދުވަސް އޮއްވައި، އެ އެއްބަސްވުން އުވާލުމަށެވެ. އެ ގޮތަށް އާސެނަލުން ނިންމުމާ އެކު އޮބާމަޔަން ވަނީ ހިލޭ ޓްރާންސްފާއެއްގައި ރޭ ބާސެލޯނާ އަށް ސޮއިކޮށްފަ އެވެ. އޮބާމަޔަންގެ ކޮންޓްރެކްޓް އުވާލުމުން އާސެނަލަށް މުސާރައިގެ ގޮތުގައި އޭނާ އަށް ދޭން އޮތް 30 މިލިއަން ޑޮލަރު ސަލާމަތްކުރެވޭނެ އެވެ.

އޮބާމަޔަން ބާސެލޯނާ އަށް ސޮއިކުރީ އާސެނަލުން ލިބެމުން އައި މުސާރަ އަށް ވުރެ 40 ޕަސެންޓް ކުޑަ އަދަަދަކަށެވެ. ކުރިން ބެލެވިފައި އޮތީ އޮބާމަޔަން އަށް ބޮޑު މުސާރަ އަކަށް ބާސެލޯނާ އަށް ބަދަލުވެވެން އޮތީ އޮސްމާން ޑެމްބެލޭ މި ފަހަރުގެ ޓްރާންސްފާގައި ބާސެލޯނާ ދޫކޮށްލައިފިނަމަ އެވެ. އެކަމަކު، ޑެމްބެލޭ ގަންނަން އެއްވެސް ކްލަބަކުން ބޮޑު މުސާރައެއް ނުދޭތީ އޭނާ ވަނީ ބާސެލޯނާގައި މަޑުކޮށްފަ އެވެ. އެހެންވެ، އޮބާމަޔަން ކުޑަ މުސާރަ އަކަށް ބާސެލޯނާއާ ގުޅެން އެއްބަސްވީ އެވެ.

މިހާރު ކުރިއަށްދާ އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) މުބާރާތުގެ ތެރެއިން ގެބޮންގެ ފޯވާޑް އޮބާމަޔަން އަވަހަށް ކްލަބަށް ފޮނުވާލީ އޭނާގެ ސިއްހީ މައްސަލަތަކެއް ފާހަގަކުރެވިގެންނެވެ. އެކަމަކު، އޮބާމަޔަން ކްލަބަށް ފޮނުވާލި ނަމަވެސް އޭނާ ހުރީ އާސެނަލްގެ ކެޕްޓަން ބޭންޑް އަތުލައި، އެ ކްލަބްގެ ހަރަކާތްތަކުން ޑިސެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން ދުރުކޮށްފަ އެވެ. އެއީ ކޮވިޑްގެ ދުވަސްވަރު އާސެނަލް އިން އަމަލުކުރަމުން އައި ގަވާއިދުތަކަށް ތަކުރާރުކޮށް ހިލާފުވުމުންނެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑް ދޫކޮށް 2018 ވަނަ އަހަރުގެ އޮބާމަޔަން އާސެނަލާ ގުޅުނީ 64 މިލިއަން ޑޮލަރުގެ ޓްރާންސްފާ ފީ އަކަށެވެ. އާސެނަލަށް ކުޅެދިން 163 މެޗުން 92 ގޯލު ޖެހި އޮބާމަޔަން މި ސީޒަން ފެއްޓީ ރަނގަޅު ފޯމެއްގަ އެވެ. މި ސީޒަނުގައި އާސެނަލުން ކުޅުނު 15 މެޗުން ހަތް ގޯލު ޖެހި އެވެ. އެކަމަކު، އަހުލާގީ މައްސަލައިގެ ސަބަބުން ޓީމުން ބާކީކޮށްފައި ހުރުމަށް ފަހު މިހާރު މި ވަނީ ކްލަބް ވެސް ދޫކޮށްލައިފަ އެވެ.

އޮބާމަޔަން ހޯދަން ބާސެލޯނާ އިން ކުރި މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އެ ކްލަބްގެ ރައީސް ޖޮއާން ލަޕޯޓާ އެވެ. ޖެނުއަރީ މަހުގެ ޓްރާންސް ނިމުމުގެ ކުރިން އިތުރު ފޯވާޑެއް ހޯދަން ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އެދުނު ގޮތަށް ލަޕޯޓާ މި ވަނީ އޮބާމަޔަންގެ ސޮއި ހޯދައިދީފަ އެވެ. ބާސެލޯނާ އިން ފުރަތަމަ ބެލީ ޔުވެންޓަސް އަށް ކުޅެމުން އަންނަ އަލްވާރޯ މޮރާޓާ ލިބޭތޯ އެވެ. އެކަމަކު، އެކަން ކާމިޔާބެއްނުވެ، އޮބާމަޔަންގެ ޑީލުން ފަރުޖައްސާލީ އެވެ.

އާސެނަލުން ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓްގައި ގެންނަން އެންމެ ބޮޑަށް ފާރަލީ ސާބިއާގެ ފޯވާޑް ޑޫސާން ވްލަހޮވިޗް އެވެ. އޭނާ ވަނީ އާސެނަލްގެ ހުށަހެޅުމަށް ނޫނެކޭ ބުނެ، ފިއޮރެންޓީނާ ދޫކޮށް ޔުވެންޓަސް އަށް ސޮއިކޮށްފަ އެވެ.

އޮބާމަޔަން، ޓްރާންސްފާގެ ފަހު ދުވަހު އާސެނަލް ދޫކޮށްލުމުން އެ ޓީމުން ސީޒަންގެ ފަހު ބަޔާ ކުރިމަތިލާން ޖެހިފައި މިވަނީ ދެ ސީނިއާ ސްޓްރައިކަރުން ގޮވައިގެންނެވެ. އެއީ އަލެކްސަންޑަ ލަކަޒޭޓާއި އެޑީ އެންކެޓިއޭ އެވެ.