Advertisement

ހާާއްސަ މެޑިކަލް ޓެސްޓުން ވެސް ފާސްވެ އެރިކްސަން ބްރެންޓްފޯޑަށް

31 ޖަނަވަރީ 2022 - 16:00 0


ހާާއްސަ މެޑިކަލް ޓެސްޓުން ވެސް ފާސްވެ އެރިކްސަން ބްރެންޓްފޯޑަށް

31 ޖަނަވަރީ 2022 - 16:00 0

ލަންޑަން (ޖެނުއަރީ 31) - މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން ހާޓްއެޓޭކެއް ޖެހިގެން ދަނޑުންބޭލި ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސަން ހަ މަސް ދުވަހުގެ އެއްބަސްވުމެއްގައި އިނގިރޭސި ޕްރިމިއާ ލީގުގެ ބްރެންޓްފޯޑަށް ސޮއިކޮށްފި އެވެ.

އެރިކްސަން، އަށް ބްރެންޓްފޯޑާ ގުޅެވުނީ އިނގިރޭސި ޕްރިމިއާ ލީގުން އެންގި ހާއްސަ މެޑިކަލް ޓެސްޓްތަކެއް ފުރިހަމަކުރުމަށް ފަހު އެވެ.

މިދިޔަ އަހަރުގެ ޔޫރޯގައި ޑެންމާކަށް ކުޅެނިކޮށް އެރިކްސަން ،29، އަށް ހިތުގެ މައްސަލަ ދިމާވި ފަހުން އޭނަ އަދި ވާދަވެރި މެޗެއް ނުކުޅެ އެވެ. ހިތުގެ މައްސަލައާ ގުޅިގެން، އެރިކްސަން ވަނީ ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) ލައްވައިފަ އެވެ.

އައިސީޑީއެއް ލައްވައިގެން، އިޓާލިއަން ލީގުގައި ނުކުޅެވޭތީ، އިޓަލީގެ އިންޓަ މިލާނުން ވަނީ އޭނާގެ ކޮންޓްރެކްޓުން ރިލީސްކޮށް، ދޫކޮށްލައިފަ އެވެ. އެކަމަކު، އިނގިރޭސި ޕްރިމިއާ ލީގުގައި އައިސީޑީއެއް ލައްވައިގެން ވެސް ކުޅުމަށް ހުރަހެއް ނެތެވެ. އެއީ ހާއްސަ މެޑިކަލް ޓެސްޓްތަކެއް ކުރިއަށްގެންގޮސް އޭގެއިން ފާސްވެއްޖެނަމަ އެވެ. އެރިކްސަން ފާއިތުވި ދެ ދުވަސް ތެރޭ ވަނީ އެ ހުރިހާ މެޑިކަލް މަރުހަލާއެއް ފުރިހަމަކޮށްފަ އެވެ.

"ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް ބްރެންޓްފޯޑަށް ގެންނަން ލިބުނު ފުރުސަތުގެ ބޭނުން މި ހިފީ،" ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރޭންކް ބުންޏެވެ. "ޓީމަކާއެކު އެނާ ޓްރެއިން ނުކުރާތާ ހަތް މަސްވެއްޖެ. އެކަމަކު އޭނާ ހުރީ ފިޓުކޮށް. އަހަރެމެންގެ ޖެހޭނީ އޭނާ މެޗު ފިޓުކުރަން.,"

އިންޓަގެ ކޮންޓުރެކްޓް ބާތިލްކުރުމަށް ފަހު، އެރިކްސަން ވަނީ އޭނާގެ ޔޫތު ކެރިއަރުގައި ކުޅުނު ޑެންމާކްގެ ކްލަބު އޮޑެންސީ ބޯލްޑްކްލުބް (އޯބީ)ގައި އިންޑިވިޑުއަލް ޓްރެއިނިންތައް ކުރިއަށް ގެންގޮސްފަ އެވެ. ފަހުން އަޔަކްސްގެ ޔޫތު ޓީމާ އެކު އެރިކްސަން ވަނީ ޓީމު ޓްރެއިނިންގެ ބައެއް ސެޝަންތަކެއްގައި ވެސް ބައިވެރިވެފަ އެވެ.

މި މަހުގެ ކުރީކޮޅު ޑެންމާކްގެ މީޑިއާއަކާ ވާހަކަދައްކަމުން އެރިކްސަން ބުނީ އޭނާ އުންމީދަކީ އަލުން ގައުމީ ޓީމަށް ކުޅެން ފެށުން ކަމަށެވެ.

އެރިކްސަން އަލުން ޕްރިމިއާ ލީގަށް އައިއިރު، މީގެ ކުރިން އޭނާ ވަނީ އިންގްލެންޑްގެ ޓޮޓެންހަމް ހޮޓްސްޕާސް އަށް ކުޅެފަ އެވެ. އަޔަކްސް އާމްސްޓެޑާމް ދޫކޮށް އެރިކްސަން 2013 ވަނަ އަހަރު ޓޮޓެންހަމަށް ބަދަލުވީ 14 މިލިއަން ޑޮލަރަށެވެ. ޓޮޓެންހަމަށް ކުޅުނު ހަތް އަހަރުގައި އެރިކްސަން ވަނީ އެ ޓީމަށް ކުޅެދިން 305 މެޗުގައި 69 ގޯލު ޖަހައި 90 ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. ޓޮޓެންހަމް ދޫކޮށް އެރިކްސަން، އިންޓަ މިލާނަށް ބަދަލުވީ 2020 ވަނަ އަހަރު ޖެނުއަރީގަ އެވެ. އޭނާ ވަނީ މިދިޔަ ސީޒަނުގައި އިންޓަ އިން 10 އަހަރު ތެރޭ ފުރަތަމަ ފަހަރަށް އިޓާލިއަން ލީގު ޗެމްޕިއަންކަން ހޯދިއިރު، މުހިންމު ގޯލުތަކެއް ޖަހައިފަ އެވެ.