Advertisement

ޕީއެސްޖީ، ޔުނައިޓެޑް އަދި ޗެލްސީ ވެސް ޑެމްބެލޭ ހޯދުމުގެ ރޭހަށް

31 ޖަނަވަރީ 2022 - 12:33 0


ޕީއެސްޖީ، ޔުނައިޓެޑް އަދި ޗެލްސީ ވެސް ޑެމްބެލޭ ހޯދުމުގެ ރޭހަށް

31 ޖަނަވަރީ 2022 - 12:33 0

ޕެރިސް، ފްރާންސް (ޖެނުއަރީ 31) - ބާސެލޯނާ ދޫކޮށްލަން ނިންމާފައިވާ އޮސްމާނޭ ޑެމްބެލޭ ހޯދުމުގެ މަސައްކަތް ފްރާންސްގެ ޕީއެސްޖީގެ އިތުރުން އިނގިރޭސި ދެ ކުލަބު ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީން ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ޑެމްބެލޭ، 24، ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާނެ އެވެ. ޑެމްބެލޭ ދޫކޮށްލައިގެން ބާސެލޯނާ އަށް ޓްރާންސްފާ ފީއެއް ހޯދޭނީ މި މަސްތެރޭ އޭނާ ވިއްކާލައިގެންނެވެ.

ބާސެލޯނާ އިން ޑެމްބެލޭ މަޑުކުރުވާނަމަ އެކަން ކުރަން ބޭނުންވަނީ ކުޑަ މުސާރައެއް ދޭ ކޮންޓްރެކްޓަކަށެވެ. އެކަމަކު، ޑެމްބެލޭ ބޭނުންވަނީ އާ ކޮންޓްރެކްޓެއްގައި ސޮއިކުރާއިރު، ބޮޑު މުސާރައެކެވެ. އެ ގޮތަށް އެކަން ކުރެވެން ނެތުމުން، ބާސެލޯނާއިން ވަނީ މި މަހުގެ ޓްރާންސްފާ ބާޒާރު ނިމުމުގެ ކުރިން އެހެން ކުލަބަކަށް ބަދަލުވާން ޑެމްބެލޭ އަންގައިފަ އެވެ.

ޑެމްބެލޭ ހޯދުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުން އަންނަނީ ފްރާންސްގެ ޕީއެސްޖީންނެވެ. ފްރާންސްގެ ބައެއް މީޑިއާތަކުން ރިޕޯޓްކުރާގޮތުގައި ޕީއެސްޖީއާ ގުޅުމަށް ޑެމްބެލޭ ވަނީ އަނގަބަހުން އެއްބަސްވުމަކަށް އަތުވެފަ އެވެ. ބާސެލޯނާ އިން ޑެމްބެލޭ ވިއްކަން ކަނޑައަޅާފައިވާ އަގަކީ 20 މިލިއަން ޔޫރޯ (25 މިލިއަން ޑޮލަރު) އެވެ.

ބޮރޫޝިއާ ޑޯޓްމަންޑަށް ބޮޑު ޓްރާންސްފާ ފީއެއް ދެއްކުމަށް ފަހު ބާސެލޯނާ އިން 2017 ވަނަ އަހަރު ޑެމްބެލޭ ގަތީ އެ ފަހަރު ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވި ނޭމާގެ މަގާމަށެވެ. އެކަމަކު، އަނިޔާގެ ސަބަބުން ޑެމްބެލޭ އަށް ބާސެލޯނާގައި ރަނގަޅު ކުޅުމެއް ދެއްކޭ ގޮތެއް ވަނީ ނުވެފަ އެވެ.

ޑެމްބެލޭ ހޯދުމުގެ ރޭހުގައި ޕީއެސްޖީ އަށް އޮތް އެޑްވާންޓޭޖަކީ އެ ޓީމަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް މައުރޯ އިކާޑީ ބާސެލޯނާ އަށް ދީފައި ބަދަލުގައި ޑެމްބެލޭ ގެނައުމެވެ. އެ ޑީލަށް އޮތް ހުރަހަކީ ބާސެލޯނާ އިން އިކާޑީ ބޭނުންވާ މުސާރަ ދޭން ދެކޮޅު ހެދުމެވެ.

ފްރާންސް ގައުމީ ޓީމަށް ވެސް ކުޅޭ ޑެމްބެލޭ ހޯދުމަށް ޗެލްސީ އާއި ޔުނައިޓުން ކުރާ މަސައްކަތުގައި ގިނަ ގޮންޖެހުންތަކެއް އެބަހުއްޓެވެ. ޔުއެފާ ފައިނެންޝަލް ފެއާ ޕްލޭގެ ގަވާއިދުތަކާއި އެއްގޮތަށް ޔުނައިޓެޑާއި ޗެލްސީއަށްވެސް ޑެމްބެލޭ ސޮއިކުރެވެން އޮތީ އެކުލަބުން ބައެއް ކުޅުންތެރިން ވިއްކާލައިގެން ނޫނީ ބޮޑު މުސާރައިގައި ތިބި ބައެއް ކުޅުންތެރިން މި ވަގުތަށް ލޯން އުސޫލުން ދޫކޮށްލައިގެންނެވެ.

ޓްރާންސްފާ މާކެޓް މާދަމާގެ ނިޔަލަށް ބަންދުވާއިރު، ބާސެލޯނާ އިން އަންނަނީ މިހާރު އާ ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެކަމަކު، ފޯވާޑެއް ގަތުމުގެ ކުރިން ޑެމްބެލޭ ދޫކޮށްލަން ބާސެލޯނާ އަށް ޖެހޭނެ އެވެ. އެއީ ބާސެލޯނާގެ މާލީ ހާލަތު ހުރި ގޮތުން ޑެމްބެލޭގެ ކޮންޓްރެކްޓް މި ވަގުތު ނިމުމަކަށް ގެނެސްގެން ބާސެލޯނާ އަށް އިތުރު ކުޅުންތެރިއަކު ރަޖިސްޓްރީކުރަން މަގުފަހިވާނެ އެވެ. ފޯވާޑްގެ މަގާމަށް ބާސެލޯނާ އިން ލިބޭތޯ މަސައްކަތް ކުރަނީ ޔުވެންޓަސްގައި ހުރި ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާ އެވެ.