Advertisement

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އީސީ ތައްޔާރު، ވޯޓު ފޮށިތައް ފޮނުވައިފި

30 ޖަނަވަރީ 2022 - 12:21 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

މިދިޔަ އަހަރު ލޯކަލް ކައުންސިލް އިންތިހާބުގެ ތެރެއިން: ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިއްޔެ ވަނީ އީސީން އާންމުކޮށްފައި--


ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް އީސީ ތައްޔާރު، ވޯޓު ފޮށިތައް ފޮނުވައިފި

30 ޖަނަވަރީ 2022 - 12:21 0

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ތައްޔާރު ވެފައިވާ ކަމަށާއި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ކުރަން ޖެހޭ ހުރިހާ ކަމެއް ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވަނީ އެމްޑީޕީގެ ފަރާތުން މުހައްމަދު ރާޝިދާއި ޕީޕީއެމްގެ ފަރާތުން މޫސާ ފަތުހީގެ އިތުރުން އެމްއެންޕީގެ ފަރާތުން އަބްދުލްހަންނާން އިދުރީސް އެވެ.

ކޮމަންޑޫ ދާއިރާގެ އިލެކްޝަންގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅިގެން މައުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު "އަދަދު" އަށް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ތިން ރަށުގެ އިތުރުން މާލޭގައި ވެސް ވޯޓު ފޮއްޓެއް ބަހައްޓާނެ ކަމަށެވެ. އެއީ ކޮންމެ ރަށަކަށް ދެ ފޮށީގެ އިތުރުން މާލޭ އިސްކަންދަރު ސްކޫލުގައި ބަހައްޓާ ތިން ފޮއްޓެވެ. އަދި، އެ ތިން ރަށަށް ވޯޓު ފޮށިތައް މިހާރު ފޮނުވާފައިވާ ކަމަށްވެސް ހަބީބު ވިދާޅުވި އެވެ.

މީގެ އިތުރުން ހަބީބު ވިދާޅުވީ ކޮމަންޑޫ ދާއިރާގެ ވޯޓު ކަރުދާސްތައް ގެންދާނީ ތިން ވަނަ ދުވަހު ކަމަށާއި ކަރުދާސް ހިފައިގެން ދާއިރު ދާނީ ކޮންމެ ވޯޓު ފޮއްޓަކަށް އަށް މީހުން ކަމަށެވެ.

"އީސީން މިހާރު ވަނީ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ވަރަށް ތައްޔާރުވެފައި،" ހަބީބު ވިދާޅުވި އެވެ.

ބައި އިލެކްޝަނަށް ތައްޔާރުވެފައި ވާއިރު އެ ދާއިރާގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓު އިއްޔެ ވަނީ އާންމުކޮށްފަ އެވެ.

އެ ލިސްޓްގައިވާ ގޮތުން ބައި އިލެކްޝަންގައި ވޯޓް ދިނުމުގެ ހައްގު އެ ދާއިރާގެ ތިން ރަށް ކަމަށްވާ ކޮމަންޑޫ އާއި ފޯކައިދޫ އަދި މަރޮށީގެ 3،309 މީހަކަށް ލިބިގެންވެ އެވެ. އެއީ ފެބްރުއަރީ ފަސްވަނަ ދުވަހުގެ ނިޔަލަށް އުމުރުން 18 އަހަރު ފުރޭ އެ ދާއިރާއަށް ނިސްބަތްވާ މީހުންގެ އަދަދެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕެއިންގެ ހަރަކާތްތައް ވާދަކުރާ ޕާޓީތަކުގެ ފަރާތުން އަންނަނީ ފޯރިއާއެކު ކުރިޔަށް ގެންދަމުންނެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ތާއިދު ކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީން ވަނީ ނިންމާފަ އެވެ. އެމްއާރުއެމްއިން ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރެ އެވެ.

އިންތިހާބަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް އެ ދާއިރާގައި ގިނަ މަޝްރޫއުތަކެއް ސަރުކާރުން ފެށުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި ވަނީ ކޮމަންޑޫ އާއި އެ ރަށާ ޖެހިގެން އޮންނަ ކުޑަ ފަޅު ރަށް މަތިކޮމަންޑޫ ގުޅާލުމަށް ސަރުކާރުން ފެށި ޕްރޮޖެކްޓަށެވެ.

އެއީ އިންތިހާބަށް ނުފޫޒު ފޯރުމުގެ ގޮތުން ކުރިޔަށްގެންދާ ޕްރޮޖެކްޓެއް ކަމަށް ބުނެ އަމިއްލަ ފަރާތަކުން ވަނީ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ވެސް ހުށަހަޅާފަ އެވެ.