Advertisement

ހާލަތުގެ ފައިދާނަަގައި ޔުވެންޓަސް އާއި ބާސެލޯނާ އިން އޮބާމަޔަން އަށް ފާރަލަނީ

30 ޖަނަވަރީ 2022 - 12:12 0


ހާލަތުގެ ފައިދާނަަގައި ޔުވެންޓަސް އާއި ބާސެލޯނާ އިން އޮބާމަޔަން އަށް ފާރަލަނީ

30 ޖަނަވަރީ 2022 - 12:12 0

ލަންޑަން (ޖެނުއަރީ 30) - އާސެނަލްގެ ފޯވާޑް ޕިއޭ އެމެރިކް އޮބާމަޔަން ހޯދަން ޔުވެންޓަސް އާއި ބާސެލޯނާ އިން މަސައްކަތް ފަށައިފި އެވެ.

ކޮވިޑްގެ ދުވަސްވަރު އާސެނަލް އިން އަމަލުކުރަމުން އައި ގަވާއިދުތަކަށް ތަކުރާރުކޮށް ބޯނުލެބުގެ ސަބަބުން އޮބާމަޔަން، 32، މިވަގުތު ހުރީ އާސެނަލް ޓީމުން ބާކީކޮށްފަ އެވެ. އޭނާ ފަރިތަކުރަމުން ވެސް އަންނަނީ ޓީމާ ވަކިންނެވެ. މިވަގުތު ދުބާއީގައި ތަމްރީން ހަދަމުން އަންނަ އާސެނަލް ސްކޮޑުގައި ވެސް އޮބާމަޔަން ނުހިމެނެ އެވެ.

އާސެނަލް އަށް މެޗެއް ކުޅުނުތާ ދޮޅު މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އޮބާމަޔަން ހޯދުމަށް ޔުވެންޓަސް އާއި ބާސެލޯނާ އިން އަންނަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މި ސީޒަން ނިމެންދެން ލޯން އެއްބަސްވުމެއްގެ ދަށުން އޮބާމަޔަން ގެންދަން ދެ ކުލަބުން ވެސް އޮތީ ތައްޔާރަށެވެ.

ނަމަވެސް ދެ ޓީމަށްވެސް އޮބާމަޔަން ގަތުމުގައި ގޮންޖެހުންތަކެއް އެބަހުއްޓެވެ.

ޔުވެންޓަސް އަށް އޮބާމަޔަން ގަނެވެން އޮތީ ލޯން އުސޫލުން އެކުލަބުގައި ހުރި އަލްވާރޯ މޮރާޓާ އެހެން ކުލަބަކަށް ބަދަލުވެގެންނެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން މޮރާޓާ ގެންދަން ޝައުގުވެރިވާ އެއް ކުލަބް އަކީ ބާސެލޯނާ އެވެ. އެޓީމްގެ މިހާރުގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބޭނުންވަނީ ފޯވާޑް ލައިނުގައި ޕައުލޯ ޑީބާލާއާ އެކު އަލަށް އެޓީމާ ގުޅުނު ޑުސާން ވްލަހޮވިޗް އާއި އޮބާމަޔަންގެ ކޮމްބިނޭޝަނެއް ގާއިމްކުރާށެވެ.

އޮބާމަޔަން، ބާސެލޯނާ އަށް ގެންދެވެން އޮތީ އޭނާ މިހާރު ކުޅެމުން އަންނަ މުސާރަ އަށް ވުރެ ކުޑަ އަދަދަކަށެވެ. ބާސެލޯނާގެ މާލީ ހާލަތަށް ބަލާއިރު، އޮބާމަޔަން އަށް ހަފްތާ އަކު 350،000 ޕައުންޑް ދިނުމަކީ އުނދަގޫ ކަމެކެވެ. ބާސެލޯނާ އިން މިހާރު ވެސް އަމަލުކުރަމުން އަންނަ އެއް އުސޫލަކީ ބޮޑު މުސާރަ ލިބޭ ކުޅުންތެރިންގެ ކޮންޓްރެކްޓް ދަށް ކުރުމެވެ. މި ފަދަ ހާލަތެއްގައި ބޮޑު މުސާރައެއްގައި އޮބާމަޔަން ގެނެވޭނެ ކަމަށް ނުފެނެ އެވެ.

އާސެނަލާ އެކު އޮބާމަޔަން ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ޖަރުމަންގެ ބޮރޫޝިއާ ޑޯޓްމުންޑުން 2018 ވަނަ އަހަރު އާސެނަލް އަށް ބަދަލުވި އޮބާމަޔަން ވަނީ އެކުލަބަށް ކުޅެދިން 163 މެޗުގައި 92 ގޯލް ޖަހާފަ އެވެ.

އާސެނަލްގެ ކެޕްޓަން ބޭންޑް އަތުލުމަށްފަހު އޮބާމަޔަން ބާކީކޮށްފައި ބަހައްޓަން ނިންމީ އޭނާގެ އާއިލާ އާއި ބައްދަލުކުރުމަށް މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ފްރާންސަށް ދިޔަ ދަތުރަށް ފަހު އެނބުރި ލަންްޑަނަށް އަންނަން ކުލަބުން އެންގި ދުވަހު އެނބުރި ނައުމުގެ ސަބަބުންނެވެ. އާއިލާއާ ބައްދަލުކުރަން ކަމަށް ބުނެ، އޮބާމަޔަން ދިޔަ ދަތުރުގެ ތެރެއިން އޭނާ ވަނީ ރަށްޓެހިންނާ އެކު ފްރާންސްގެ އެކި ތަންތަނަށް ގޮސްފަ އެވެ. ރިޕޯޓްތައް ބުނާގޮތުން އާސެނަލުން ހިތްހަމަނުޖެހުނީ އެހެންވެ އެވެ.

އޭގެ ކުރިން ކޮވިޑާއި ގުޅިގެން ކުލަބުން ހަދާފައިވާ ޕްރޮޓޮކޯލް އާއި ޚިލާފުވެފައިވާތީ އޭނާ އަށް ވިޔަވަޅު އެޅި އެވެ.