Advertisement

ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް ދާރުލްއާސާރެއް

29 ޖަނަވަރީ 2022 - 15:38 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު: އެ މަރުކަޒު އެ ގަނޑުވަރުގެ އިރުމަތި ފަރާތުގައި ހުންނަ ބާ ސްކޫލު އިމާރާތުގެ ތިން ކްލާސްރޫމް ގުޅުވައިގެން ދާރުލްއާސާރެއް ހަދަނީ -- ފޮޓޯ: ހުސައިން އަރުބާން ފައްވާޒް / އަދަދު


ބޮޑުތަކުރުފާނު ހަނދާނީ މަރުކަޒަށް ދާރުލްއާސާރެއް

29 ޖަނަވަރީ 2022 - 15:38 0

ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ފުރިހަމަ ޒަމާނީ ކޮމްޕްލެކްސްއެއްގެ ގޮތުގައި ތަރައްގީކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެތަނުގައި ދާރުލްއާސާރެއް އެޅުމަށް ނިންމައިފި އެވެ.

ރާއްޖޭގެ އާސާރުތައް ހިމާޔަތް ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެން އުފެއްދި ހެރިޓޭޖް މިނިސްޓްރީ އިން އިއްޔެ ވަނީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ދާރުލްއާސާރެއް އަޅާނެ ފަރާތެއް ހޯދުމަށް އިއުލާނުކޮށްފަ އެވެ.

އެ ގަނޑުވަރުގެ އިރުމަތީ ފަރާތުގައި ހުންނަ ބާ ސްކޫލު އިމާރާތުގެ ތިން ކްލާސްރޫމް ގުޅުވައިގެން ދާރުލްއާސާރު ހަދަން ބީލަމަށް ހުޅުވާލާނީ އަންނަ މަހުގެ 15 ވަނަ ދުވަހު އެެވެ. އޭގެ ކުރިން އެ ބިޑާއި ގުޅޭގޮތުން މައުލޫމާތު ދިނުން އޮންނާނެ އެވެ.

މި މަސައްކަތާއި ގުޅޭ ގޮތުން ހެރިޓޭޖް މިނިސްޓްރީގެ ކޮމިޔުނިކޭޝަން ޑިރެކްޓަރ، އިސްމާއިލް ނާއިލް މި ނޫހަށް ވިދާޅުވި ގޮތުގައި އެ ދާރުލްއާސާރު ހާއްސަ ކުރަނީ ބޮޑުތަކުރުފާނާއި ގުޅޭ ހުރިހާ އާސާރަކަށެވެ.

"މިއުޒިޔަމްގައި ހުންނާނީ ބޮޑުތަކުރުފާނާ އަދި އުތީމާ ގުޅޭ ހުރިހާ އާސާރެއް. އޭގެ ތެރޭގައި މިހާރު ބޮޑުތަކުރުފާނުގެ ހަދާނީ މަރުކަޒުގައި ރައްކާތެރިކުރެވިފައި ހުރި ބައެއް އާސާރީ އެއްޗެހި ވެސް މިއުޒިޔަމް ތަރައްގީ ކުރުމާއި އެކު ބަދަލުކުރެވިގެން ދާނެ،" ނާއިލް ވިދާޅުވި އެވެ.

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު: އުތީމުން ފެނުނު އާސާރުތައް ޑިސްޕްލޭކޮށްފައި މިހާރު ހުރީ ހަމައެކަނި މި ހަރުގަނޑުގައި -- ފޮޓޯ: ހުސައިން އަރުބާން ފައްވާޒް / އަދަދު


އޭނާ ބުނީ އެ މަޝްރޫއުގެ އަގު ކަނޑައަޅާނީ ބިޑަށް ފަހުގައި ކަމަށެވެ. އަދި ބިޑު ކާމިޔާބުކުރާ ފަރާތާ އެ މަޝްރޫއުގެ މަސައްކަތް ހަވާލުކުރާއިރު، އެ މަސައްކަތް ނިންމަން ކަނޑައަޅާ މުއްދަތުވެސް އިއުލާނު ކުރާނެ ކަމަށް ވިދާޅުވި އެވެ.

އެ މަސައްކަތުގެ އިތުރުން 2020 ވަނަ އަހަރު އެ މަރުކަޒުގައި ހަތަރު ކޮޓަރި އާއި ފަސް ފާހާނަ ހިމެނޭހެން އެކޮމޮޑޭޝަން ބްލޮކްތަކެއް ތަރައްގީކޮށްފައިވެ އެވެ. އެ އަހަރުގެ ބަޖެޓްގައި 1.6 މިލިއަން ރުފިޔާ އެ މަރުކަޒު ތަރައްގީކުރަން ކަނޑައެޅި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ގައުމުގެ އިގްތިސޯދަށް އައި ލޮޅުމާއި އެކު އެ އެހަރަދު ކުރުން މަޑުޖައްސާލި އެވެ.

އެގޮތުން، ގައުމުގެ އިގްތިސޯދީ ހާލަތު ރަނގަޅުވުމާއި އެކު މި އަހަރުގެ ބަޖެޓުގައި އެކަންކަން ހިމެނުމަށްފަހު، އަލުން އެ މަސައްކަތް ހެރިޓޭޖުން ފެށި އެވެ. އެ ވުޒާރާގެ އަމާޒަކީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު ފުރިހަމަ ޒަމާނީ ކޮމްޕްލެކްސްއެއްގެ ގޮތުގައި ތަރައްގީ ކުރުމެވެ. މި ކޮމްޕްލެކްސްގައި ދާރުލްއާސާރަކާއި، ބޮޑެތި ޖަލްސާތައް ބޭއްވޭނެ މަލްޓި ޕާޕަސް ހޯލަކާއި އަދި ސުވެނިއަރ ފިހާރަތަކާއި ކެފޭ ރެސްޓޯރެންޓްތައް ހިންގުމަށް ވަނީ ނިންމާފަ އެވެ.