Advertisement

ހިޔާގެ އަލިފާނުގެ ހާދިސާތަކާއި ގުޅިގެން ވެރިންގެ ޖިނާއީ ތަހުގީގު ފަށައިފި

27 ޖަނަވަރީ 2022 - 17:04 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ހިންގި އަލިފާނުގެ ހާދިސާއެއްގައި، ބައެއް ތަކެއްޗަށް ގެއްލުން ވެފައި: ކުޑަކުދިންނަށް ޒިންމާވާ މަގާމުތަކުގައި ތިބޭ މީހުން މަސްލޫކިއްޔަތު އަދާ ނުކުރާ ނަމަ ފިޔަވަޅު އަޅަމުންގެންދާނެ-- ފޮޓޯ: އެމްއެންޑީއެ


ހިޔާގެ އަލިފާނުގެ ހާދިސާތަކާއި ގުޅިގެން ވެރިންގެ ޖިނާއީ ތަހުގީގު ފަށައިފި

27 ޖަނަވަރީ 2022 - 17:04 0

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހިނގި އަލިފާނުގެ ހާދިސާތަކާ ގުޅިގެން އޭރު ތިބި ވެރިންނާ މެދު ޖިނާއީ ތަހުގީގެއް ހިންގަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުޑަކުދިން ބަލަހައްޓަމުންދިޔަ، ކުޑަކުދިންގެ ހިޔާ ހިންގަމުން ދިޔައީ އެތަން ހިންގަމުން ދިޔަ ތަނަކީ، "ކުޑަކުދިން ބޭތިއްބުމަށް އެކަށީގެންވާ ތަނެއް ނޫން ކަމަށް" މެއި 4، 2021 ގައި ޗިލްޑަރެންސް އޮމްބަޑްސްޕާސަންގެ އޮފީހުން އަންގާފައި އޮއްވާ ކަމަށްވެސް އެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. އަދި، އެތަނުގައި ތިބި ކުދިންގެ ދިރިހުރުމުގެ ހައްގަށް ބެލުމެއް ނެތި ކަމަށް ވެސް މި ބަޔާނުގައި ވެ އެވެ.

އެހެން ކަމުން ހިޔާގެ އަލިފާނުގެ ހާދިސާތަކާ ގުޅިގެން އިސް ވެރިން ޒިންމާދާރު ކުރެވޭނެ ގޮތަށް ޖިނާއީ ތަހުގީގެއް ހިންގުމަށް އޮމްބަޑްސްޕާސަންގެ އޮފީހުން އެދިފައި ވަނީ މި މަހުގެ 17 ވަނަ ދުވަހު އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު "އަދަދު" އަށް ވިދާޅުވީ ހިޔާގައި ހިންގި އަލިފާނުގެ ހާދިސާތަކާ ގުޅިގެން ވެރިންގެ ޖިނާއީ ތަހުގީގެއް ހިންގުމަށް އޮމްބަޑްސްޕާސަން އޮފީހުން އެދިފައި ވާތީ މިހާރު އެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

ނަމަވެސް ތަހުގީގު ހިންގަނީ ކޮން ބަޔަކަށް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފައި ވަނީ ޖެންޑާ މިނިސްޓްރީން ކުޑަކުދިންގެ ހިޔާ ހިންގަމުންދިޔައީ "މި އެންގުމަށް ސަމާލުކަންނުދީ، އަލިފާނުން ރައްކާތެރިކުރުމަށް ބޭނުންވާނެ ސާމާނު ހޯދުމެއް ނެތި" ކަމަށެވެ. އަދި "އަލިފާނުގެ ހާދިސާތަކުން ކުޑަކުދިންނާއި ތަން ރައްކާތެރިކުރުމަށް ބޭނުންވާނެ ފިޔަވަޅުތައް އެޅުމެއްނެތި" ހިޔާ ހިންގާފައި ވަނީ އެތަނުގައި ތިބި ކުޑަކުދިންގެ ދިރިހުރުމުގެ ހައްގާއި ހެދިބޮޑުވުމުގެ ހައްގަށް އުނިކަން އަންނާނެ ގޮތަށް ކަމަށެވެ.

"އަލިފާނުގެ ހާދިސާތަކާ ގުޅިގެން، މަރުކަޒުގެ މަސްއޫލު މަގާމުތަކުގައި ތިބި މުވައްޒަފުން ޖަވާބުދާރީ ކުރުވޭނެހެން ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް، ދިވެހި ފުލުހުންގެ ހިދުމަތުގައި ވާނީ އެދިފަ،" އޮމްބަޑްސްޕާސަން އޮފީހުން ބުނެފައިވެ އެވެ.

އޭގެ ފަހުން، "ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމުގެ ޒިންމާ" އޮތް މުވައްޒަފުން މަސްއޫލިއްޔަތު އަދާނުކުރާނަމަ ފިޔަވަޅު އަޅަމުންގެންދާނެ ކަމުގެ އިންޒާރު ވެސް އެ އޮފީހުން ދީފައިވެ އެވެ.

އޭގެ އިތުރުން، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާނެ ގޮތުގެ އުސޫލުތައް އެކުލަވާލުމަކީ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސާވިސާސްގެ ގާނޫނީ ޒިންމާއެއް ނަމަވެސް، މިހާތަނަށް އެފަދަ އުސޫލުތައް ކަނޑައަޅާފައިނުވާ ކަމަށް އޮމްބަޑްސްޕާސަންގެ އޮފީހުން ބުނެފައިވެ އެވެ.

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި 13 އަހަރާއި 18 އަހަރާ ދެމެދުގެ ކުދިން ބެލެހެއްޓުމަށް އެންމެ ފުރަތަމަ ހާއްސަކުރި ތަނުގައި ވަނީ މިދިޔަ އަހަރު އަލިފާނުގެ ހަތަރު ހާދިސާއެއް ހިނގައިފަ އެވެ. އެ ތަނުގައި އެންމެ ފުރަތަމަ އަލިފާން ރޯވީ ކުދިންތަކެއް ނިދާ ކޮޓަރިއެއްގަ އެވެ. އެ ކޮޓަރި ވަނީ ބޭނުން ނުކުރެވޭ ވަރަށް ގެއްލުންވެފަ އެވެ.