27 ޖަނަވަރީ 2022 - 04:17 0
އާއިޝަތު މިހުނާ ނާސިހް
27 ޖަނަވަރީ 2022 - 04:17 0
މިދިޔަ ދެ ހަފްތާއެއްހާ ދުވަހު ޓްވިޓާ ހާވާ ބަލައިފިނަމަ ނުލާ ރީނދުލާ އަޅިކުލައިގެ ގޮޅިތަކެއް ހަމަގައިމުވެސް ލޮލުގައި އަޅައިގަނެފައި ހުންނާނެކަން ޔަގީނެވެ. ތަފާތު ދެ ނަންބަރަކާއިއެކު މާ ފޯރިގަދަ ކޮށްލައިގެން އެންމެން މި ޖަހާ ސަކަރާތަކީ "ވޯޑްލް" ކުޅުމެވެ.
ވާޑްލްއަކީ ނިއުޔޯކްގެ ސޮފްޓްވެއާ އިންޖިނިއަރެއްކަމުގައިވާ ޖޯޝް ވޯޑްލް އޭނާގެ ބައިވެރިޔާ ޕަލަކް ޝާހް އަށް އުފެއްދި ގޭމެކެވެ.
ޕަލަކް ޝާހް އަކީ މިފަދަ ލަފްޒު ގޭމްތަކަށް ވަރަށް ލޯބިކުރާ މީހެއްކަމުން މިއީ އޭނާ އަށް ލިބުނު ވަރަށް ހާއްސަ ހަދިޔާއަކަށްވި އެވެ. ގިނަ ދުވަސްތަކެއް ވާންދެން ދެ ލޯބިވެރިން އެކުގައި މި ގޭމު ކުޅުނުއިރު ދެ ފަރާތު އާއިލާއަށްވެސް ގޭމް އެހާމެ ކަމުދިޔަ އެވެ.
އެއަށްފަހު މި ގޭމު އެންމެނަށް ކުޅެވޭނެހެން އާންމުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އޭރު މި ގޭމުގައި އެންމެ 90 މީހުން ބައިވެރިވިއިރު އޭގެ ދެ މަސް ފަހުން, ޖެނުއަރީގައި މި ގޭމު ކުޅުނު މީހުންގެ އަދަދު 300,000 އަށް ވަނީ އަރާފަ އެވެ.
ވޯޑްލްއަކީ ދުވާލަކު އެއް ފަހަރު ކުޅެވޭ ގޮތަށް ތައްޔާރުކުރެވުނު ވޯޑް ގޭމެކެވެ. އެއްވެސް އެޕްލިކޭޝަންއެއް ޑައުންލޯޑް ކުރުމަކާ ނުލާ ވެބް ބްރައުސާގައި ވެސް މި ގޭމު ކުޅެވޭނެ އެވެ.
ގޭމަށް ލިބުނު ބޮޑު ތަރުހީބާއި އެކު މިދިޔަ އަހަރުގެ ޑިސެމްބަރު 29 ގައި, އެހެން ސޮފްޓްވެއާ އިންޖިނިއަރެއްކަމުގައިވާ ކެތެރިން ޕީޓާސަން ވަނީ ދުވާލަކު އެއްފަހަރަށްވުރެ ގިނައިން މި ގޭމް ކުޅެވޭނެ ވާޝަންއެއް ވެސް ނެރެފަ އެވެ.
ވޯޑްލް ކުޅުމަކީ އުނދަގޫކަމެއް ނޫނެވެ. ކުރަންޖެހޭހާވެސް ކަމަކީ ފަސް އަކުރުގެ ލަފްޒެއް ދިމާކުރުމެވެ. އެ ލަފްޒު ދިމާކުރުމަށް އެހީއެއްގެ ގޮތުގައި ތަފާތު ތިން ބަހެއް ކޮންމެ މީހަކަށް ވެސް ފެންނާނެ އެވެ. އެެއަށްފަހު ލަފްޒު ދިމާކުރަން ހަ ފުރުސަތު ލިބޭއިރު ކޮންމެ ފަހަރަކު ލިޔާ ލަފްޒާ އެކު ދިމާވާ މިންވަރު އަންގައިދިނުމަށްޓަކައި ކީބޯޑްގެ ކުލަތައް ބަދަލުވާނެ އެވެ. ފެހި ކުލައިން އަންގައިދެނީ އެ އަކުރަކީ ލަފްޒުގައި ހިމެނޭ އަކުރެއް ކަމާއި އަދި އަކުރު އެ އޮތީ ރަނގަޅު ގޮޅީގައި ކަމެވެ. ރީނދޫ ކުލައިން ބުނެދެނީ އެ އަކުރު ލަފްޒުގައި ހިމެނުނަސް އޮތޯ ރަނގަޅު ގޮޅީގައި ނޫންކަމެވެ. އަޅި ކުލައިން ބުނެދެނީ އެ އަކުރަކީ ލަފްޒުގައި ހިމެނޭ އަކުރެއް ނޫން ކަމެވެ.
ވޯޑްލް ގެ އެންމެ ހާއްސަ ކަމަކީ ހުރިހާ އެންމެންނަށް ވެސް އެއް ލަފްޒެއް ދިމާކުރަން ލިބުމެވެ. އަދި ލިބެނީ އެއް ފުރުސަތަށްވުމުން އަބަދުމެ މި ގޭމަށް ގެއްލިފައި އިންނާކަށް ވެސް ނުޖެހެ އެވެ. ވޯޑްލް އާއި ޝާހް ބުނެފައިވާ ގޮތުން މި ގޭމުގައި 2500 ލަފްޒު ހިމެނޭނެ އެވެ. އެހެންކަމުން މެދުނުކެނޑި ކުރިއަށް އޮތް ހަވަރަކަށް އަހަރު މި ގޭމު އަދި ކުޅެވޭނެ އެވެ.
Comment