26 ޖަނަވަރީ 2022 - 15:20 0
26 ޖަނަވަރީ 2022 - 15:20 0
ކްލަބް ވެލެންސިއާގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކޯޗިންގެ މަސައްކަތްތަކެއް ކުރި އަހުމަދު މުޖުތަބާ (ފެސްކޯ) ހަތަރު އަހަރަށް ފަހު ކްލަބް ވެލެންސިއާގެ ހެޑް ކޯޗުގެ މަގާމާ ހަވާލުވެއްޖެ އެވެ.
ފެސްކޯ އެންމެ ފަހުން ވެލެންސިއާގެ ކޯޗަކަށް ހުރީ 2017 ވަނަ އަހަރު އެވެ.
ދާދި ފަހުން މެޗަކުން ބަލިނުވެ ޕްރެޒިޑެންޓްސް ކަޕް ޗެމްޕިއަންކަން ހޯދި ވެލެންސިއާ އިން އެ މުބާރާތުގައި ކުޅުނީ ހެޑް ކޯޗެއް ނެތި އެވެ. މި ފަހަރު ޕްރީ ސީޒަނުގެ ތެރެއިން ވެލެންސިއާގެ ހެޑް ކޯޗަކަށް ހުރި މުހައްމަދު އާތިފް (އާތީ) ވަނީ އެ ޓީމު ދޫކޮށްލައިފަ އެވެ. އެހެންވެ، ވެލެންސިއާ އިން ޕްރެޒިޑެންޓްސް ކަޕްގައި ކުޅުނީ އެސިސްޓަންޓް ކޯޗު އިސްމާއިލް އާސިފް (ކުޑަހީނާ)ގެ ލީޑަޝިޕްގަ އެވެ. ދެން އެސިސްޓަންޓް ކޯޗުންނަށް ތިބީ އާފިއު މުހައްމަދާއި އިލްމާއު ހުސެއިން (މައު) އެވެ.
ވެލެންސިއާ އަށް އެނބުރި އައުމާ ބެހޭގޮތުން ފެސްކޯ "އަދަދު" އަށް ބުނީ އެންމެ ފަހުން ވެލެންސިއާގައި މަސައްކަތް ކުރިއިރު އޮތް ޓީމާއި މިހާރު އެ ކްލަބްގައި އޮތް ސްކޮޑު ވެސް ތަފާތު ކަމަށެވެ. އަދި ކުޑަހީނާއާ އެކު އެއް ކޯޗިން ޓީމެއްގައި މަސައްކަތް ކުރަން ބަލާއިރު، ވިސްނުން އެއްގޮތް ގިނަ ކަންތައްތަކެއް ހުރުުމުން މީގެ ކުރިއަށްދާން ފަސޭހަތަކެއް ހުންނާނެ ކަމަށް ފެސްކޯ ވަނީ ބުނެފަ އެވެ.
"މީގެ, ތުއްތު (ކުޑަހީނާ) އާއި އަހަރެން އެކުގައި ހުންނާނެ ކޯޗިންގެ ވަރަށް މަސައްކަތް ކޮށްފައި. އޭގެ ތެރެއިން ފަހަރެއް 2017 ވެސް އެއީ. ދެން, މި ފަހަރު ވެލެންސިއާގައި މި އޮތީ ވަރަށް ރަނގަޅަށް އެކުލަވާލާފައި. ރިޒަލްޓަށް ކުޅެން ބަލާއިރު ރަނގަޅު ތަޖުރިބާކާރު ކުޅުންތެރިން އެބަތިބި. ޒުވާން ކުޅުންތެރިން ވެސް އެބަތިބި. ދެން ބަލަމާ ކޯޗިން އަށް. އެކަމަަށް ބެލިޔަސް، ކޯޗިން ޓީމެއް ވެސް އެބައޮތް،" ފެސްކޯ ބުންޏެވެ.
"ވިނިން އެޓިޓިއުޑްގައި އެ ޑްރައިވްގައި. ކުރިއަށްދާން ބޭނުންވާ ބަޔަކު މިހާރު ވެލެންސިއާގައި މި ތިބީ. އެކަން ޕްރެޒިޑެންޓްސް ކަޕްގައި ފެނުނީ. އެ ފަދަ ބަޔަކާ އެކު މަސައްކަތް ކުރަން ލިބުނު ފުރުސަތުގެ ބޭނުން ހިފަން މި އައީ،"
ކޯޗިންގެ އެންމެ ފުރަތަމަ ދުވަސްވަރު ފެސްކޯ (ވ) އަށް އެހީތެރިވި ކޯޗު ކިސްއާ އެކު ނަގާފައިވާ ސެލްފީއެއް.
ފެސްކޯގެ ހެޑް ކޯޗުކަމުގައި ވެލެންސިއާ އިން ފުރަތަމަ ނުކުންނާނީ އަންނަ މަހު ހަ ވަނަ ދުވަހު ފަށަން ތާވަލުކޮށްފައިވާ ދިވެހި ޕްރިމިއާ ލީގަށެވެ. ވެލެންސިއާ އިން މި ފަހަރު އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވާދަކުރާނެ އެވެ.
ފެސްކޯ އޭނާގެ ކޯޗިން ކެރިއަރުގެ ފުރަތަމަ މަސައްކަތް ފެށީ ވެލެންސިއާ އެސިސްޓަންޓް ކޯޗުގެ މަގާމުންނެވެ. ކޯޗިން ކެރިއަރު ފަށައި 1999 އަދި 2000 ވަނަ އަހަރު ލާސްލޯ ކިސްގެ އެސިސްޓަންޓެއްގެ ގޮތުގައި ވެލެންސިއާގައި މަސައްކަތްކޮށް ފަހުން ވެލެންސިއާގެ ހެޑްކޯޗުކަމާ ހަވާލުވީ 2001 ވަނަ އަހަރުގެ ފަހުކޮޅެވެ. އަދި އެ އަހަރުގެ ޕޮމިސް ކަޕް އެ ޓީމަށް ކާމިޔާބުކޮށްދީ އުމުރުން އެންމެ 28 އަހަރުގައި ބައިނަލްއަގްވާމީ މުބާރާތެއް ކާމިޔާބުކުރި ދިވެހި އެންމެ ޒުވާން ކޯޗުގެ ޝަރަފް ހޯދި އެވެ. ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އުމުރުން 16 އަހަރުގައި ފުރަތަމަ ފަހަރަށް ގަލޮޅު ދަނޑަށް ނެރުނީ އެ މުބާރާތުގައި ފެސްކޯ އެވެ.
ވެލެންސިއާ އަށް ދެ އަހަރު ކޯޗުކޮށްދިން ފެސްކޯ އެ ޓީމުން ވަކިވީ 2003 ވަނަ އަހަރުގެ ޕޮމިސް ކަޕުގެ ފައިނަލުން އިންޑިއާގެ މަހިންދުރަ ޔުނައިޓެޑް އަތުން ބަލިވި ހިސާބުންނެވެ. އެކަމަކު ސީޒަނުގައި ވެލެންސިއާ އިން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ލީގު ހޯދިއިރު މުހިއްމު ދައުރެއް އަދާކުރި އެވެ. ފެސްކޯ، ދެން ވެލެންސިއާ ކޯޗެއްގެ ގޮތުގައި ފެނުނީ 13 އަހަރު ފަހުން 2017 ވަނަ އަހަރު އެވެ. އެ ސީޒަނުގައި އޭއެފްސީ ކަޕްގެ ކޮލިފައިންގައި ވެލެންސިއާ ގޮވައިގެން ވާދަކޮށް މުޅި ސީޒަނުގައި ވެސް ޖުމްލަކޮށް ވެލެންސިއާ އަށް މާ އެދެވޭ ނަތީޖާތަކެއް ނުނެރެވުނެވެ.
ފެސްކޯ އެންމެ ފަހުން ފުރަތަމަ ޑިވިޝަނުން ފެނުނީ 2019/2020 ވަނަ އަހަރުގެ ސީޒަނުގައި ނިލަންދޫ ފުޓްބޯޅަ ޓީމުގެ ހެޑްކޯޗެއްގެ ގޮތުގަ އެވެ.
ފުރަތަަމަ ޑިވިޝަނުގެ ގިނަ ޓީމުތަކެއްގައި ކޯޗިންގެ މަސައްކަތްކުރި ފެސްކޯ ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓަންޓަކަށް ވެސް މަސައްކަތްކޮށްފަ އެވެ. ފުރަތަމަ ޑިވިޝަނުގައި ފެސްކޯ ވަނީ ހުއްރިއްޔާ ސްޕޯޓްސް ކްލަބާއި އޯލްޔޫތުލިންކްއޭޖް، ވިޔަންސާ އަދި ވިކްޓްރީ ސްޕޯޓްސް ކްލަބްގައި ވެސް މަސައްކަތްކޮށްފަ އެވެ. މީގެ އިތުރުން ދެ ވަނަ ޑިވިޝަނުގައި ވެސް ފެސްކޯ ވަނީ އެކި ފަހަރު މަތިން ޓީމުތަކަށް އިރުޝާދުދީފަ އެވެ.
Comment