26 ޖަނަވަރީ 2022 - 00:09 0
އިސްމާއީލް އަޒްމީން
ލަނޑު ޖެހުމަށް ފަހު ޓީސީ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ ސިޑިބަރި
26 ޖަނަވަރީ 2022 - 00:09 0
އެފްއޭއެމް ޔޫތު ޗެމްޕިއަންޝިޕްގައި މިހާތަނަށް ކުޅުނު އެންމެ ފޯރިގަދަ މެޗުގައި ކްލަބް ވެލެންސިއާގެ މައްޗަށް 4-3 އިން ޓީސީ ސްޕޯޓްސް ކްލަބް ކުރިހޯދައިފި އެވެ.
މި މެޗުން މޮޅުވެ ޓީސީ މި ވަނީ ހަތަރު ޓީމު ހިމެނޭ ގްރޫޕް ބީގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއް މެޗު ކުޅެގެން ތިން ޕޮއިންޓާ އެކު ޓީސީ އެއް ވަނައިގައި އޮތްއިރު، ދެ ވަނަ އާއި ތިން ވަނައިގައި އޮތް މަހިބަދޫ ސްޕޯޓްސް ކްލަބާއި އާއި ޔުނައިޓެޑް ވިކްޓްރީ އަށް ވަނީ ޕޮއިންޓެއް ލިބިފަ އެވެ. ފުރަތަމަ މެޗުން ޓީސީ އަތުން ބަލިވެ ވެލެންސިއާ އޮތީ ގްރޫޕްގެ ފުލުގަ އެވެ.
މިރޭގެ މެޗު ފަށައިގެން ވެލެންސިއާ އަށް އުނދަގޫތަކާއި ދިމާވީ މެޗުގެ ތިން ވަނަ މިނެޓުގައި ވެލެންސިއާގެ ކެޕްޓަން ހުސައިން ޝާވިން އަށް އަނިޔާވެ ބަދަލުކުރަން ޖެހުމުންނެވެ. އޭނާގެ ވާތުގެ ކޮނޑު ހުޅަށް ލިބުނު އަނިޔާގެ ސަބަބުން ވެލެންސިއާ އަށް ޖެހުނީ މެޗުގެ ގޭމް ޕްލޭން އެއްކޮށް ބަދަލުކުރާށެވެ.
ދާދި ހަމަހަމަކޮށް ދިޔަ ފުރަތަމަ ހާފުގެ ފުރަތަމަ ވިއްސަކަށް މިނެޓު ދެ ޓީމަށް ވެސް މާ ނުރައްކާތެރި ހަމަލާއެއް ތަނަވަސް ނުކުރެވުނެވެ. އެކަމަކު، ޓީސީގެ ކެޕްޓަން އައިހަމް ހަމްދޫން އަށް ވެލެންސިއާގެ ކީޕަރު މޫސާ އައްޔާން ހުސައިން ކުރި ފައުލަކާ ގުޅިގެން ރެފްރީވަނީ ޓިސީި އަށް ޕެނަލްޓީ އެއް ދީފައެވެ. މެޗުގެ 28 ވަނަ މިނިޓްގައި ޓީސީގެ މި ޕެނަލްޓީ ކާމިޔާބުކޮށް ލީޑު ނަގައިދިނީ އަހުނަފް މުޙައްމަދު ތަސްނީމް (ނަފްކޮ) އެވެ. ނަފްކޮ ފޮނުވާލި ޕެނަލްޓީ ގޯލްގެ މަތީ ކަނަށް ވަނީ ވެލެންސިއާގެ ކީޕަރު އައްޔާން އަތުގައި ޖެހިފަ އެވެ. ނަފްކޮ އަކީ ދާދި ފަހުން ނިމުނު ޕްރެޒިޑެންޓްސް ކަޕްގައި ޓީސީގެ ސީނިއާ ޓީމަށް ވެސް މޮޅު ކުޅުމެއް ދެއްކި ކުޅުންތެރިއެކެވެ.
ގޯލަށް ފަހު ވެސް ޓީސީން ދިޔައީ ވެލެންސިއާގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އެ ގޮތުން މެޗުގެ 33 ވަނަ މިނެޓުގައި ހަސަން އަޒޫމު އަލީ ފޮނުވާލި އޯވަހެޑް ކިކް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓީސީ އިން ދެ ވަނަ ގޯލް ޖަހައި ލީޑު ފުޅާ ކުރި އެވެ. މި ގޯލް އެ ޓީމުން ޖެހީ ލިބުނު ކޯނަރަކުންނެވެ. ޔޫސުފް ޝައިފް ނެގި ކޯނަރުން މި ގޯލް ޓީސީ އަށް ޖަހައިދިނީ އަޒޫމް އެވެ.
ދެ ވަނަ ހާފު ފަށައިގެން ވެސް ޓީސީ އިން ދިޔައީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކުރަމުންނެވެ. މެޗުގެ 51 ވަނަ މިނެޓުގައި ޓިސީގެ އަހުމަދު ޒައުލް ދިން ބޯޅަ އަކުން އަޒޫމް ފޮނުވާލި ބޯޅަ ކީޕަރު އައްޔާން ދިފާއުކުރި އެވެ.
ކީޕަރު އައްޔާންގެ ސޭވްތަކުން ހިތްވަރު ލިބިގަނެ ވެލެންސިއާ އިން އެޓޭކެއް އުފެއްދޭތޯ މަސައްކަތްކުރި އެވެ. ޓީސީގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ވެލެންސިއާގެ އާދަމް ސިޔާން އޭރިއާ ތެރެއަށް ވަތް ތަނުން ޓީސީގެ ޑިފެންޑަރުން އޭނާ އަށް ކުރި ފައުލަކަށް ރެފްރީ ވަނީ ޕެނަލްޓީ އެއް ދީފަ އެވެ. މެޗުގެ 69 ވަނަ މިނެޓުގައި އާމިން އުމަރު މޫސާ ކާމިޔާބުކުރި ޕެނަލްޓީން ވެލެންސިއާ އަށް އުއްމީދެއް ލިބުނެވެ.
ވެލެންސިއާގެ މި ގޯލާ އެކު ޓީސީން ތިން ކުޅުންތެރިން ބަދަލު ކުރި އެވެ. ކުރިއަށް ކުޅުނު އަހުމަދު ޒައުލްގެ ބަދަލުގައި ފަހުމާން ކުޅެން އެރުވުން ފާހަގަކޮށްލެ އެވެ. ފަހުމާން ވީ މެޗުގެ ބާކީ ބައި އެއްކޮށް ބަދަލުކޮށްލި ކުޅުންތެރިޔާ އަށެވެ.
ފަހުމާން ކުޅެން އެރިތާ ތިން މިނެޓުގެ ތެރޭގައި ގޯލެއް ޖަހައި ޓީސީގެ ލީޑް ފުޅާކޮށްދިނެވެ. މިގޯލަކީ ޓީސީ އަށް ލިބުނު ހިލޭ ޖެހުމަކުން އަހުނަފް ފޮނުވާލި ބޯޅަ ކީޕަރު އައްޔާން އަތުގައި ޖެހިފައި ނިކުތް ވަގުތު ފަހުމާން ޖެހި ގޯލެކެވެ. ފަހުމާން ވަނީ މެޗުގެ ފުރިހަމަ ވަގުތުގެ އެންމެ ފަހު މިނެޓުގައިވެސް ގޯލެއް ޖަހައި މެޗުގެ ނަތީޖާ 4-1 އަށް ބަދަލުކޮށްލާފަ އެވެ.
90 މިނެޓުގެ ކުޅުން ހަމަވިއިރު 4-1 އިން ޓިސީ ކުރީގައި އޮތުމާއިއެކު އެ ޓީމްގެ ކުޅުންތެރިން މެޗު ފަސޭހަކޮށްލި އެވެ. ނަތީޖާ އެއްގެ ގޮތުން ވެލެންސިއާ އިން ދެ މިނެޓުގައި ދެ ގޯލް ޖަހައި ނަތީޖާ 4-3 އަށް ބަދަލުކޮށްލި އެވެ. ވެލެންސިއާގެ ތިން ވަނަ ގޯލް ޖަހައިދިނީ އީގާން އަބްދުލް މަޖީދު އެވެ. އަދި ފަހު ގޯލް ލިބުނު ޕެނަލްޓީ އަކުން ޖަހައިދިނީ އާމިން އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޓީސީގެ އަހުނަފް އެވެ. އޭނާ ވަނީ ވެލެންސިޔާގެ ގޭމް ޕްލޭ ބްރޭކް ކުރުމުގައި ޓީސީގެ މިޑްފީލްޑް ލައިނުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
މުބާރާތުގެ މެޗެއް ދެން ކުޅޭނީ ބުރާސްފަތި ދުވަހުގެ ހަވީރު އެވެ. އެ ދުވަހު ހަވީރު ވާދަކުރާނީ ގްރޫޕް އޭގެ ކްލަބް އީގަލްސް އާއި ދަ ގްރާންޑޭ އެވެ. އަދި ބުރާސްފަތި ދުވަހުގެ ރޭ ވާދަކުރާނީ ގްރޫޕް ބީގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ.
Comment