25 ޖަނަވަރީ 2022 - 13:42 0
އަމަން ހަލީމް
އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު (ވ) އާއި "އަދަދު" ގެ މެނޭޖިން އެޑިޓަރު މުހައްމަދު ހަމްދޫން (ކ) އެއްބަސްވުން ދައްކާލަނީ.
25 ޖަނަވަރީ 2022 - 13:42 0
ސަގާފީ ޓޫރިޒަމް ކުރިއެރުވުމުގެ ބޭނުމުގައި މޯލްޑިވްސް އިންޓަގްރޭޓަޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން ބާއްވާ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު" ގެ ޑިޖިޓަލް މީޑިއާ ޕާޓްނަރަކަށް "އަދަދު" އިން މިއަދު ސޮއިކޮށްފި އެވެ.
ޓޫރިޒަމުގެ ރަން އަހަރާ ވެސް ގުޅުވާ އެމްއައިޓީޑީސީން ބާއްވާ ޔޮޓު ރެލީ އޮންނާނީ އަންނަ މަހު 3 އިން 20 އަށެވެ. މިއީ ބޭރުގެ ޔޮޓުތަކަށް ވެސް ހުޅުވާލައިގެން ބާއްވާ ޔޮޓް ރެލީއެކެވެ.
އެމްއައިޓީޑީސީގެ މި އިވެންޓަކީ ވަކީ ތީމެއް ކަނޑައަޅައިގެން ބާއްވާ އިވެންޓެކެވެ. މިގޮތުން ބާއްވާ ފުރަތަމަ ޔޮޓު ރެލީގެ ތީމާއި ނަން ނިސްބަތްވަނީ ބޮޑުތަކުރުފާނަށެވެ.
މިފަހަރު ދަތުރުކުރާ ގިނަ ރަށްތަކަކީ ބޮޑުތަކުރުފާނުގެ ހަޔާތުގެ ވާހަކަތަކާއި ގުޅޭ އާސާރުތައް ހިމެނޭ ރަށްރަށެވެ. އެގޮތުން ފުރަތަމަ ދަތުރުގައި ފަސް އަތޮޅެއްގެ 15 ރަށަކަށް ދަތުރުކުރާނެ އެވެ. އޭގެ ތެރޭގައި މީހުން ދިރިނޫޅޭ ބައެއް ރަށްތައް ހިމެނެ އެވެ.
ސަވާދީއްތަ ދަތުރުގެ ޑިޖިޓަލް މީޑިއާ ޕާޓްނަރަކަށް މި ނޫހާ ސޮއިކުރުމަށް ފަހު އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރާއިދު ވިދާޅުވީ، މި ދަތުރުގެ ބައިވެރިއަކަށް "އަދަދު" ހަމަޖެހުނީތީ އުފާކުރާ ކަމަށެވެ.
"އަދަދާ ގުޅިގެން މި ދަތުރުގެ ފުރިހަމަ ކަވަރޭޖެއް ގެނެސްދެވި، ހާސިލުކުރަން ބޭނުންވާ މަގުސަދަށް ވާސިލުވެވޭނެ ކަމުގެ އުއްމީދު އެބައޮތް" ރާއިދު ވިދާޅުވި އެވެ.
މި ޔޮޓު ރެލީގައި "އަދަދު"ގެ ނޫސްވެރިން ބައިވެރިވެ، ސީދާ ލޮކޭޝަނުން އިވެންޓުގެ ކަވަރޭޖް އޮންލައިން ވަސީލަތްތަކުން ގެނެސްދޭނެ އެވެ.
މި އިވެންޓަކީ ރާއްޖޭގެ ސަފާގަތާއި އާސާރުތަކާއި ތަރިކަތައް ޓޫރިޒަމުގެ ތެރެއަށް ވެއްދުމަށާއި، ރާއްޖޭގެ ސަގާފަތާއި އާދަކާދަތައް ބައިނަލްއަގްވާމީ އޯޑިއެންސަކަށް އިޝްތިހާރުކުރުމުގެ މަގުސަދުގައި އެމްއައިޓީޑީސީން ބާއްވާ އިވެންޓެކެވެ. ސިލްސިލާކޮށް ބާއްވާ މި އިވެންޓު ކޮންމެ އަހަރަކު ބާއްވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.
Comment