Advertisement

ހޫތީންގެ ހަމަލާއަށް ފަހު ޔޫއޭއީގައި އެއް މަހަށް ޑްރޯން މަނާކޮށްފި

24 ޖަނަވަރީ 2022 - 13:36 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޔޫއޭއީގެ ސިފައިން. -- ފޮޓޯ: އޭއެފްޕީ


ހޫތީންގެ ހަމަލާއަށް ފަހު ޔޫއޭއީގައި އެއް މަހަށް ޑްރޯން މަނާކޮށްފި

24 ޖަނަވަރީ 2022 - 13:36 0

އަބޫ ދާބީ، ޔޫއޭއީ (ޖެނުއަރީ 23) - ޔަމަނުގެ ހޫތީ ހަނގުރާމަވެރިން އަބޫ ދާބީއަށް އަމާޒުކޮށް ދިން ޑްރޯން ހަމަލާތަކަށް ފަހު ޔޫއޭއީގައި އެއް މަސް ދުވަހަށް ޑްރޯން ދުއްވުން މަނާކޮށްފި އެވެ.

އިންޓީރިއާ މިނިސްޓްރީން ބުނި ގޮތުގައި އެއްވެސް ބޭނުމަކަށް ޑްރޯން އާއި ކުދި ސްޕޯޓްސް އުޅަނދުތައް ވައިގެ ސަރަހައްދުގައި ދުއްވުން ވަނީ އެއް މަސް ދުވަހަށް މަނާކޮށްފަ އެވެ.

"މި މުއްދަތުގައި އެންގުމާ ހިލާފަށް އެއްވެސް އަމަލެއް ހިންގައިފި ނަމަ އެ ފަރާތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ،" އެ މިނިސްޓްރީއާ ހަވާލަދީ ނޫސްތަކުން ރިޕޯޓު ކުރި އެވެ.

މިދިޔަ ހަފްތާގައި ދިން ހަމަލާތައް ފާހަގަނުކޮށް، އިންޓީރިއާ މިނިސްޓްރީން ބުނީ ޑްރޯން ދުއްވުން މަނާ ސަރަހައްދުތަކުގައި ދުއްވާކަން ފާހަގަވެފައިވާ ކަމަށެވެ.

ޑްރޯން ދުއްވުން މަނާކުރި މުއްދަތުގައި ވަޒީފާގެ ބޭނުމަށް ޑްރޯން ދުއްވަން މަޖުބޫރުވާ ނަމަ އެކަމަށް ހާއްސަ ހުއްދައަކަށް އެދެން ވެސް އަންގާފައި ވެ އެވެ.

މިދިޔަ ހޯމަ ދުވަހު ޔަމަނުގެ ހޫތީ ހަނގުރާމަވެރިން ޔޫއޭއީއަށް ދިން ޑްރޯން ހަމަލާތައް އަމާޒުވީ ތެޔޮ ފެސިލިޓީތަކާއި އެއާޕޯޓަކަށެވެ. އެ ހަމަލާތަކުގައި ތިން މީހުން މަރުވެ، ހަ މީހުންނަށް އަނިޔާވި އެވެ.

ޔޫއޭއީ އަކީ ހޫތީންނާ ދެކޮޅަށް ހަނގުރާމަ ކުރާ ސައުދީ އަރަބިއްޔާގެ އަސްކަރީ ކޯލިޝަންގެ މެމްބަރެކެވެ. ހޫތީން ވަނީ މި މަހުގެ ކުރީކޮޅު ޔޫއޭއީގެ ބޯޓެއް ވެސް ހައިޖެކްކޮށްފަ އެވެ.

މީގެ ކުރިން ހޫތީން ވަނީ ބޯޑަރު ހުރަސްކޮށް ސައުދީ އަރަބިއްޔާއަށް ގިނަ ހަމަލާތައް ދީފަ އެވެ. ނަމަވެސް މިދިޔަ ހަފްތާގެ ހަމަލާއަކީ ޔޫއޭއީއަށް އަމާޒުކޮށް ދިން ފުރަތަމަ ހަމަލާ އެވެ.