Advertisement

ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

15 ފެބުރުވަރީ 2024 - 16:12 0

ނިމާ ހަސަން

ނިމާ ހަސަން

ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރާއްޖެ ވަޑައިގެން; ދަތުރަށްފަހު ނޫސްވެރިންނަށް މައުލޫމާތެއް ނުދެއްވާ -- ފޮޓޯ: ރައީސް އޮފީސް


ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

15 ފެބުރުވަރީ 2024 - 16:12 0

އެކުވެރި އަރަބި އިމާރަތުގެ ދުބާއީގައި ބޭއްވި ވޯލްޑް ގަވަމަންޓްސް ސަމިޓް 2024ގައި ބައިވެރިވެވަޑައިގެންނެވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު މާލެ ވަޑައިގެންފި އެވެ.

ރާއްޖެއިން ބޭރަށް ކުރައްވާ މިފަދަ ކޮންމެ ދަތުރުފުޅަކަށްފަހު ރައީސް, އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މައުލޫމާތު ދެއްވަ އެވެ. އަދި ކޮންމެ ދަތުރުފުޅަކަށް ފުރާވަޑައިގަންނަވާއިރާއި އެނބުރި ވަޑައިގަންނަވާއިރު އެއާޕޯޓަށް ނޫސްވެރިންނަށް ދައުވަތު ދެއްވަ އެވެ.

އެހެން ނަމަވެސް ދުބާއީ އިން ވަޑައިގެންނެވިއިރު ނޫސްވެރިންނަށް ދައުވަތެއް ނުދެއްވަ އެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ދުބާއީގައި ބޭއްވި "އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ"ގައި ތަގުރީރު ކުރައްވާފަ އެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖެއަށް ގެންނަން އެދޭ ބޮޑެތި ބަދަލުތަކާއި ހާސިލުކުރަން އެދޭ ލަނޑުދަނޑިތައް ހާސިލު ކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމާއެކު އެދާއިރާ ކުރިއަރައި ދިއުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ.

"އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ"އަކީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި ސަރުކާރުގެ މަތީފަންތީގެ އޮފިޝަލުން އެއްތަނަކުން ބައްދަލުވެ ގުޅުންބަދަހިވުމަށް މަގުފަހިވެގެންދިޔަ ފޯރަމެކެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. އަދި ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައި ދިނުމުގެ އޮންލައިން ޕްރޮގްރާމް "ރިވެލި" އިފްތިތާހު ވެސް ކޮށްދެއްވި އެވެ.