24 ޖަނަވަރީ 2022 - 10:23 0
ފާތިމަތު އަޖްފާން
އެޗްއީއޯސީގެ މުވައްޒަފުން ސާމްޕަލް ނެގުމުގައި ހަރަކާތެރިވަނީ: މީގެ ކުރިން ދިޔަ ކޮވިޑް ރާޅުތަކުގައި ވެސް މުވައްޒަފުންގެ ދަތިކަން ކުރިމަތިވެ ވޮލެންޓިއާކޮށް މަސައްކަތް ކުރާ މީހުން ވެސް ހޯދާފައިވޭ-- ފޮޓޯ: އަދަދު
24 ޖަނަވަރީ 2022 - 10:23 0
ރާއްޖޭގެ ކޮވިޑް ހާލަތު ދުވަހެއް ދުވަހަކަށް ގޯސްވަމުންދާނީ ބަލިމަޑުކަމުގެ އިތުރު ރާޅަކަށް ތައްޔާރުވުމަށް ހެލްތް އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދުމަށް އެތަނުން އިއުލާން ކޮށްފި އެވެ.
ހޯދުމަށް އިއުލާން ކޮށްފައިވާ މުވައްޒަފުންގެ ތެރޭގައި ސާމްޕަލް ނަގާނެ މީހުންންނާއި މެޑިކަލް އޮފިސަރުންގެ އިތުރުން ސަޕޯޓް ސްޓާފުން ހިމެނެ އެވެ. އެގޮތުން ސަޕޯޓު ސްޓާފުންގެ ގޮތުގައި 10 މީހުންނާއި ސާމްޕަލް ޓޭކާގެ ގޮތުގައި 60 މީހުންގެ އިތުރުން 10 މެޑިކަލް އޮފިސަރުން ހޯދުމަށް ވަނީ އިއުލާންކޮށްފަ އެވެ.
އެޗްއޯއޯސީން ބުނީ މެޑިކަލް އޮފިސަރުން ހޯދަނީ ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ގޭގައި ތިބޭ ބަލިމީހުންނާއި ކޮންޓެކްޓްވެގެން ކަރަންޓީންކުރެވިފައިވާ މީހުންނަށް އޮންލައިން ކޮންސަލްޓޭޝަން ހަދައި، އެ މީހުންނަށް ފަރުވާދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ވަގުތީ ގޮތުން މަސައްކަތް ކުރާނެ މީހުން ކަމަށެވެ.
ސާމްޕަލް ނަގާ މުވައްޒަފުންނާއި ސަޕޯޓް ސްޓާފުންނަށް މުސާރައިގެ ގޮތުގައި 7500ރ. ލިބޭއިރު މެޑިކަލް އޮފިސަރަކަށް 24,240ރ. ލިބެ އެވެ. އެ މުވައްޒަފުން އެޗްއީއޯސީއަށް ނަގަނީ ހަ މަސް ދުވަހަށެވެ.
މުވައްޒަފުން ނަގަން އިއުލާން ކޮށްފައި މި ވަނީ ކޮވިޑްގެ ހާލަތު ރާއްޖޭގައި މީގެ ކުރިން ގޯސްވެފައިނުވާ މިންވަރަށް ގޯސްވެ، ހޮސްޕިޓަލްތަކަށް ބާރުބޮޑުވެ، އައިސީޔޫތައް ފުރެމުންދާ ވަގުތެއްގަ އެވެ.
އިއްޔެ އެކަނި ރާއްޖެއިން 2484 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 1268 މީހަކާއި އަތޮޅުތެރެއިން 728 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވްވި 81 މީހަކާއި ސަފާރީތަކުން ޕޮޒިޓިވްވި ތިން މީހެކެވެ. އެއާއެކު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 14،636 އެވެ.
ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 117،461 އަށް އަރާފަ އެވެ. އެ ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން 47 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން ހަތަރު މީހަކު އޮތީ ވެންޓިލޭޓަރުގަ އެވެ.
ރާއްޖެއިން ކޮވިޑް ފެނުނުތާ 686 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 270 އަށް އަރައިފަ އެވެ. މިވަގުތު ރާއްޖޭގައި ފެތުރެމުން ދަނީ ކޮވިޑްގެ އާ ވޭރިއެންޓް އޮމިކްރޯން ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ. އެގޮތުން މިހާތަނަށް 74 މީހަކު ވަނީ އޮމިކްރޯން އަށް ޕޮޒިޓިވް ވެފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment