24 ޖަނަވަރީ 2022 - 07:18 0
ހުސެއިން އަރުބާން ފައްވާޒް
އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު: އެމްޑީޕީގެ ސިޔާސަތުތަކުން ގައުމަށާއި ރައްޔިތުންނަށް ތަނަވަސްކަން ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި. -- ފޮޓޯ: ހުސައިން ޝަޔާހު/ އަދަދު
24 ޖަނަވަރީ 2022 - 07:18 0
ރައްޔިތުން މަޖިލީހުގައި އޮތް އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތުގެ ސަބަބުން ށ. ކޮމަންޑޫ ދާއިރާއަށް ވާދަކުރާ އެހެން ޕާޓީތަކަށް މަޖިލީހުގެ ތެރެއިން ކުރެވޭނެ މާ ބޮޑު މަސައްކަތެއް ނެތް ކަމަށާއި ދިވެހި ރައްޔިތުންނަށާއި ރަށްތަކަށް ތަނަވަސްކަން ލިބެމުން ދަނީ އެމްޑީޕީގެ ސިޔާސަތުތަކުގެ ސަބަބުން ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު، ހުސައިން އަމްރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓު މުހައްމަދު ރާޝިދަށް ތާއިދު ހޯދަން ރޭ ބޭއްވި ޖަލްސާގައި އަމްރު ވިދާޅުވީ ކޮމަންޑޫ ރައްޔިތުންނަކީ ތަރައްގީގެ ވިސްނުން ތޮބީއަތުގައި ހުރި ބައެއް ކަމަށާއި، އެ ފިކުރާއި ސިޔާސަތު ދޫކޮށްފައި ދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"ބަޔަކު ތަރައްގީވެ ކުރިއަރައިގެން ދަނީ އެ ބައެއްގެ އަންނަ ފިކުރެއްގެ ސަބަބުން. ރަށެއް ކުރިއަރައިގެން ދަނީ އެ ރަށެއްގެ ބަޔަކަށް އަންނަ ވިސްނުމެއްގެ ސަބަބުން. އަދި ގައުމެއް ކުރިއަރައި ދަނީ އެ ފިކުރާ ވިސްނުމާ އެކީގައި ގެނެވޭ ސިޔާސަތުތަކެއްގެ ސަބަބުން. މި ފިކުރަކީ މި ހިޔާލަކީ ގަދަކަމުން ސިކުނޑިން ނެރޭ އެއްޗެއް ނޫން. މިއީ އެ ބައެއްގެ ތޮބީއަތުގައި ހުންނަ ކަމެއް ވީމަ އަންނަ އެއްޗެއް. އެ ބައެއްގެ ތޮބީއަތުގައި ހުންނަ އެއްޗެއް އަންނާނީ،" އެމްޑީޕީއަކީ ތަރައްގީ ގެނައުމަށް މަސައްކަތް ކުރާ ޕާޓީއެއްކަން ފާހަގަ ކުރައްވައި އަމްރު ވިދާޅުވި އެވެ.
ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި ކޮމަންޑޫ ޖަލްސާގައި އަމްރު ހަނދާންކޮށް ދެއްވީ އެމްޑީޕީގެ ސިޔާސަތުތަކުން ގައުމަށް އައިސްފައިވާ ބަދަލާއި ކުރިއެރުމެވެ. ބޭސްފަރުވާ ހިލޭ ލިބޭ އާސަންދަ އާއި ދަރިވަރުންނަށް ފޮތް ފަންސުރު ހިލޭ ލިބިމާއި ހިލޭ ޑިގްރީއަށް ކިޔެވުމާއި ޓެކްސް ނަގަން ފެށުމުގެ ސިޔާސަތު އޭނާ ފާހާގަ ކުރެއްވެވި އެވެ.
އެމްޑީޕީ ވެރިކަމަށް އައުމުގެ ކުރިން މާލެ ފިޔަވައި މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓުން ނިންދެވުމަކީ މަނާ ކަމެއް ކަމަށާއި ނަމަވެސް ގެސްޓް ހައުސް ސިޔާސަތުގެ ސަބަބުން ލިބެމުންދާ ކުރިއެރުން މިހާރު ރަށްތަކުން ފެންނާނެ ކަމަށާއި ޓެކްސް ނިޒާމުން ގައުމަށް ލިބިފައިވާ މުއްސަނދިކަން ވެސް ފެންނާނެ ކަމަށް އަމްރު ވިދާޅުވި އެވެ.
ކޮވިޑްގެ ދަތި ހާލުގައި ވެސް ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާ ކަމަށާއި މި ވެރިކަމުގެ ފަސް އަހަރު ނިމޭއިރު ހުރިހާ ރަށަކަށް ސާފު ބޯފެން ލިބި، ނަޖިސް ފެނުން ފެންވެރުން ހުއްޓުވުމަށް ނަރުދަމާ އަޅާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދާއިރު، އަދި މަޖިލީހުގައި އެމްޑީޕީ އަށް އޮތް ބޮޑު އަގުލަބިއްޔަތުގެ ސަބަބުން، އެހެން ޕާޓީއެއްގެ މީހަކަށް މަޖިލީހުގެ ތެރެއިން ކުރެވޭނެ ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށާއި ޕީޕީއެމްއިން ކުރަން ބޭނުންވާ ކަމަކީ، ކުރީގެ ރައީސް އަބްދު ޔާމީން ސަލާމަތްކުރުމުގެ މަސައްކަތް ކަމަށާއި، އިންޑިއާ އައުޓް ޖަހައިގެން ކެމްޕެއިން ކުރަނީ ވެސް އެހެން ކަމަށް އަމްރު ވިދާޅުވި އެވެ.
Comment