Advertisement

އަދާލަތުގެ ތާއީދު އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް

22 ޖަނަވަރީ 2022 - 20:34 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރައީސް ސޯލިހާއި މިނިސްޓަރު އިމްރާން: އެމްޑީޕީ ކެންޑިޑޭޓަށް ތާއީދު ކުރެއްވުމަށް އަދާލަތުން ނިންމެވީ ރައީސްގެ އެދިވަޑައިގަތުމުގެ މަތިން ކަމަށް އެ ޕާޓީން ބުނޭ


އަދާލަތުގެ ތާއީދު އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދަށް

22 ޖަނަވަރީ 2022 - 20:34 0

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް، މުހައްމަދު ރާޝިދަށް ތާއީދު ކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ނިންމައިފި އެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބުގައި ތިން ކެންޑިޑޭޓަކު ވާދަކުރާނެ އެވެ. އެއީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކެންޑިޑޭޓް ރާޝިދާއި، އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ އާދަމާއި، އެމްއެންޕީގެ ކެންޑިޑޭޓް އަބްދުލް ހަންނާން އިދުރީސެވެ.

އަދާލަތުން ބުނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް ނިންމީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ޕާޓީގައި އެދިވަޑައިގެންފައިވާތީ ކަމަށެވެ. އަދި އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ތިން ވަނަ ދައުރުގެ 10 ވަނަ ޖަލްސާގެ އަގުލަބިއްޔަތުން އެގޮތަށް ފާސްކޮށްފައިވާ ކަމަށެވެ.

އެމްޑީޕީ ކެންޑިޑޭޓަށް ތާއީދު ކުރުމަށް ނިންމި އަނެއް ސަބަބެއް ކަމަށް އަދާލަތުން ބުނީ 2008 ވަނަ އަހަރު ފާސްކުރެވުނު ގާނޫނު އަސާސީގެ ހަޔާތުގައި މިހާތަނަށް އުފެދުނު ސަރުކާރުތަކަށް ބަލާއިރު މި ސަރުކާރުގައި އަމާން ސުލްހަވެރި މުޖްތަމައެއް ގާއިމްކޮށް ސިޔާސީ ހަލަބޮލިކަން ކުޑަކޮށްފައިވާތީ އެވެ.

އަދި ކޮވިޑުގެ އާލަމީ ވަބާއާ އެކު މެދުވެރިވި އިގްތިސާދީ ދަތިތަކާއެކުވެސް ދިވެހިރާއްޖޭގެ އިގްތިސާދު ހަރުދަނާކޮށް ރައީސް ވައުދުވެ ވަޑައިގެންފައިވާ ފަދައިން ގިނަ ޕާޓީ އެކުލެވޭ ކޯލިޝަން ސަރުކާރެއް ކާމިޔާބު ކަމާއެކު ހިންގަވާ ކަމަށް އެޕާޓީން ގަބޫލު ކުރާތީ ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުން ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތަށް ބޮޑު ގޮންޖެހުމެއް ދިމާވެދާނެ ކަމަށް ފާހަގަކުރެވި ރައީސްގެ އަރިހުގައި އަދާލަތު ޕާޓީއިން ކަންބޮޑުވުން ފާޅުކުރި ކޮންމެ ކަމެއްގައި މިއަދާ ހަމަޔަށް އެކަށީގެންވާ ހައްލު ހޯދުމަށް މަސައްކަތް ކުރައްވާފައިވާ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެ އެވެ.

އަދި ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމްކޮށް އަމާން ވެއްޓެއް ކަށަވަރު ކުރުމަށް ހަރުދަނާ މަސައްކަތް ތަކެއް ކުރެވި މުޖްތަމައަށް ދިމާވެފައިވާ އެންމެ ބޮޑު ވަބާ ކަމަށްވާ މަސްތުވާތަކެއްޗާއި ގޭންގު ކުށްތައް ހުއްޓުވުމަށް މިހާތަނަށް ދައުލަތުގެ ފަރާތުން ދުވަހަކުވެސް މަސައްކަތް ނުކުރާ މިންވަރަށް ސަރުކާރުން މަސައްކަތް ކޮށްފައިވާ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

އަދާލަތު ޕާޓީގެ އިތުރުން ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ވެސް ވަނީ އެމްޑީޕީގެ ކެންޑިޑޭޓަށް ތާއީދު ކުރުމަށް ނިންމާފަ އެވެ. ނަމަވެސް ސަރުކާރު ކޯލިޝަންގައި ދެން ހިމެނޭ އެމްއާރުއެމްއިން ވަނީ ވަކި ކެންޑިޑޭޓަކަށް ތާއީދުނުކޮށް، ރައްޔިތުންގެ ވިސްނުމުގައި އެންމެ ރަނގަޅު ކެންޑިޑޭޓަކަށް ވޯޓު ދިނުމަށް އިލްތިމާސްކޮށްފަ އެވެ.

އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ރާޝިދުއަކީ 10 އަހަރުވަންދެން ފޯކައިދޫ ކައުންސިލްގެ މެމްބަރުކަމާއި ރައީސް ކަން ކުރެއްވި ބޭފުޅެކެވެ. އޭނާއަކީ މިހާރު އެ އިދާރާގެ ސެކެޓްރީ ޖެނެރަލް އެވެ.