22 ޖަނަވަރީ 2022 - 20:28 0
22 ޖަނަވަރީ 2022 - 20:28 0
ލަންޑަން (ޖެނުއަރީ 22) - އެސްޓަން ވިލާގެ ކޯޗު ސްޓީވެން ޖެރާޑާ އެކު ލިވަޕޫލަށް ކުޅުނު އުރުގުއޭގެ ތަރި ލުއިސް ސުއަރޭޒް، ވިލާ އަށް ގެންނަން އުޅޭ ވާހަކަ އެ ކްލަބުން ދޮގުކޮށްފި އެވެ.
އަޔަކްސް ދޫކޮށް އިނގިރޭސި ލީގަށް އައި ސުއަރޭޒް ވަނީ 2011 އިން 2014 އަށް ލިވަޕޫލަށް ޖެރާޑާ އެކު ކުޅެފަ އެވެ. ސުއަރޭޒް ބާސެލޯނާ އަށް ބަދަލުވުމަށްފަހު ވެސް ދެ ކުޅުންތެރިންގެ މެދުގައު ރަނގަޅު ގުޅުމެއް އޮވެ އެވެ. ސުއަރޭޒް ލިވަޕޫލް ދޫކޮށް އާސެނަލަށް ބަދަލުވާން އުޅުނު ފަހަރު އޭނާ އަށް ހުރަސްއެޅީ ޖެރާޑް އެވެ.
ވިލާ އިން ވަނީ ޖެރާޑާއި ސުއަރޭޒާ އެކު ލިވަޕޫލަށް ކުޅުނު ފިލިއްޕޭ ކުޓީނިއޯ އެ ކުލަބަށް ގެނެސްފަ އެވެ. ބާސެލޯނާގައި ބާކީވެފައި ހުރި ކުޓީނިއޯ ލޯން އެއްބަސްވުމެއްގެ ދަށުން ވިލާ އަށް ބަދަލުވި މައިގަނޑު ސަބަބަކީ ޖެރާޑެވެ.
މީޑިއާތަކުގައި މި ވަގުތު އެންމެ ބޮޑަށް ދެކެވެނީ ސުއަރޭޒް ގެންނަން ވިލާ އިން މަސައްކަތްކުރާ ވާހަކަ އެވެ.
އެތުލެޓިކޯ މެޑްރިޑާއެކު މިދިޔަ ސީޒަންގައި ލަލީގާ އުފުލާލި ފޯވާޑް މި ވަގުތު ހުރީ އެހާ ރަނގަޅު ފޯމެއްގައެއް ނޫނެވެ. އެންމެ ފަހުން އެތު ލެޓިކޯ އަށް ކުޅުނު 11 މެޗުގައި އޭނާއަށް ގޯލެއް ނުޖެހެ އެވެ. ވިލާ އަށް ސުއަރޭޒް ގެންނަން އޭނާ އަށް ޖެރާޑް ފޯނުން ގުޅައި ވާހަކަ ދައްކާފައިވާ ކަމަށް ވެސް އިނގިރޭސި މީޑިއާ ތަކުން ރިޕޯޓް ކުރެ އެވެ.
އެ ވާހަކަތައް ދޮގުކޮށް، ޖެރާޑް ބުނީ ސުއަރޭޒް އަކީ އަބަދުވެސް ގާތް އެކުވެރިއެއް ކަމަށާއި 2011 އިން ފެށިގެން ސުއަރޭޒާ ދެމެދު ވަރަށް ރަނގަޅު ގުޅުމެއް އޮންނަ ކަމަށެވެ. ނަމަވެސް މި ވަގުތު ވިލާ އަށް ބޭނުންވަނީ ފޯވާޑެއް ނޫން ކަމަށާއި އެޓީމުގައި އޭނާ ހިތްހަމަޖެހޭ ވަރަށް ފޯވާޑުން އެބަތިބި ކަމަށް ޖެރާޑް ވަނީ ބުނެފަ އެވެ.
"އަަހަރުމެން ޓީމުން ފޯވާޑެއް ހޯދަން މަސައްކަތް ނުކުރަން، އެހެންވީމަ ސުއަރޭޒް ގެންނަ ވާހަކަ ދައްކަނީ ކީއްވެ ކަމެއް ނޭނގޭ. ސުއަރޭޒް އަކީ މޮޅު ކުޅުންތެރިއެއް. އަހަރެން ޓީމަށް ފޯވާޑެއް ބޭނުންވާ ދުވަަހަކު ސުއަރޭޒް އަންނަން ހުރިއްޔާ އޭނާ ގެންނާނަން." ޖެރާޑް ބުންޏެވެ.
ވިލާ އިން ވަނީ މި ޓްރާންސްފާގައި ދެ ކުޅުންތެރިއަކު އެކުލަބަށް ގެނެސްފަ އެވެ. އެއީ ކުޓީނިއޯގެ އިތުރުން އެވަޓަން އަށް ކުޅެމުން އައި ފްރާންސްގެ ލޫކަސް ޑީނޭ އެވެ. ޑީނޭގެ ކުރީގެ ކްލަބް އެވަޓަންއާ ދެކޮޅަށް މިއަދު ކުޅުނު އިނގިރޭސި ޕްރިމިއާ ލީގުގެ މެޗުން ވިލާ މޮޅުވީ 1-0 އިންނެވެ. ވިލާގެ ހަމަައެކަނި ގޯލު ޖެހީ އެމީ ބުއެންޑީއާ އެވެ.
Comment