Advertisement

އާސެނަލް ލީޑުގައި، ވިލާ ދެ ވަަނަ އަށް

4 ޖަނަވަރީ 2026 - 00:50 0


އާސެނަލް ލީޑުގައި، ވިލާ ދެ ވަަނަ އަށް

4 ޖަނަވަރީ 2026 - 00:50 0

ލަންޑަން (ޖެނުއަރީ 3) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން މޮޅުވެ، ލީގުގެ އެއް ވަނައިގައި އާސެނަލުން ލީޑުދެެމެހެއްޓިއިރު، އެސްޓަން ވިލާ އިން ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

ބޯންމައުތު އަތުން 3-2 އިން މޮޅުވެ، އާސެނަލުން ވަނީ 20 މެޗުން 48 ޕޮއިންޓް ހޯދައިފަ އެވެ. އަދި، ނޮޓިންހަމް ފޮރެސްޓް އަތުން 3-1 އިން މޮޅުވެ، އެސްޓަން ވިލާ އިން ދެ ވަނަ އަށް އެރީ 20 މެޗުން 42 ޕޮއިންޓާ އެކު އެވެ. ކުރިން، ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ މި ވަގުތު ތިން ވަނައިގައި އޮތީ 19 މެޗުން 41 ޕޮއިންޓާ އެކު އެވެ. ސިޓީން މާދަމާރޭ ކުޅޭނީ ޗެލްސީއާ އެވެ.

އާސެނަލްގެ ގަބްރިއެލް މަގާޅައެސް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، ބޯންމައުތުން ވަނީ 10 ވަނަ މިިނިޓްގައި އެވަނިލްސަން ޖެހި ލަނޑުން ލީޑުނަގައިފަ އެވެ. ބޯންމައުތަށް ލީޑުގައި އޮވެވުނީ ހަ މިނިޓެވެ. ގަބްރިއެލް ވަނީ ބޯންމައުތު އޭރިއާތެރެއިން ލިބުނު ފުރުސަތަކުން ގޯލު ޖަހައި އެއްވަރުކޮށްފަ އެވެ.

މެޗުގައި އާސެނަލުން ނަތީޖާ އަނބުރާލީ ދެ ވަނަ ހާފުގައި ޑެކްލަން ރައިސް ޖެހި ދެ ގޯލުންނެވެ. ރައިސް ފުރަތަމަ ލަނޑު ޖެހީ ކެޕްޓަން މާޓިން އޮޑެގާޑް ދިން ބޯޅައަކުންނެވެ. އަދި، ދެ ވަނަ ލަނޑު ޖެހީ، ބަދަލަކަށް އެރި ބުކާޔޯ ސަކާ ދިން ބޯޅައަކުންނެވެ.

ބޯންމައުތުން ބަދަލަކަށް ނެރުނު ކްރޫޕީ ޖޫނިއާ ޖެހި ގޯލުން އެ ޓީމަށް އުންމީދެއް ލިިބުނު ނަމަވެސް އިތުރު ލަނޑެއް ޖަހައި، އެއްވަރެއް ނުކުރެވުނެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ވިލާ އިން ފުރަތަމަ ހާފުގައި ލީޑެއް ނެގި އެވެ. ފުރަތަމަ ލަނޑު ޖެހީ އޮލީ ވަޓްކިންސް އެވެ. ދެ ވަނަ ހާފު ފަށައިގެން ލަހެއް ނުވެ، ދެ ވަނަ ލަނޑު ޖެހީ ޖޯން މެކްގިން އެވެ. އެކަމަކު، ނޮޓިންހަމް ފޮރެސްޓްގެ ކެޕްޓަން، މޯގަން ގިބްސް-ވައިޓް ވަނީ ލަނޑެއް ޖަހައި އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު، ނޮޓިންހަމްގެ ކީޕަރަކަށް ހުރި ޖޯން ވިކްޓާ ހެދި ގޯހެއްގެ ފައިދާނަގައި، މެކްގިން ވަނީ އިތުރު ގޯލެއް ޖަހައި، ވިލާ އަށް ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ.

މިއީ، ލީގުގައި ވިލާ އިން އަމިއްލަ ދަނޑުގައި ޖެހިޖެހިގެން މޮޅުވި 11 ވަނަ މެެޗެވެ. މިއީ، މިދިޔަ 36 އަހަރު ތެރޭ އެ ޓީމުން އަމިއްލަ ދަނޑުގައި މި ފަދަ ރެކޯޑެއް ދެމެހެއްޓި ފުރަތަމަ ފަހަރެވެ.

ލީގުގައި މިރޭ ބްރައިޓަން އިން 2-0 އިން ބާންލީ ބަލިކުރިއިރު، ވެސްޓް ހޭމް ޔުނައިޓެޑްގެ މައްޗަށް 3-0 އިން ކުރިހޯދައި، ލީގުގެ ފުލުގައި އޮތް ވުލްވްސް އިން ވަނީ މި ފަަހަރުގެ ލީގުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ.