Advertisement

ބާސެލޯނާގައި ބްލެކްމެއިލް ވެފައި ހުންނަން ޑެމްބެލޭ ބޭނުމެއް ނޫން

21 ޖަނަވަރީ 2022 - 09:13 0


ބާސެލޯނާގައި ބްލެކްމެއިލް ވެފައި ހުންނަން ޑެމްބެލޭ ބޭނުމެއް ނޫން

21 ޖަނަވަރީ 2022 - 09:13 0

ބާސެލޯނާ (ޖެނުއަރީ - 20) - ބާސެލޯނާގެ އޮސްމާން ޑެމްބެލޭ އަށް އެ ކުލަބުން ހުށަހަޅާ އާ އެއްބަސްވުމުގައި ސޮއިނުކުރާ ނަމަ، އޭނާ ވިއްކާލާން ކުލަބުން އޮތީ ތައްޔާރަށް ކަމަށް މީޑިއާގައި ބުނެފައިވާއިރު، އެ އަށް ރައްދުދީ ޑެމްބެލޭ ބަޔާނެއް ނެރެފި އެވެ.

ޑެމްބެލޭ ބާސެލޯނާއާ އެކު ހަދާފައިވާ އެއްބަސްވުން މި ސީޒަންގެ ނިޔަލަށް ހަމަވާއިރު، އޭނާގެ އެއްބަސްވުން އާ ކުރަން ކުލަބުން އަންނަނީ މަސައްކަތް ކުރަމުނެވެ. މި ގޮތުން މުސާރަ އަށް ބަދަލުތަކެއް ގެނެސް ޑެމްބެލޭ އަށް ވަނީ އާ ކޮންޓްރެކްޓެއް ހުށަހަޅާފަ އެވެ. ނަމަވެސް ޑެމްބެލޭ ވަނީ މިހާރު މިހާތަނަށް ހުށަހެޅި ހުރިހާ ކޮންޓްރެކްޓެއްގައި ސޮއިކުރުމަށް ދެކޮޅު ހަދައިފަ އެވެ.

އެހެންވެ، ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒާ މަޝްވަރާ ކުރުމަށް ފަހު މިހާރު އެ ކްލަބުން ޑެމްބެލޭ އަށް އަންގާފައިވަނީ އެ ކޮންޓްރެކްޓްގައި ސޮއިނުކުރާނަމަ މި މަހުގެ ޓްރާންސް ބާޒާރު ނިމުމުގެ ކުރިން ބަދަލުވާނެ އެހެން ކްލަބެއް ހޯދުމަށެވެ.

ޑެމްބެލޭ ކޮންޓްރެކްޓް އާ ކުރަން ހުށަހެޅި ޑިމާންޑްތައް ބޮޑުވުމުން ކޯޗު ޒަވީ ކްލަބް މެނޭޖްމަންޓަށް އެންގީ އިތުރަށް މުސާރަ ބޮޑު ނުކޮށް އޭނާ ދޫކޮށްލުމަށެވެ. އެއީ ސީޒަނެއްގައި އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލޭ ކުޅުންތެރިއަކަށް ބޮޑު ކޮންޓްރެކްޓެއް ދީގެން ބޭނުންވާ މިސްރާބަށް ކްލަބް ނުގެންދެވޭނެ ކަމަށެވެ.

ޑޯޓްމަންޑް ދޫކޮށް ބާސެލޯނާ އަށް ބަދަލުވިތާ މިވީ ތިން އަހަރަށް ވުރެ ގިނަ ދުވަހު ބާސެލޯނާގައި ހުރިއިރު ޑެމްބެލޭއަށް ކުޅެވުނީ 87 މެޗެވެ. މިހާތަނަށް މި ސީޒަންގަ ފުރަތަމަ އެގާރައިގަ ކުޅެވުނީ އެންމެ ހަ މެޗުގަ އެވެ.

ބާސެލޯނާގެ ކޮންޓްރެކްޓް ހާލަތާ ބެހޭގޮތުން ޑެމްބެލޭ އޭނާގެ އިންސްޓަގްރާމްގައި ލިޔެފައިވަނީ އޭނާ ބްލެކްމެއިލް ވެފައި ހުންނަ ހާލަތަކަށް ދާން ބޭނުމެއް ނުވާ ކަމަށާއި އޭނާއާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަ ދައްކަން ވެސް ފުރުސަތު ނުދޭނެ ކަމަށެވެ. އަބަދުވެސް އިސްކަންދެނީ ކްލަބެއްގައި އޮންނަ ޕްރޮޖެކްޓަކަށް އެއްބާރުލުން ދީގެން ކުރިއަށް ދިއުމަށް ކަމަށާއި އެކަމަކު، ކްލަބުން އޭނާ އަށް ދޭން ޖެހޭ އިހުތިރާމް ނުދީ ކުރިއަށް ނުދެވޭނެ ކަމަށެވެ.

ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު މަޓޭއު އަލެމާނީ ބުނީ ޑެމްބެލޭއާ އެކު މީގެ ހަ މަސް ދުވަސް ކުރިން ބާސެލޯނާ އިން ފެށި ކޮންޓްރެކްޓް އާ ކުރުމުގެ މަޝްވަރާތަކަށް މިހާތަނަށް އައިއިރު ވެސް ކުރިއެރުމެއް ލިބިފައިނުވާ ކަމަށެެވެ. އަދި ބާސެލޯނާ އިން ބޭނުންވާ ގޮތަށް ޑެމްބެލޭގެ އާ ކޮންޓްރެކްޓަށް އެކި ބަދަލުތަކެއް ގެނައުމުން ވެސް އޭނާ ކޮންޓްރެކްޓް އާ ކުރަން ބޭނުމެއް ނުވި ކަމަށް އަލެމާނީ ބުނެފައިވެ އެވެ.

އުމުރުން 24 އަހަރުގެ ޑެމްބެލޭ މި ވަގުތު ބާސެލޯނާގައި ހުރީ ހަފްތާ އަކު 300،000 ޑޮލަރު ގެ މުސާރަ އަކަށެވެ. އޭނާ ކޮންޓްރެކްޓް އާ ކުރަން ޑިމާންޑް ކުރަނީ 900،000 ޑޮލަރާ ގާތްކުރާ އަދަދެއްގެ މުސާރައެއް ހަފްތާ އަކު ލިބޭ ގޮތަށެވެ.