Advertisement

އެވަޓަންގެ ޝޯޓްލިސްޓަށް ރޫނީ އާއި ލަމްޕާޑް

19 ޖަނަވަރީ 2022 - 12:17 0


އެވަޓަންގެ ޝޯޓްލިސްޓަށް ރޫނީ އާއި ލަމްޕާޑް

19 ޖަނަވަރީ 2022 - 12:17 0

ލަންޑަން (ޖެނުއަރީ 19) - އާ ކޯޗެއް ހޯދުމުގެ މަސައްކަތް އެވަޓަން އިން ފަށާފައިވާއިރު، ނަން މަޝްހޫރު ގިނަ ކޯޗުންތަކަކާ އެކު ވޭން ރޫނީ އާއި ފްރޭންކް ލަމްޕާޑްގެ ނަން ޝޯޓުލިސްޓުކޮށްފި އެވެ.

އެވަޓަންގެ ކޯޗުގެ މަގާމުގައި ހުރި ރަފައެލް ބެނިޓޭޒް މަގާމުން ވަކިކުރުމަށް ފަހު، އެ ކްލަބުން އެންމެ ފުރަތަމަ މަސައްކަތްކުރީ ބެލްޖިއަމްގެ ގައުމީ ޓީމުގެ ކޯޗަަކަށް ހުރި ރޮބާޓޯ މާޓިނޭޒް ގެންނާށެވެ.

މާޓިނޭޒް ވަނީ ކުރިން އެވަޓަން އަށް ކޯޗުކޮށްދީފަ އެވެ. އެކަމަކު ބެލްޖިއަމްގެ ފުޓްބޯލް އެސޯސިއޭޝަނުން އޭނާ ދޫކުރާކަށް ބޭނުމެއްނުވި އެވެ. މީގެ ކުރިން ޕީއެސްޖީ އާއި ބާސެލޯނާ އިން ވެސް މާޓީނޭޒް ގެންނަން ހުށަހެޅުމުން ވެސް ބެލްޖިއަމްގެ މައި ފުޓްބޯޅަ އިދާރާއިން ވަނީ އެ ޕްރޮޕޯސަލް އަނބުރާ ފޮނުވާލައިފަ އެވެ.

އެވަޓަންގެ ވަގުތީ ކޯޗަކަށް ހަމަޖައްސާފައިވަނީ އެސިސްޓަންޓް ކޯޗަކަށްހުރި އެ ޓީމުގެ ލެޖެންޑް ޑަންކަން ފާގަސަން އެވެ.

އާ ކޯޗެއް ހޯދުމަށް އެވަޓަން އިން ކުރަމުންދާ މަސައްކަތުގައި، މަޝްހޫރު ކޯޗުންތަކެއް ވަނީ ޝޯޓްލިސްޓްކޮށްފަ އެވެ. އޭގެ ތެރޭގައި އިންގްލެންޑް ކުރީގެ ކެޕްޓަން ވޭން ރޫނީ އާއި ފްރޭންކް ލަމްޕާޑް ހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތަކުން ބުނެ އެވެ.

ޗެލްސީގެ ކޯޗުކަމުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަކިކުރި ފަހުން، ލަމްޕާޑް އަދި އެއްވެސް ކްލަބަކާ ހަވާލެއްނުވެ އެވެ. ކްރިސްޓަލް ޕެލަސްއާ ހަވާލުވާން ލަމްޕާޑާ އިންޓަވިއު ކުރުމަށް ފަހު ވަކި ކަންކަމަށް އެއްބަސްނުވެވި، އެ ޓީމުން އެންމެ ފަހުން ގެންދިޔައީ ޕެޓްރިކް ވިއޭރާ އެވެ.

އެވަޓަން އާއި މެންޗެސްޓާ ޔުނައިޓަށް ކުރިން ކުޅުނު ރޫނީ އަކީ މި ވަގުތު ޑާބީ ކައުންޓީގެ ކޯޗެވެ. އެވަޓަންގެ އެކެޑަމީން ފުޓްބޯޅަ ފަށައި، ފަހުން އެ ކްލަބްގެ ސީނިއާ ޓީމަށް ވެސް ދެ ފަހަރެއްގެ މަތިން ކުޅުނު ރޫނީ ގެންނަން އެވަޓަންގެ ބޯޑު މެމްބަރުންގެ ބަޔަކު ވެސް ތާއީދުކުރެ އެވެ.

އެވަޓަން އިން ކޯޗެއް ހޯދުމުގެ މަސައްކަތުގައި ޝޯޓްލިސްޓްކޮށްފައިވާ ކޯޗުންގެ ތެރޭގައި ވެސްޓް ހޭމްގެ ކުރީގެ ކޯޗު ސްލަވާން ބިލިޗް އާއި ބޮރޫޝިއާ ޑޯޓްމަންޓްގެ ކުރީގެ ކޯޗު ލޫސިއަން ފަވްރޭ ވެސް ހިމެނެ އެވެ. -- ބީބީސީ