Advertisement

މާޒިޔާ އަށް މޮޅުވުން ނޫން ގޮތެއް ނެތް: މޯހަން

19 ޖަނަވަރީ 2022 - 11:06 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ޮޕްރެޒިޑެންޓްސް ކަޕްގެ މެޗެެއްގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން މޯހަން ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މާޒިޔާ އަށް މޮޅުވުން ނޫން ގޮތެއް ނެތް: މޯހަން

19 ޖަނަވަރީ 2022 - 11:06 0

ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ވެލެންސިއާއާ ދެކޮޅަށް ނުކުންނާނީ ފައިނަލުން ޖާގަ ހޯދަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް މޮޅުވުން ނޫން ގޮތެއް ނެތް ކަމަށް ދެކިގެން އެ ގޮތަށް ތައްޔާރުވެގެން ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

މި ފަހަރު ފުޓްބޯޅަ ސީޒަން ފައްޓަން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ވެެލެންސިއާ 5-0 އިން ބަލިކޮށް، މާޒިޔާ އިން ޕްރެޒިޑެންޓްސް ކަޕް ފެށީ ވެސް ރަނގަޅު ފޯމެއްގަ އެވެ. ފުރަތަމަ ފަސް މެޗުން މޮޅުވި އެވެ. އެކަމަކު، ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ އެންމެ ފަހުން މާޒިޔާ ކުޅުނު މެޗުން ކްލަބް ގްރީން ސްޓްރީޓްސް އަތުން ބަލިވި ހިސާބުންނެވެ. މިދިޔަ ބުރާސްފަތި ދުވަހު ހަވީރު ގްރީން ސްޓްރީޓްސް އަތުން މާޒިޔާ 2-0 އިން ބަލިވުމުން އެ މެޗަށް ފަހު އެ ޓީމަށް އޮތީ ވަރަށް މާޔޫސް ހާލަތެކެވެ.

މިރޭ ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ޕްރެކްޓިހެއްގެ ތެެރެއިން ދިން އިންޓަވިއުއެއްގައި މޯހަން ބުނީ އެންމެ ފަހުން ދުވަހު ގްރީން ސްޓްރީޓްސް މެޗު ނިމުނުއިރު އޮތީ ފައިނަލަށް ދާން ވަރަށް އުނދަގޫ ހާލަތެއްގައި ކަމަށެވެ.

"ﷲ އިރާދަކުރެއްވިއްޔާ އެރޭގެ މެޗު (ވެލެންސިއާ އާއި އީގަލްސް 2-2 އިން އެއްވަރުވި މެޗު) ނިމުމާ އެކީގައި ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް (މާޒިޔާ) ކުޅުންތެރިންނަށް ވެސް ލިބިގެންދިޔަ. އަނެއްކާ ވެސް ބޮޑު ބާރަކާ އެކީގައި ފައިނަލަށް ދިއުމުގެ ފުރުސަތު ލިބިގެން މިދިޔައީ،" މޯހަން ބުންޏެވެ.

"އެ ދުވަހު މެޗު (ގްރީން ސްޓްރީޓްސް މެޗު) ނިމުނުއިރު ވަރަށް މާޔޫސް. އެއީ ކިހިނެއް ކަމެއް ވާން ޖެހޭނީ ވެސް ނޭނގޭ ހާލަތެއްގައި ތިބީ. އެހެން މާގިނަ ވަގުތެއް ނުވެ، ހިތްހަމަޖެހުމަކަށް ބަދަލުވެގެން ދިޔައީ. މި މެޗުން މޮޅުވާން ޖެހޭނީ. ގޯލު އަދަދު ވެސް މުހިންމެއް ނޫން. ހަމައެކަނި މޮޅަކުން ނިމޭ ގޮތަށް އޮތީ. ކުޅުންތެރިން ވަރަށް ޕޮޒިޓިވްކޮށް ވަރަށް މޯޓިވޭޓްކޮށް މި އޮތީ،"

ޕްރެޒިޑެންޓްސް ކަޕްގެ ޕޮއިންޓް ތާވަލަށް މި ވަގުތު ބަލާއިރު، އެއް ވަނައިގައި ވެލެންސިއާ އޮތީ 16 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އާއި ތިން ވަނައިގައި އޮތް މާޒިޔާ އަށް ވަނީ 15 ޕޮއިންޓް ލިބިފަ އެވެ. ގްރީން ސްޓްރީޓްސް އާއި ވެލެންސިއާ އަށް ފަހު މެޗު އެއްވަރުކޮށްލައިގެން ވެސް ފައިނަލަށް ދެވޭނެ އެވެ. ގްރީން ސްޓްރީޓްސް މިއަދު ހަވީރު ކުޅޭނީ އީގަލްސްއާ އެވެ. ގްރީން މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން މާޒިޔާ ފައިނަލަށް ދާން ފުރުސަތު އޮތީ މިރޭ ވެލެންސިއާ އަތުން މޮޅުވެގެންނެވެ.

ފައިނަލަށް ދިއުމުގެ ރޭހުގައި އޮތް ތިން ޓީމުގެ ތެރެއިން މޮޅުވާން މަޖުބޫރުވެފައި އޮތީ މާޒިޔާ ކަމުގައި ވިޔަސް މޯހަން ދެކެނީ މިއީ "ޑިސެޑްވާންޓޭޖެއް" ނޫން ކަމަށެވެ. މީގެ އެންމެ ބޮޑަށް ބަލަން ބޭނުންވާ ކަމަކީީ އެހެން ބަޔަކަށް ބަރޯސާ ނުވެ، އަމިއްލަ ބާރުގައި ފައިނަލަށް ދެވެން އޮތުން ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

ވެލެންސިއާ އަކީ މާޒިޔާ އަށް ބަލިނުކުރެވޭ ވަރުގެ ޓީމެއް ނޫންކަން ފާހަގަކޮށް، މޯހަން ބުނީ މިރޭގެ މެޗު، ޗެރިޓީ ޝީލްޑް މެޗާ ތަފާތުވާނެ ކަމަށާއި ތާވަލުގެ ކުރީގައި އޮތަސް ވެެލެންސިއާ އިން ވިސްނަން ޖެހޭ ކަމެއް ވެސް އެބައޮތް ކަމަށެވެ.

"ޗެރިޓީ ޝީލްޑް މެޗާ މިއީ މުޅިން ތަފާތު މެޗަކަށް ވެގެންދާނީ. އެކަން އަޅުގަނޑުމެންނަށް ވެސް އެނގިގެން ތައްޔާރު މިވަނީ. ވެލެންސިއާ އަށް އިން އެޑްވާންޓޭޖަކީ އެއްވަރެއް ކޮށްލައިގެން ވެސް ފައިނަލަށް ދިއުން. ދެން އެކަމު، ގިނަ ފަހަރަށް އެ ކަހަލަ ޕޮއިންޓެއް އިންނައިރު، އޭގެ އިންނާނެ ޕްރެޝަރުތަކެއް ވެސް ވަރަށް ބޮޑަށް. އަޅުގަނޑުމެންގެ އެ ޕްރެޝަރެއް ނެތް، ކޮންމެ ގޮތެއް ވިޔަސް މޮޅުވާން ނުކުންނަން ޖެހެނީ. އިތުރު ޗޮއިސް އެއް ނެތް،" މޯހަން ބުންޏެވެ.

ގްރީން ސްޓްރީޓްސް މެޗުގައި މާޒިޔާ ބަލިވީ ހަގީގަތުގައި ވަރަށް ރަނގަޅަށް ކުޅެފައި ކަމަށް މޯހަން ވަނީ ބުނެފަ އެވެ. އެ ގޮތުން ގްރީން ސްޓްރީޓްސްގެ އޭރިއާތެރޭގައި 25 ވަރަކަށް ފަހު ބޯޅަ ހިފައިގެން އުޅެވުނުއިރު، އެއްވެސް އެއްޗެއް ގޯލަކަށް ހަދައިނުލެވުން އެއީ މައްސަަލައެއް ކަމަށާއި އެކަން ރަނގަޅުކުރަން ޖެހޭ ކަމަށް މޯހަން ބުންޏެވެ.

"ގާތްގަނޑަކަށް 25 އަށް ނޫނީ އެ އަށް ވުރެ ވެސް ގިނަ އަދަދަކަށް އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެވިފައި ހުރީ. އެ އެއްޗެހި ބޭނުންނުކުރެވި ހުރީ. އެހެންވީމަ ކޮންމެ ދުވަހަކު އެހެން ނުވާނެ ކަމަށް މި ބަލަނީ. ލިބޭ އެއްޗެހީގެ ބޭނުން ނުހިފި ދިޔަ ދުވަހެއް އެއީ، އެހެން ނަމަވެސް ކުރިއަށް އޮތް ދުވަހު (ވެލެންސިއާ މެޗުގައި) ލިބޭ ބޯޅަތަކުގެ ބޭނުންހިފޭނެ ކަމަށް މި ބަލަނީ. ވަރަށް އިތުބާރު އެބައޮތް، ވަރަށް ޔަގީންކަން އެބައޮތް،" މޯހަން ބުންޏެވެ.

މާޒިޔާގެ ކިބައިގައި ރާއްޖޭގެ ކޮންމެ ޓީމެއް ވެސް ބަލިކުރެވޭނެ ފެންވަރު އެބަހުރި ކަމަށާއި ކުޅުންތެރިއަކަށް ބަލި ހާލަތެއް ދިމާވެގެން ނޫނީ އަނިޔާވެގެން ބަދަލުކުރަން ޖެހޭ ފަދަ ހާލަތެއްގައި އެ މަގާމު ފޫބެއްދޭނެ ފެންވަރު ވެސް އެބަހުރި ކަމަށް މޯހަން ވަނީ ފާހަގަކޮށްފަ އެވެ.

މާޒިޔާގައި މި ވަގުތު އަނިޔާގައި ތިބި ކުޅުންތެރިންގެ ރިކަވަރީ ކަންކަމަށް ބަލާއިރު، ނާއިޒު ހަަސަން (ދާދު) އާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)ގެ ފިޓްނަސް ރަނގަޅުވަމުން އަންނަ ކަމަށް މޯހަން ވަނީ ބުނެފަ އެވެ.

މާޒިޔާ އާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ މިރޭ ނުވައެއް ޖަހާއިރު އެވެ.