Advertisement

ކުރޯ: އަމާޒަށް ވާސިލްވި ނަމޫނާ ކުޅުންތެރިއެއް


ކުރޯ: އަމާޒަށް ވާސިލްވި ނަމޫނާ ކުޅުންތެރިއެއް

ލ. ކުނަހަންދޫ އަކީ ދިވެހި ފުޓުބޯޅަ އަށް އާ ރަށެއް ނޫނެވެ. ރަށު ލެވަލުން ފަށައިގެން އައިސް، ގައުމީ ފެންވަރުގައި ފުޓުބޯޅައިގައި ނަމެއް ހާސިލްކޮށް، ގައުމަށް ރީތި ނަން ހޯދައިދިން ކުޅުންތެރިން މި ރަށަށް ނިސްބަތްވެ އެވެ. ގައުމީ ފުޓުބޯޅަ ޓީމާއި، ރާއްޖޭގެ ޗެމްޕިއަން ކްލަބް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ، ހުސެއިން ސިފާއު ޔޫސުފް (ކުރޯ) އަކީ، ކުނަހަންދުން ފަށައިގެން ގައުމީ ލެވަލްގައި ތަފާތު ދެއްކި އެއް ކުޅުންތެރިއެކެވެ. މި ވަގުތަށް ބަލާއިރު، މި ފަހުން ރާއްޖޭން ފެނުނު އެންމެ މޮޅު އެއް ފުލްބެކް އެވެ.

ކެރިއަރުގެ ފެށުން:

ކުރޯގެ ފުޓުބޯޅަ ކެރިޔަރުގެ ފެށުމަކީ ކުނަހަންދޫ އެވެ. ކުނަހަންދޫގައި އޭރު ބާއްވާ، މުބާރާތެއްގެ ތެރެއިން ފުޓުބޯޅަ އަށް އޭނާގެ ހިތްޖެހުނެވެ. އެ މުބާރާތުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ގިނަ ކުޅުންތެރިން ގޮސް ބައިވެރިވެ އެވެ. އޭގެ ތެރެއިން ފުޓުބޯޅަ އަށް އުފެދުނު، ޝައުގުވެރިކަމާއި ލޯތްބާ އެކު ކުރޯ ފުޓުބޯޅަ ކުޅެން ފެށި އެވެ. އޭރު ކުރޯގެ ކޯޗަކަށްވީ ރާއްޖޭގެ ފުޓްބޯޅައިގެ ލެޖެންޑެއް ކަމަށްވާ، ލިރުގާމް ސައީދް (ލަރޭ) ކޯޗެވެ. ލަރޭގެ އެކަޑަމީގައި ތަމްރީނުތައް ފުރިހަމަކޮށް ފުޓުބޯޅައިގެ ބޭސިކް ކަންކަން ކުރޯ ދަސްކުރި އެވެ.

"އޭރު ދެން ގްރޭޑް އަށެއްގައި އެންމެ ފުރަތަމަ މުބާރާތެއްގައި ކުޅުނީ، ދެން އޭރު ކޯޗު ލަރޭ ވެސް ބުނީ ފަސްޓް ކުޅެވޭ ލެވަލް އެބަހުއްޓޭ" ކުރޯ އޭނާގެ ކެރިޔަރުގެ ފެށުން ހަނދާން އާ ކުރަމުން، "އަދަދު ސްޕޯޓްސް" އަށް ބުންޏެވެ.

އޭގެ ފަހުން މާލެ ބަދަލުވެ، ކްލަބް އީގަލްސްގެ ޔޫތު ޓީމަށް ކުޅުމުގެ ފުރުސަތު ކުރޯ އަށް ލިބިގެންދިޔަ އެވެ. މި ފުރުސަތު ވެސް އޭނާ އަށް ހޯދައި ދިނީ ލަރޭ ކޯޗެވެ. ލަރޭ ކޯޗު ދިން ފުރުސަތުގެ ބޭނުން ހިފައި އީގަލްސްގެ ޔޫތު ޓީމުގައި މޮޅަށް ކުޅެ، ސީނިއާ ޓީމުން ވެސް ކުރޯ ޖާގަ ހޯދި އެވެ.

ކުރޯ، ކެޕްޓަން ބޭންޑް އަޅައިގެން އީގަލްސް އަށް ކުޅެދިން މެޗެއްގެ ތެރެއިން.--- ފޮޓޯ: މިހާރު


ކެރިއަރުގެ ބޮޑުބައި އީގަލްސްއާ އެކު

އީގަލްސް އަކީ ކުރޯގެ ކެރިޔަރުގެ މުހިންމު ބައިވެރިއެކެވެ. ޔޫތު މުބާރާތް ކުޅެން ލަރޭ ކޯޗު ހޯދަައިދިން ފުރުސަތެއްގައި އޭގެ ބޭނުން ހިފަން ކުރޯ އޭރު ހުރީ ކެތްމަދުވެފަ އެވެ. ޔޫތު މުބާރާތުގެ ރަސްކަމަށް އީގަލްސް ގެނައުމުގައި ވެސް އެންމެ މުހިންމު ދައުރެއް އަދާކުރި އެއް ކުޅުންތެރިޔަކީ ކުރޯ އެވެ.

ކުރޯ ފާހަގަކުރާ ގޮތުގައި ރާއްޖޭގެ ފުޓްބޯޅައިގެ އުހަށް އީގަލްސް އާދެވުނީ އީގަލްސްގެ މެނޭޖުމަންޓުން ޒުވާން ޓީމަކަށް ކުރި އިތުބާރެވެ.

ކްރޯގެ ކެރިޔަރުގައި އީގަލްސްއާ އެކު ގިނަ ހަނދާންތަކެއް އެބަހުއްޓެވެ. އެ ގޮތުން 2014 ވަނަ އަހަރު ޔޫތު މުބާރާތް ބައިކޮޅަށް ގޯލަށް ނުވަދެ އީގަލްސް އިން ނެގި ނެގުމަކީ ކުރޯ އަށް މުހިންމު ކާމިޔާބެކެވެ.

"ފުރަތަމަ އަހަރު އީގަލްސްއާއެކު ޔޫތު މުބާރާތުގައި ބެންޗުން ފަށަން ޖެހުނީ, އެކަމަކު ދެ ވަނަ މުބާރާތުގައި (ސާންތި) ކޯޗު ދިން ފުރުސަތުގައި ފުރަތަމަ އެގާރައިން ފުރުސަތު ހޯދާ އެ މުބާރާތް ކާމިޔާބުކުރެވި, އީގަލްސް އަށް މި މުބާރާތް މިލްކުކުރިއިރު ބޭންޑް އަޅައިގެން ކުޅެން ފުރުސަތު ލިބުން އެއީ ވަރަށް އުފާވި ކަމެއް" ކުރޯ ފާހަގަ ކުރި އެވެ.

އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) އާއި ރާއްޖޭގެ އެންމެ ކާމިޔާބު ޒުވާން ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓެ) ގުޅިގެން، އީގަލްސްގައި ބިނާކުރި ޓީމުގައި، ލީޑަރެއްގެ ގޮތުގައި ޑިވެލޮޕްވި އެއް ކުޅުންތެރިއަކީ ކުރޯ އެވެ.

އީގަލްސް ސްކޮޑުގައި 2013 ވަނަ އަހަރު ކުރޯ ހިމެނުނު ނަމަވެސް އެ އަހަރު މެޗުތަކުގައި ކުޅެން އެހާ ގިނަ ފުރުސަތުތަަކެއް ނުލިބެ އެވެ. އެކަމަކު ލިބުނު ފުރުސަތުތަކުގައި ތަފާތު ދައްކައި އޭނާ ވަނީ އެ އަހަރު 19 އަހަރުން ދަށުގެ ގައުމީ ޓީމަށް ވެސް ކުޅެފަ އެވެ. ކުރޯ އަށް އީގަލްސްގައި އެންމެ ރަނގަޅަށް ފުރުސަތު ލިބެން ފެށީ 2014 ވަނަ އަހަރު އެވެ. އެ ފަހަރު އޭނާ ވަނީ އީގަލްސްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ގިނަ މެޗުތަކެއް ކުޅެފަ އެވެ. އޭގެ ފަހުން އޭނާ އަކީ ގަވާއިދުން އީގަލްސްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެމުން އައި ކުޅުންތެރިޔެކެވެ.

އީގަލްސް ކުރިއެރުމުގައި އަސްލު އޭރުގެ ސްކޮޑަށް މެނޭޖުމަންޓުން އެކުރި އިތުބާރު އެއީ ވަރަށް ބޮޑު އެއްޗެއް ދެން އޭރު ރިޒޭ މެން ކަހަލަ ކުޅުންތެރިން ސްކޮޑުގައި ތިބުން ވެސް އެއީ ކުރިއެރުމެއް" -- ކުރޯ

މީގެ އިތުރުންވެސް ކުރޯގެ ކްޕެޓަންކަމުގެ ދަށުން ޗެރެޓީ ޝީލްޑް އުފުލާލަން ލިބުން ވެސް އެއީ އީގަލްސް ކެރިއަރުގައި ކުރޯ އަށް ހަނދާނުން ނުފިލާނެ ކާމިޔާބީ އެއް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

އޭއެފްސީ ކަޕްގައި ކުރޯ އީގަލްސްގެ މެޗެއްގެ ތެރެއިން.--- ފޮޓޯ: އަދަދު


ހާއްސަ ގޮތެއްގައި، އީގަލްސް އިން 2015 ވަަނަ އަހަރު، ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރިއިރު، އެ ހިސާބަށް އެ ޓީމު ދިއުމުގައި ޒުވާން ކުޅުންތެރިން އެއް ރޫހެއްގައި ކުރި މަސައްކަތަށް ބަލާއިރު، ކުރޯގެ ދައުރު ވެސް ފެނުނީ ރަނގަޅަށެވެ. ކުރޯގެ ކެޕްޓަންކަމުގެ ދަށުގައި އީގަލްސް އިން ވަނީ ދެ ފަހަރެއްގެ މަތިން ޔޫތު ފުޓްބޯޅަ މުބާރާތުގެ ތަށި އުފުލާލައިފަ އެވެ.

މާޒިޔާ އަށް ބަދަލުވުން; އެޅުނު މުހިންމު ފިޔަވަޅެއް

މާޒިޔާ އަށް ކުރޯ ބަދަލުވާން ނިންމި ނިންމުމަކީ އޭނާ އަށް ފަސޭހަ ނިންމުމަކަށް ނުވި އެވެ. ހާއްސަކޮށް ސީނިއާ ކެރިޔަރު ފެށި އަދި ފުރަތަމަ ކްލަބަކަށް އީގަލްސް އަށް ވެފައި އީގަލްސް އަށް އޭނާގެ ހިތް ދޫވެފައި އޮތުން އެއީ މި ނިންމުން ނިންމަން ކުރޯ އަށް އުނދަގޫވި އެއް ސަބަބެވެ.

އެކަމަކު ފުޓުބޯޅަ ކެރިއަރުގައި އިތުރު ތަޖުރިބާ އެއް ކުރުމަށާއި, އާމްދަނީ އަށް ބަލާއިރު މާޒިޔާ އިން ދިން އޮފާ އަކީ ކުރޯ އަށް ދޫކޮށްލަން އުނދަގޫވި އޮފާ އެކެވެ.

"އަސްލު ވަރަށް އުނދަގޫ ނިންމުމެއް މިއީ, އެކަމަކު އިތުރު އެކްސްޕީރިއަންސް އެއް ކުރަން ބޭނުންވެފަ ހުރީ ދެން ފައިނޭންޝިއަލީ ބެއްޔަސް ރަނގަޅު މާޒިޔާއިން ކުރި އޮފާ. ދެން އޭއެފްސީވެސް ކުޅެވޭނެތާ." ކުރޯ ބުންޏެވެ.

އޭއެފްސީ ޗެލެންޖް ލީގުގެ މެޗެއްގެ ތެރެއިން ކުރޯ ބޯޅަ ހިފައިގެން


މާޒިޔާއާ އެކު ކުރޯ ވަނީ ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. ދިވެހި ފުޓުބޯޅައިގައި ކުރޯ އަށް މިހާރު ކާމިޔާބުނުވާ ހަމައެކަނި ތަށްޓަކީ އެފްއޭ ކަޕް އެވެ. އެ ކާމިޔާބުކުރުމަކީ މިހާރު ކުރޯގެ އަޒުމެކެވެ.

ގައުމީ ސްކޮޑުން ޖާގަ ލިބުން - ހުވަފެނެއް ހަގީގަތަކަށްވުން:

ކުރޯ އަށް 19 އަހަރާއި 23 އަހަރުން ދަށުގެ ގައުމީ ޓީމުން ފުރުސަތު ލިބުން އުނދަގޫ ކަމަކަށް ނުވި އެެވެ. ސީނިއާ ޓީމަށް އަންނަން އޭނާ އަށް ދޮރު ހުޅުވާލައިދިނީ، 2018 ވަނަ އަހަރު ގައުމީ ޓީމާ ހަވާލުވި ކޯޗު ޕީޓަ ސެގާޓް އެވެ.

ސެގާޓް ހަވާލުވެ، އެ އަހަރު ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރަން، ޓީމެއް އެކުލަވާލަން ކުރި މަސައްކަތުގައި ކުރޯ އަކީ ޓީމުގެ ފަހަތުގެ އެއް ތަނބެވެ.

ވަރަށް އުފާވި އެ ދުވަހު ގައުމީ ސްކޮޑުގައި ހިމެނުންކަން އެނގުމުން އެއީ ދެން ހަމަ ހުވަފެނެއް ހަގީގަތަކަށް ވުން -- ޝިފާއު

އެތުލީޓެއް ނުވަތަ ކުޅުންތެރިއެއްގެ ކެރިޔަރުގައި އެންމެ މުހިންމު ޓާގެޓަކަށް އަބަދުވެސް ވާނީ ގައުމީ ޓީމެވެ. ކުރޯ ވެސް ކެރިޔަރު ފެށީ ގައުމީ ސްކޮޑުން ޖާގަ ހޯދުމުގެ އަޒުމުގަ އެވެ. އެ ހުވަފެން ހަގީގަތަކަށްވި ދުވަސް އެއީ ކުރޯ އަށް ބަޔާންކޮށްދޭން އުނދަގޫ ދުވަހެކެވެ. ގައުމީ ޓީމުން ޖާގަ ހޯދައި، ދެން ކަނޑައެޅި ތަށްޓެއް ހޯދުމުގެ އަމާޒަށް ވާސިލްވާން މާ ދުވަހެއް ނުނަގަ އެވެ.

"އަސްލު އެ ކާމިޔާބު ހޯދިއިރު, މީހުންނަކަށް ނޭނގޭނެ ކުޅުންތެރިންވި ގުރުބާނެއް. މަސް ދުވަސް ގަތަރުގައި ޓްރެއިނިންގް ހަދާފައި މުބާރާތައް ދިޔައީ އެކަމަކު ފުރަތަމަ ކޮޅު އެންމެ ރަނގަޅަކަށް ނޫން ކުޅެވުނީ އެއް. އެކަމަކު ސެމީއާ ފައިނަލް މެޗުގައި މޮޅަށް ކުޅެ ތަށި ހޯދީ" ކުރޯ ބުންޏެވެ.

ގައުމީ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ކުރޯ.--- ފޮޓޯ: އަދަދު


ކުރޯގެ ކެރިޔަރުގައި އެންމެ އުފާވި ދުވަހަކީ މިއީ އެވެ. ސާފް ޗެމްޕިއަންޝިޕް ތަށި ރާއްޖެ އަށް ހޯދަދިން ދުވަހެވެ. އަދި އެ ފަހުން މާލެ އައިއިރު, ބޮޑުތަކުރުފާނު މަގުން ދިވެހިން އެކީ ހޫނު މަރުހަބާ ދުވަހަކުވެސް ހަނދާނުން ނުފިލާނެ ކަމަށް ކުރޯ ބުންޏެވެ.

އެންމެ ހިތްދަތި ހަނދާން ވެސް ގައުމީ ޓީމާ އެކު

ފުޓުބޯޅަ ކެރިޔަރުގައި ހޭދަކުރި އެންމެ ހިތްދަތި ވަގުތުވެސް ކުރޯ ހޭދަކުރީ ގައުމީ ޖާޒީގަ އެވެ. އަމިއްލަ ފަސްގަނޑުގައި ގިނަ އަދަދެއްގެ ރާއްޖޭގެ ސަޕޯޓަރުން ކުރިމަތީ ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ އަތުން ސެމީ ފައިނަލުގައި ބަލިވި ބަލިވުން އެއީ ކުރޯ މިހާތަނަށް ފުޓުބޯޅައިގައި ކުރަން ޖެހުނު އެންމެ ހިތްދަތި ހަނދާނެވެ.

އެކަމަކު އެ ހަނދާންތައް ފިލުވާލަން ކުރޯގެ އަޒުމެއް އެބައޮތެވެ.

އަދިވެސް އެންމެ ބޭނުންވަނީ ގައުމީ ޓީމާއެކު އިތުރު ތަށްޓެއް ހޯދަން އެއީ މިހާރުގެ ޓާގެޓަކީ -- ޝިފާއު

ކުރޯގެ ކެރިޔަރުން ފެންނަން އޮތް ހަގީގަތަކީ ފުރުސަތުގެ ބޭނުން ހިފައި ކުރާ ހިތްވަރުގެ ނަތީޖާ ފޮނިވާނެ ކަމެވެ. އަމިއްލަ ރަށުގައި ހުރެ، ލިބެން އޮތް ވަސީލަތެއްގެ ބޭނުންހިފައިގެން، މަޑުމަޑުން ކުރިއަށް ދިޔަ ކުރޯ ފަސްއެނބުރި ބަލާފައެއް ނުވެ އެވެ. ރާއްޖޭގެ މަތީ ފަންތީގެ ފުޓްބޯޅައިގައި 10 އަހަރަށް ވުރެ ގިނަ ދުވަހު ފެންވަރު ސާބިތުކޮށްދީ ކާމިޔާބަށް ބަލާއިރު، ގިނަ ތަށިތަކެއް ވެސް ކުރޯ ވަނީ ހޯދައިފަ އެވެ.

އީގަލްސް އިން ބިނާކުރި ޓީމުގައި ތިބި ކުޅުންތެރިންނަކީ މިސާލެއްގެ ގޮތުގައި، އޭރު އީގަލްސްގެ ކޯޗު ސާންތީ ފާހަގަކުރާއިރު، ކުރޯ އަކީ އޭގެއިން އެއް މިސާލެވެ.