Advertisement

އަލިފާން ފަރުބަދަ ގޮވުމާއި ސުނާމީއާއެކު ޓޮންގާއަށް ލިބުނު ގެއްލުން އަންދާޒާ ނުކުރެވޭހާ ބޮޑު

18 ޖަނަވަރީ 2022 - 13:54 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަލިފާން ފަރުބަދަ ގޮވުމުގެ ކުރިން ނަގާފައިވާ ސެޓެލައިޓް ފޮޓޯއެއް. -- ފޮޓޯ: ރޮއިޓާޒް


އަލިފާން ފަރުބަދަ ގޮވުމާއި ސުނާމީއާއެކު ޓޮންގާއަށް ލިބުނު ގެއްލުން އަންދާޒާ ނުކުރެވޭހާ ބޮޑު

18 ޖަނަވަރީ 2022 - 13:54 0

ސިޑްނީ، ވެލިންގްޓަން (ޖެނުއަރީ 18) - ޓޮންގާގެ އަލިފާން ފަރުބަދަ ގޮވައި އެރި ސުނާމީގައި ރަށްތަކަށް ލިބުނު ގެއްލުން އަންދާޒާ ނުކުރެވޭހާ ބޮޑު ކަމަށް އެ ގައުމުގެ ޑިޕްލޮމެޓަކު ބުނެފި އެވެ.

ނިއުޒީލޭންޑުގެ ޑިފެންސް ފޯސް އިން ނަގާފައިވާ ފޮޓޯތަކުން ފެންނަނީ މެންގޯ ރަށުގެ އަވަށް އެއްކޮށް ސުންނާފަތިވެފައިވާ މަންޒަރާއި އަޓަޓާ ރަށުގެ ބައެއް އިމާރާތްތައް ދޮވެވިފައިވާ މަންޒަރު ކަމަށް އޮސްޓްރޭލިއާގައި ހުންނަ ޓޮންގާ މިޝަންގެ ނައިބު ކާޓިސް ޓުއިހަލަންގިންގީ ވިދާޅުވި އެވެ.

"މީހުން ހާސްވެ ބިރުގަނެ ދުވަން ފެށީމާ ބޮޑެތި ޒަހަމްތައް ލިބިފައި އެބަ ތިބި. ބެލެވެނީ މަރުވި މީހުންގެ އަދަދު އިތުރުވާނެ ކަމަށް. އަޅުގަނޑުމެން މި ދުއާކުރަނީ އެހެން ނުވުމަށް."

ޓޮންގާގެ ފުލުހުން ބުނީ މިހާތަނަށް މަރުވި ކަމަށް ރަސްމީކޮށް ރިޕޯޓުކޮށްފައި ވަނީ ދެ މީހުން ކަމަށެވެ. ނަމަވެސް މުއާސަލާތީ ގުޅުންތައް އަދިވެސް ގާއިމްކުރެވިފައި ނުވާތީ ބައެއް ރަށްރަށުގައި ތިބި މީހުންގެ ހާލު ސާފެއް ނުވެ އެވެ.

އޮސްޓްރޭލިއާއިން ބުނީ ސުނާމީގެ ސަބަބުން ސުންނާފަތިވެފައިވާ ރަށްތަކުގައި ތިބި މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމުގެ މަސައްކަތް ޓޮންގާގެ އޮފިޝަލުން ކުރަމުންދާ ކަމަށެވެ.

އދ. އިން ބުނީ މެންގޯ ރަށުން އެހީއަށް އެދި ފޮނުވި ސިގްނަލެއް ލިބިފައިވާ ކަމަށެވެ. ޓޮންގާގެ ސިފައިން ބުނީ އެ ރަށް ހުންނަ ހިސާބަށް ސުނާމީގައި 5-10 ފޫޓުގެ ރާޅުތައް އެރި ކަމަށެވެ.

މެންގޯ އާއި އަޓަޓާ ރަށް ހުންނަނީ ހުންގާ ޓޮންގާ ހުންގާ ހާއަޕާއީ އަލިފާން ފަރުބަދައާ 50-70 ކިލޯމީޓަރު ދުރުގަ އެވެ. އަޓަޓާގައި 100 މީހުން ދިރިއުޅޭ އިރު، މެންގޯގެ އާބާދީ އަކީ 50 މީހުންނެވެ.

ސުނާމީގައި މަރުވި މީހުންގެ ތެރޭގައި އުމުރުން 50 އަހަރުގެ އިނގިރޭސި ރައްޔިތަކު ހިމެނެ އެވެ. ޓޮންގާގައި ޖަނަވާރުންނަށް ހިމާޔަތްދޭ ޖަމިއްޔާއެއް ހިންގާ އެންޖެލާ ގްލޮވާ މަރުވީ ސުނާމީގެ ރާޅުތަކުން ކުއްތާތަކެއް ސަލާމަތް ކުރަން އުޅުމުގެ ތެރޭގަ އެވެ.

ޓޮންގާ އަކީ ޕެސިފިކް ކަނޑުގައި އޮންނަ 176 ރަށް ހިމެނޭ ޖަޒީރާ ގައުމެކެވެ. އޭގެ ތެރެއިން މީހުން ދިރިއުޅެނީ 36 ރަށުގަ އެވެ. ރަސްކަމެއް އޮންނަ ޓޮންގާގެ އާބާދީ 104،494 މީހުންނެވެ.