Advertisement

ކުޑަރިކިލަށް އެންމެ ފަހުން މާލެއިން ޑޮކްޓަރެއް ފޮނުވައިފި

18 ޖަނަވަރީ 2022 - 10:29 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ރޯގާ ފެތުރޭ އިރު ޑޮކްޓަރަކު ނެތުމުން ކުޑަރިކިލު ބަޔަކު އިއްޔެ ހެލްތު ސެންޓަރަށް ގޮސް އިހުތިޖާޖްކުރަނީ: މިއަދު ވަނީ ހެލްތް ސެންޓަރު ހުޅުވާ ހިދުމަތް ދޭން ފަށާފައި-- ފޮޓޯ: ސޯޝަލް މީޑިއާ


ކުޑަރިކިލަށް އެންމެ ފަހުން މާލެއިން ޑޮކްޓަރެއް ފޮނުވައިފި

18 ޖަނަވަރީ 2022 - 10:29 0

ބ. ކުޑަރިކިލު ސިއްހީ މަރުކަޒުގައި ޑޮކްޓަރު ނެތީސް އެރަށުގައި ހުމާއި ރޯގާ ފެތުރޭތީ ރަށު ރައްޔިތުން އިއްޔެ މުޒާހަރާ ކުރުމުން އެ ރަށަށް މާލެއިން މިއަދު ޑޮކްޓަރެއް ފޮނުވައިފި އެވެ.

އެ ރަށުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ފެތުރިފައިވާއިރު، އެރަށުގެ ހެލްތު ސެންޓަރުގައި ޑޮކްޓަރަކު ނެތި ގިނަ ދުވަސްތަކެއް ވުމުން ރައްޔިތުންގެ ތެރެއިން ބަޔަކު ނުކުމެ އިއްޔެ ވަނީ ހެލްތު ސެންޓަރު ބަންދުކޮށްފަ އެވެ.

ހެލްތް މިނިސްޓްރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު އައިމިނަތު ޝަތުފާ "އަދަދު" އަށް ވިދާޅުވީ ކުޑަރިކިއްޔަށް މިއަދު ޑޮކްޓަރަކު ފޮނުވާފައިވާ ކަމަށާއި މެންދުރު ފަހު ޑޮކްޓަރަށް ރަށަށް ދެވޭނެ ކަމަށެވެ.

ކުޑަރިކިލު ކައުންސިލްގެ ރައީސް އަބްދުލް ހަންނާން ވިދާޅުވީ އިއްޔެ ބަންދުކުރި އެރަށުގެ ހެލްތް ސެންޓަރު މިއަދު ހުޅުވާ ހިދުމަތް ދޭން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"11 ޖަހާއިރަށް ދަރަވަންދޫއަށް ޑޮކްޓަރު އަންނަން އިނީ. 12 އާއި 1 އާ ދޭތެރޭ ރަށަށް އާދެވޭނެ ކަމަށް މި ބަލަނީ. އަޅުގަނޑުމެން އިހުތިޖާޖުގެ ބައިވެރިންނާ ބައްދަލުކޮށް ވާހަކަ ދައްކައި މިއަދު ހެންދުނު ސެންޓަރު ހުޅުވައިގެން ހިދުމަތް ދެމުން ގެންދަނީ،" ހަންނާން ވިދާޅުވި އެވެ.

އެ ރަށުގައި ބޭރަށް ހިންގުމާއި ހޮޑުލުމުގެ ރޯގާ ޖެހޭ މީހުންނަށް މިހާރު ފަރުވާ ދެމުން އައީ އޭދަފުށީގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ތިއްބަވާ ޑޮކްޓަރުންނަށް އޮންލައިންކޮށް ދައްކައިގެންނެވެ. އިއްޔެ އިހުތިޖާޖު ކުރީ އެގޮތަށް ދައްކަން ވެސް ކިއުގައި ވަރަށް ގިނަ އިރު މަޑުކުރަން ޖެހޭތީ އެވެ.

"އަތޮޅު ހޮސްޕިޓަލުން މީގެ ކުރިން އަޅުގަނޑުމެންނަށް ދީފައި އޮތް ތާރީހަކީ މިމަހުގެ 15 [މިދިޔަ ހޮނިހިރު]. މިހާރު އަނެއްކާ ވެސް އަންގާފައި އޮތީ 18 ގައި ޑޮކްޓަރަކު ފޮނުވާނެ ކަމަށް،" އެ ރަށު ކައުންސިލް މެމްބަރު ނަޝީދު އިއްޔެ ވިދާޅުވެފައިވެ އެވެ.