Advertisement

މިލާނުން ފުރުސަތު ނަގާލައިފި

18 ޖަނަވަރީ 2022 - 08:35 0

ސްޕެޒިއާގެ އަމިއާން ކައިރިން މިލާނުގެ އިބްރަހިމޮވިޗް ބޮލުން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: އޭއެފްޕީ


މިލާނުން ފުރުސަތު ނަގާލައިފި

18 ޖަނަވަރީ 2022 - 08:35 0

މިލާން (ޖެނުއަރީ 18) - އިޓާލިއަން ލީގުގައި ރޭ ފަހު ވަގުތު ސްޕެޒިއާ އަތުން 2-1 އިން ބަލިވެ، އޭސީ މިލާނުން ލީގު އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ނަގާލައިފި އެވެ.

ރޭގެ މެޗުން މޮޅުނުވެވުމުން މިލާން ދެ ވަނައިގައި އޮތީ 22 މެޗުން 48 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި އިންޓަ މިލާން އޮތީ 21 މެޗުން 50 ޕޮއިންޓް ހޯދައިގެންނެވެ. އިންޓަ އަށް މެޗު ހަމަކުރާއިރު، ފަސް ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު މިހާރު އޮތީ ފަހިވެފަ އެވެ.

ރޭގެ މެޗުގެ ކުރީކޮޅުގައި މިލާނުގެ ރަފައެލް ލެއާއޯ ޖެހި ދެ ބޯޅައެއް ދިޔައީ ގޯލާ ސީދާނުވެ އަރިމަތިން ބޭރުންނެވެ. މިލާނުގެ ލެއާއޯ އަށް ސްޕެޒިއާގެ ގޯލްކީޕަރު އީވާން ޕްރޮވެޑެލް ކުރި ފައުލަކަށް ދިން ޕެނަލްޓީން މިލާނުގެ ތިއޯ ހެނާންޑޭޒް ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެެވެ. މި ޕެނަލްޓީ އަކީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) ބަލާފައި ދިން ޕެނަލްޓީ އެކެވެ.

އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެއާއޯ އަށް ލިބުނު ފުރުސަތަކުން ކީޕަރު ޕްރޮވެޑެލް ބޯމަތިން އޮއްސާލައިގެން މިލާނުން ލީޑުނެގި އެވެ. ދެ ވަނަ ހާފް ފަށައިގެން މިލާނުން ލީޑުފުޅާކުރަން ކުރި މަސައްކަތުގައި އެ ޓީމުގެ އަލެކްސިސް ސަލެމޭކާ އޭރިއާތެރެއިން ޖެހި ބޯޅައެއް ސްޕެޒިއާ ކީޕަރު ޕްރޮވެޑެލް ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 64 ވަނަ މިނިޓްގައި ސްޕެޒިއާ އަށް އެއްވަރުކޮށްދިނީ ބަދަލެއްގެ ގޮތުގައި ކުޅެން އެރި ކެވިން އަގުއިޑެލް އެވެ. އޭނާ މި ގޯލު ޖެހީ ޑެނިއަލް ވާޑާ އަރިމަތިން ނެގި ހުރަހަކަށް އޭރިއާތެރެއިން ހުސްކޮށް އަރަ އެވެ.

މިލާނުން އަލުން ލީޑުނަގަން ކުރި މަސައްކަތުގައި މެސިއަސް ޖޫނިއާ ގޯލެއް ޖެހި ނަމަވެސް އޭގެ ކުރިން ރެފްރީ ވަނީ މިލާނުގެ އަންޓޭ ރެބިޗަށް ކުރި ފައުލަކަށް ކަށިގަނޑު ފުމެފަ އެވެ. އެހެންވެ، އެ ގޯލު ބަލައިނުގަތެވެ. މިލާނުގެ ޒްލަޓާން އިބްރަހިމޮވިޗް ބޮލުން ޖެހި ބޯޅައެއް ސްޕެޒިއާގެ ކީޕަރު ޕްރޮވެޑެލް އަތުގައި ޖެހިފައި ބޭރުވީ ހުރަސްދަނޑީގައި ވެސް ޖެހިފަ އެވެ.

ސްޕެޒިއާ މޮޅުވީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަ ވަނަ މިނިޓްގައި ގޯލު ޖަހައިގެންނެވެ. ވިކްޓަ ކޮވަލެންކޯ ގޯލު ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ އިމެނުއަލް ގިޔާޒީ ވަނީ ތިރިތިރިން ގޯލުގެ ދުރު ކަނަށް ފޮނުވާލައިފަ އެވެ.