Advertisement

ރޮނާލްޑޯ އަށް ދިނީ ފީފާގެ ހާއްސަ އެވޯޑެއް

18 ޖަނަވަރީ 2022 - 01:42 0

ރޮނާލްޑޯ ފީފާގެ ބެސްޓް އެވޯޑްސް ހިފައިގެން.-- ފޮޓޯ: އޭއެފްޕީ


ރޮނާލްޑޯ އަށް ދިނީ ފީފާގެ ހާއްސަ އެވޯޑެއް

18 ޖަނަވަރީ 2022 - 01:42 0

ޒިއުރިކް (ޖެނުއަރީ 18) - ބެސްޓް އެވޯޑްސް ހަފްލާގައި މިރޭ މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ ޕޯޗުގީސް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފީފާގެ ހާއްސަ އެވޯޑެއް ދީފި އެވެ.

އުމުރުން 36 އަހަރުގެ ރޮނާލްޑޯ އަށް ފީފާ އިން ހާއްސަ އެވޯޑެއް ދޭން ނިންމީ އޭނާ މިދިޔަ އަހަރު ދުނިޔޭގެ ފުޓްބޯޅައިގައި ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖެހުމުގެ ރެކޯޑް މުގުރާލާފައިވާތީ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ފަހަތުން އަރައި އަޔަލެންޑް އަތުން 1-2 އިން މޮޅުވި މެޗުގައި ޕޯޗުގަލް އަށް ޖަހައިދިން ދެ ގޯލާ އެކު ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދީގެން މީގެ ކުރިން އީރާންގެ ފޯވާޑް އަލީ ދާއީ ހަދާފައިވާ ރެކޯޑް މުގުރާލައިފަ އެވެ.

ރޮނާލްޑޯ، މިދިޔަ އަހަރު އަލީ ދާއީގެ ރެކޯޑާ ހަމަކުރީ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޖެހި ގޯލުތަކާ އެކު އެވެ. އެ ބޮޑު ރެކޯޑް މުގުރާލި ފަހުން ވެސް ރޮނާލްޑޯ ވަނީ ގައުމީ ޓީމަށް އިތުރު ގޯލުތަކެއް ޖަހައިފަ އެވެ. ރޮނާލްޑޯ ގައުމީ ޓީމަށް ޖަަހައިދިން ގޯލުގެ މިހާރު ޖުމްލަ އަދަދަކީ 184 މެޗުން 115 ގޯލެވެ.

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ (ވ) އާއި ރޮނާލްޑޯ.-- ފޮޓޯ: އޭއެފްޕީ


ފީފާއިން މިރޭ ބެސްޓް އެވޯޑްސް ހަފްލާގެ ބޮޑުބައި ވާޗުއަލްކޮށް ބޭއްވި ނަމަވެސް ދައުވަތުދިން މަދު މީހުންގެ ތެރޭގައި ރޮނާލްޑޯގެ ނަން ހިމެނީ އޭނާ އަށް ދެނީ ހާއްސަ އެވޯޑެއް ކަމަށްވާތީ އެވެ.

އެވޯޑް ހަފްލާގައި ވާހަކަ ދައްކަމުން ރޮނާލްޑޯ ބުނީ މިއީ ހުވަފެނެއް ފަދަ ވަގުތުތަކެއް ކަމަށާއި މިދިޔަ ވިއްސަކަށް އަހަރު ތެރޭ އޭނާއާ އެކު ޕޯޗުގަލް ގައުމީ ޓީމަށް ކުޅުނު ކުޅުންތެރިންނަށް ޝުކުރު އަދާކުރާ ކަމަށެވެ.

"ރެކޯޑަކީ 109 ކަމަށްވާއިރު، އަހަރެން މި ވަގުތު ވެސް މި އޮތީ ހަ ގޯލު ކުރީގައި. މިއީ ފީފާ އިން ހާއްސަ އެވޯޑެއް. ފީފާ އަކީ އަހަރެންގެ އިހުތިރާމް އަބަދުވެސް ލިބޭނެ ޖަމިއްޔާއެއް. ތާރީހުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އަށް ވުމުން ކުރެވެނީ ތަފާތު އުފާވެރި، އިހުސާސެއް،" ރޮނާލްޑޯ ބުންޏެވެ.

"އަހަރެންގެ ޕެޝަނަކީ އަދިވެސް މޮޅަށް ކުޅެ ގިނަ ގޯލު ޖެހުން. އަހަރެން އުމުރުން ފަސް އަހަރުގައި ފުޓްބޯޅަ ކުޅެން ފަށައިފިން. އަހަރެން އަދިވެސް ޓްރެއިނިން އަށް ދިޔަސް، ނޫނީ މެޗަށް ދިޔަޔަސް މޮޓިވޭޝަނަކަށް ބަދަލެއް ނާދޭ،"

ވަރަށް އަވަހަށް އޭނާގެ އުމުރުން 37 އަހަރު ފުރުނު ކަމުގައި ވިޔަސް ފުޓްބޯޅައާ ދުރަށް ދެވެން ނެތް ކަމަށް ރޮނާލްޑޯ ވަނީ ބުނެފަ އެވެ. ރޮނާލްޑޯ ބުނީ އަދި ފަސް ވަރަކަށް އަހަރު ފުޓްބޯޅަ ކުޅެން ބޭނުންވާ ކަމަށާއި މީގެ މުހިންމީ އެ ފަދަ ރޫހެއްގައި ވިސްނުން ބަހައްޓައިގެން މަސައްކަތް ކުރާއިރު، އެ ހިސާބަށް ދެވޭނެ ވަރަށް ހަށިގަނޑު ބެލެހެއްޓުން ކަމަށެވެ.

ފީފާ ބެސްޓް އެވޯޑްސްގެ މޮޅު ކުޅުންތެރިޔާގެ ނޮމިނީސްގައި ރޮނާލްޑޯ ދިޔައީ ހަތް ވަނަ އެެވެ. ރޮނާލްޑޯ ވަނީ ފީފާ އިން ހޮވި ޑްރީމް ޓީމު، ފިފްޕްރޯ 11 ގައި މި ފަހަރު ވެސް ހިމެނިފަ އެވެ.