Advertisement

ފީފާ އެވޯޑްސް: އަކޫގެ ވޯޓު މެސީ އަށް، ގައުމީ ކޯޗު ދިނީ ލެވަންޑޯސްކީ އަށް

18 ޖަނަވަރީ 2022 - 01:20 0

ލަންކާގެ ފޯ ނޭޝަންސް މުބާރާތުގެ ތެެރެއިން ގައުމީ ކެޕްޓަން އަކޫ (ވ) އާއި ގައުމީ ޓީމުގެ ކޯޗު މޮރިއޭރޯ.-- ފޮޓޯ: އެފްއޭއެމް


ފީފާ އެވޯޑްސް: އަކޫގެ ވޯޓު މެސީ އަށް، ގައުމީ ކޯޗު ދިނީ ލެވަންޑޯސްކީ އަށް

18 ޖަނަވަރީ 2022 - 01:20 0

ދަ ބެސްޓް ފީފާ ފުޓްބޯލް އެވޯޑްސްގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވަން ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ)ގެ ވޯޓު ބާސެލޯނާ/ޕީއެސްޖީގެ ލިއޮނަލް މެސީ އަށް ދިންއިރު، ގައުމީ ކޯޗު އިޓަލީގެ ފްރެެންޗެސްކޯ މޮރިއޭރޯގެ ވޯޓު މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި ބަޔާން މިއުނިކްގެ ރޮބަޓް ލެވަންޑޯސްކީ އަށް ދިންކަން ހާމަވެއްޖެ އެވެ.

އަކޫ މިދިޔަ އަހަރު ބެސްޓް އެވޯޑްގައި އެއް ވަނަ އަށް ވޯޓު ދިނީ ލެވަންޑޯސްކީ އަށެވެ. އެކަމަކު، މި ފަހަރު އަކޫ ވޯޓު ދިނީ މެސީ އަށް ފަހު ލެވަންޑޯސްކީ އަދި ޖޯޖީނިއޯ އަށެވެ. އަކޫ، އެންމެ މޮޅު ކޯޗުންގެ ވޯޓު ތަރުތީބު ކުރީ ޗެލްސީގެ ތޯމަސް ޓުޗެލް، މެންޗެސްޓާ ސިޓީގެ ޕެޕް ގާޑިއޯލާ އަދި ޖަރުމަނު ގައުމީ ޓީމާ މިހާރު ހަވާލުވެހުރި، ބަޔާންގެ ކުރީގެ ކޯޗު ހަންސީ ފްލިކް އެވެ. ގޯލްކީޕަރުންގެ ފުރަތަމަ ވޯޓު އަކޫ ދިނީ އިޓަލީގެ ޖިއަންލުއީޖީ ޑޮންނަރުންމާ އަށެވެ. ދެން ބަޔާންގެ މެނުއަލް ނޯޔާ އާއި ޗެލްސީގެ އެޑޮއާޑް މެންޑީ އަށެެވެ.

މޮޅު ކުޅުންތެރިޔާގެ އެވޯޑްގައި ކޯޗު މޮރިއޭރޯގެ ފުރަތަމަ ހޮވުމަކީ ލެވަންޑޯސްކީ އެވެ. ދެ ވަަނަ އަށް ބޮރޫޝިއާ ޑޯޓްމަންޑްގެ އާލިން ބްރައުޓް ހާލަންޑަށް ދިންއިރު، ތިން ވަނަ ވޯޓު ދިނީ ޖޯޖީނިއޯ އަށެވެ. އެންމެ މޮޅު ކޯޗުގެ އެވޯޑްގައި މޮރިއޭރޯގެ ފުރަތަމަ ހޮވުމަކީ އިޓަލީގެ ރޮބާޓޯ މަންޗިނީ އެވެ. ދެ ވަނަ އަށް ވޯޓު ދިނީ އެންޓޯނިއޯ ކޮންޓޭ އަށެވެ. އަދި ތިން ވަނަ ވޯޓު ދީފައިވަނީ އެތުލެޓިކޯ މެޑްރިޑްގެ ޑިއޭގޯ ސިމިއޯނީ އަށެވެ. މޮރިއޭރޯގެ އެއް ވަނަ އަށް ހޮވި ގޯލްކީޕަރަކީ ޑޮންނަރުންމާ އެވެ. ދެ ވަނަ އަށް ލިވަޕޫލްގެ އެލިސަން ބެކާ ހޮވިއިރު، ތިން ވަނަ އަށް ނެގީ މެންޑީ އެވެ.

ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަަހައްދުގެ ކެޕްޓަނުންގެ ވޯޓަށް ބަލާއިރު، ސުނިލް ޗެތުރީ ވޯޓު ދިނީ ލެވަންޑޯސްކީ، މެސީ އަދި ޖޯޖީނިއޯ އަށެވެ. ނޭޕާލްގެ ކެޕްޓަން ކިރަން ކުމާރް ވޯޓު ދިނީ މެސީ، ރޮނާލްޑޯ އަދި ލެވަންޑޯސްކީ އަށެވެ. ބަންގްލަދޭޝްގެ ކެޕްޓަން ޖަމާލް ބުޔާން ދިނީ އެންގޯލޯ ކާންޓޭ، ކަރިމް ބެންޒެމާ އަދި ލެވަންޑޯސްކީ އަށެވެ. ސްރީލަންކާގެ ކެޕްޓަން ސުޖަން ޕެރޭރާ ދިނީ ލެވަންޑޯސްކީ، މެސީ އަދި ޖޯޖީނިއޯ އަށެވެ. އަދި ބޫޓާންގެ ކެޕްޓަން ކަރްމާ ޝެރިން ވޯޓު ދީފައިވަނީ ބެންޒެމާ، މެސީ އަދި ސަލާހަށެވެ.

ދުނިޔޭގެ މަޝްހޫރު ކެޕްޓަނުންގެ ވޯޓަށް ބަލާއިރު، އާޖެންޓީނާގެ ކެޕްޓަނެއްގެ ހައިސިއްޔަތުން މެސީގެ ވޯޓިން ތަރުތީބަށް ބަލާއިރު، އެއް ވަނަ އަށް ދިނީ ނޭމާ އަށެެވެ. ދެ ވަނަ އަށް ކީލިއަން އެމްބާޕޭ ހޮވިއިރު، ތިން ވަނަ ދީފައިވަނީ ކަރީމް ބެންޒެމާ އަށެވެ. ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ހޮވުމަކީ ލެވަންޑޯސްކީ، ޗެލްސީގެ އެންގޯލޯ ކާންޓޭ އަދި ޖޯޖީނިއޯ އެވެ. ޕޮލެންޑްގެ ކެޕްޓަން ލެވަންޑޯސްކީ ވޯޓު ދީފައިވަނީ ޖޯޖީނިއޯ، މެސީ އަދި ރޮނާލްޑޯ އަށެވެ. މިސްރުގެ ކެޕްޓަން ސަލާހު ވޯޓު ދިނީ ޖޯޖީނިއޯ، މެސީ އަދި ލެވަންޑޯސްކީ އަށެވެ.