Advertisement

އަރަބިއްޔާއަށް ސްކޫލަށް ވަގުތީގޮތުން ކާނިވާ ސަރަހައްދުން ޖާގައެއް ދޭން ނިންމައިފި

17 ޖަނަވަރީ 2022 - 18:13 0

މަރިޔަމް އަރީން އީސާ

މަރިޔަމް އަރީން އީސާ

އަރަބިއްޔާ ސްކޫލްގެ ވަގުތީ އިމާރާތް: ބިމެއް ބޭނުންވީ އެ ސަރަހައްދަކީ ޓްރެފިކްގެ އުނދަގޫ ބޮޑު ސަރަހައްދަކަށްވުމުން ދަރިވަރުން ބަލާ ދާއިރު މަޑުކޮށްލާނެ ޖާގައެއް ބޭނުންވާތީ -- ފޮޓޯ: މުހައްމަުދ ޝާބިން/އަދަދު


އަރަބިއްޔާއަށް ސްކޫލަށް ވަގުތީގޮތުން ކާނިވާ ސަރަހައްދުން ޖާގައެއް ދޭން ނިންމައިފި

17 ޖަނަވަރީ 2022 - 18:13 0

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންގެ އެދުމުގެ މަތިން އެ ސްކޫލްގެ ބޭނުންތަކަށް ކާނިވާ ސަރަހައްދުން ޖާގައެއް ދޫކުރުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައި އެޑިއުކޭޝަން މިނިސްޓްރީއާއެކު އެއްބަސްވެއްޖެ އެވެ.

ރާއްޖޭގެ ސްކޫލުތަކުގެ ކިޔެވުން އިއްޔެ ރަސްމީކޮށް ފެށިއިރު އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ކިޔަވައިދެނީ ކުރީގެ ފޮރިން މިނިސްޓްރީ ހިންގި އިމާރާތުގަ އެވެ.

އަރަބިއްޔާ ސްކޫލުގެ ކިޔެވުން ވަގުތީގޮތުން މި އިމާރާތުގައި ފަށާފައިވާ އިރު ކޮންމެ ދަންފަޅިއެއްގައި 400 އެއްހާ ދަރިވަރުން އެ ސްކޫލަށް ވަދެ ނިކުމެ އުޅެ އެވެ. އެ އިމާރާތް ހުންނަނީ ދުއްވާ ތަކެތި ގިނަ، ކާރުބާރު ބޮޑު ސަރަހައްދެއްގައި ކަމުން ބެލެނިވެރިންނަށް ދަރިވަރުން ބަލާ އައިސް މަޑުކޮށްލައިގެން ތިބޭނެ ޖާގައެއް ހޯދައިދިނުމަށް އެ ސްކޫލުގެ ބެލެނިވެރިން ވަނީ އެޑިއުކޭޝަން މިނިސްޓްރީގައި އެދިފަ އެވެ.

އެޑިޔުކޭޝަނުން އެކަމާ ގުޅިގެން ކައުންސިލަށް ސިޓީއެއް ފޮނުވައި އެމްޓީސީސީ ޝޯ ރޫމާއި ކާނިވާ ސަރަހައްދުގެ ޕާކިންގް ޒޯނާ ދެމެދު ފެންސް ޖަހާފައިވާ ހުސް ބިން އަރަބިއްޔާ ސްކޫލުގެ ބޭނުމަށް ވަގުތީގޮތުން ދޫކުރުމަށް އެދުނެވެ.

ނަމަވެސް އެ ބިން ސްކޫލަށް ދެވެން ނެތުމާއެކު ސިޓީ ކައުންސިލުން އެޑިއުކޭޝަނާ އިތުރު މަޝްވަރާތައް ކުރުމަށް ފަހު މިހާރު ވަނީ ސައިކަލު ޕާކުކުރުމަށް ކަނޑައަޅާފައިވާ ކާނިވާ ސަރަހައްދުން ޖާގައެއް، އަރަބިއްޔާ ސްކޫލުގެ ބޭނުމަށް ވަގުތީ ގޮތުން ދޫކުރުމަށް ނިންމާފަ އެވެ.

އެ ބިން އަރަބިއްޔާ ސްކޫލުގެ ބޭނުންތަކަށް ވަގުތީ ގޮތުން ދިނީ ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި އޮންނަ ގޮތަށެވެ.

އަރަބިއްޔާ ސްކޫލުގެ ބޭނުމަށް ހާއްސަކުރި އެ ސަރަހައްދަކީ 60 ސައިކަލު ޕާކު ކުރެވޭ ޖާގައިގެ ބިމެކެވެ. އެހެންކަމުން އެ ނިންމުމއެކު އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންނަށް ކުރިމަތިވާ ދަތިތަކަށް ވަގުތީ ގޮތުން ހައްލެއް ލިބިގެންދާނެ ކަމަށް އެޑިއުކޭޝަނުން ދެކެ އެވެ.

ރައީސް އިބްރާހިމް މުހަންމަދު ސޯލިހުގެ ނިންމެވުމަކަށް އަރަބިއްޔާ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން ކުރީގެ ފޮރިން މިނިސްޓްރީ އިމާރާތަށް ބަދަލުކުރީ، އަރަބިއްޔާ ސްކޫލުގެ އިމާރާތުގެ ތަނބުތަކާއި ފާރުތައް ވަރަށް ބޮޑަށް ވީރާނާވެ ދަރިވަރުންނަށް ކިޔަވާ ދިނުމަށް އެ އިމާރާތް ބޭނުން ކުރުން ރައްކާތެރިނުވުމުންނެވެ.