Advertisement

ޑީޕޯޓް ކޮށްލިޔަސް އަންނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން އިން ޖޮކޮވިޗް ފެނިދާނެ

17 ޖަނަވަރީ 2022 - 18:36 0


ޑީޕޯޓް ކޮށްލިޔަސް އަންނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން އިން ޖޮކޮވިޗް ފެނިދާނެ

17 ޖަނަވަރީ 2022 - 18:36 0

މެލްބަން (ޖެނުއަރީ 17) - ދުނިޔޭގެ އެއް ވަނަ ޓެނިސް ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗްގެ ވިސާ ދެ ވަނަ ފަހަރަށް ކެންސަލްކޮށް ޑީޕޯޓްކޮށްލާފައި ވަނިކޮށް އަންނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަން އިން އޭނާ އަށް ފުރުސަތު ދީފާނެކަމުގެ އިޝާރާތެއް އެގައުމުގެ ސަރުކާރުން ދީފި އެވެ.

އޮސްޓްރޭލިއަން އޯޕަންގެ އެންމެ ފަހުގެ ޗެމްޕިއަން ޖޮކޮވިޗްގެ ވިސާގެ މައްސަލަ ބޮޑުވީ ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހަންޖެހޭ ވެކްސިން ފުރިހަމަ ނުކުރާ ކުޅުންތެރިންނަށް މިފަހަރުގެ މުބާރާތުން ފުރުސަތު ނުދޭ ނިންމި ހިސާބުންނެވެ.

ޖޮކޮވިޗް، 34، މި މަހު ހަތަރު ވަނަ ދުވަހު އޮސްޓްރޭލިއާ އަށް ދިޔަ ތަނުން އޭނާގެ ވިސާ އެންމެ ފުރަތަމަ ކެންސަލްކޮށްލައި އިމިގްރޭޝަން ޑިޓެންޝަނުގައި ބަހައްޓަން ނިންމިއެވެ. އޭގެ ފަހުން އެ މައްސަލަ ކޯޓަށް ހުށަހަޅައިގެން އޭނާ ކާމިޔާބު ހޯދިއެވެ.

އެ ފަހަރު ޖޮކޮވިޗްގެ ވިސާ ކެންސަލްކޮށްލީ ޖޮކޮވިޗް ކޮވިޑް ވެކްސިން ޖެހިކަމުގެ މައުލޫމާތު ދީފައިނުވާތީ އެވެ. ކޯޓުން ޖޮކޮވިޗަށް މައްސަލަ ކާމިޔާބުވީ ވެކްސިން މައުލޫމާތު ދީފައިނުވި ނަަމަވެސް ޖޮކޮވިޗަށް އަށް މިދިޔަ މަހު 16 ވަނަ ދުވަހު ކޮވިޑް ޖެހިފައިވާތީ، މެޑިކަލް އެގްޒެމްޕްޝަންގެ ތެރެއިން އޭނާއަށް ވިސާ ލިބޭތީއެވެ.

އެހެންނަމަވެސް ވިސާ ފޯމުގައި ހިމެނޭ ބައެއް މައުލޫމާތު ދިމާނުވާތީ އޮސްޓްރޭލިއާގެ އިމިގްރޭޝަނުން އަނެއްކާވެސް ވަނީ އޭނާގެ ވިސާ ކެންސަލްކޮށް ޑީޕޯޓްކުރަން ނިންމާފަ އެވެ. މި މައްސަލައަށް ވެސް އެޕީލްކުރަން ޖޮކޮވިޗް ނިންމައި ކޯޓަށް ހުށަހެޅި އެވެ. މިފަހަރު ކޯޓުން މައްސަލަ ނިންމާފައިވަނީ އޮސްޓްރޭލިއާގެ އިމިގްރޭޝަނާ އެއްކޮޅަށެވެ. އެހެންކަމުން ޖޮކޮވިޗަށް ޖެހުނީ އޮސްޓްރޭލިއަން އޯޕަންގައި ވާދަނުކުރެވި އެގައުމުން ބޭރުވާށެވެ.

ޖޮކޮވިޗް އޮސްޓްރޭލިއާ އިން ޑީޕޯޓްކޮށްލަން ނިންމުމުން ފުރަން އެއާޕޯޓުގައި.


އޮސްޓްރޭލިއާގެ އިމިގްރޭޝަން ގާނޫނު ބުނާ ގޮތުން ވިސާ ކެންސަލްކޮށް ޑީޕޯޓްކޮށްލައިފިނަމަ ތިން އަހަރަށް އެގައުމަށް އެތެރެ ނުވެވޭނެ އެވެ. ނަމަވެސް އަންނަ އަހަރުގެ މުބާރާތުގައި ޖޮކޮވިޗަށް ވާދަކުރެވޭނެ ކަހަލަ އިންތިޒާމްތަކެއް ހަމަޖެހޭނެކަމުގެ އިޝާރާތެއް އޮސްޓްރޭލިއާގެ ބޮޑު ވަޒީރު ސްކޮޓް މޮރިސަން ވަނީ ދެއްވާފަ އެވެ.

"ޤާނޫނުގައި ވާގޮތުން ވިސާ ކެންސަލްކޮށްފިނަމަ އެނބުރި އެގައުމަށް އާދެވޭނީ ތިން އަހަރު ފަހުން. އެކަމަކު ރަނގަޅު އުސޫލެއްގެ ތެރެއިން ޖޮކޮވިޗަށް އަންނަ އަހަރުގެ މުބާރާތުގައި ފުރުސަތު ދިނުމާއިމެދު މަޝްވަރާކުރެވިދާނެ" މޮރިސަން ވިދާޅުވިއެވެ.

މިފަހަރުގެ އޮސްޓްރޭލިއަން އޯޕަންގެ ގުރުއަތުލާފައިވަނީވެސް ޖޮކޮވިޗް ހިމަނައިގެންނެވެ. މުބާރާތުގެ ކޮލިފައިން ބުރުގެ މެޗުތައް ނިމި، ފުރަތަމަ ބުރުގެ މެޗުތައް މިހާރުވަނީ ފަށާފަ އެވެ. މިގޮތުން މިދިޔަ އަހަރުގެ އަންހެން ޗެމްޕިއަން ނައޯމީ އޮސާކާ ވަނީ ފަސޭހަކަމާއިއެކު ފުރަތަމަ މެޗު ކާމިޔާބުކޮށްފަ އެވެ.