17 ޖަނަވަރީ 2022 - 13:18 0
17 ޖަނަވަރީ 2022 - 13:18 0
މި ފަހަރުގެ އޭއެފްސީ ކަޕްގެ ކޮލިފައިން ބުރުގައި ވާދަކުރާ ރާއްޖޭގެ ކްލަބް ވެލެންސިއާ، ކޮލިފައިންގެ ޕްރިލިމިނަރީ ފުރަތަމަ ބުރުގައި ބޫޓާންގެ ޕަރޯ އެފްސީއާ ކުޅެން ޖެހިއްޖެ އެވެ.
ވެލެންސިއާ އާއި ބޫޓާންގެ ޕްރިމިއާ ލީގު ޗެމްޕިއަން ޕަރޯ އެފްސީ ކުޅޭ މެޗު އޮންނާނީ އޭޕްރީލް ފަސް ވަނަ ދުވަހު އެވެ.
އޭއެފްސީން މިއަދު ބޭއްވި ގުރުއަތުލުމުގައި ދެކުނު އޭޝިއާގެ ޒޯނުގެ ޕްރިލިމިނަރީ ބުރުގައި ވެލެންސިއާގެ އިތުރުން ކުޅެނީ ޕަރޯ އާއި ލަންކާ ސުޕަ ލީގުގެ ޗެމްޕިއަން ބްލޫ ސްޓާ އަދި ނޭޕާލްގެ އޭ ޑިވިޝަން ލީގުގެ ޗެމްޕިއަން މަޗިންދުރަ އެފްސީ އެވެ. މިއީ މަޗިންދުރަ އާއި ބްލޫ ސްޓާ އޭއެފްސީ ކަޕްގައި ކުޅޭ ފުރަތަަމަ ފަހަރެވެ. ޕަރޯ ވަނީ މީގެ ކުރިން 2020 ވަނަ އަހަރު ވާދަކޮށްފަ އެވެ. އަދި ވެލެންސިއާ ވަނީ މީގެ ކުރިން ހަތަރު ފަހަރު މުބާރާތުގައި ކުޅެފަ އެވެ.
އޭއެފްސީ ކަޕްގެ މެޗުތައް ރޭވިފައި އޮތްގޮތް.
މި ފަހަރުގެ މުބާރާތުގައި ވެލެންސިއާ އިން ޕްރިލިމިނަރީ ބުރުގެ ފުރަތަމަ މެޗުގައި ޕަރޯ އަތުން މޮޅުވެއްޖެނަމަ ޕްރިލިމިނަރީ ދެ ވަނަ ބުރުގައި ކުޅެން ޖެހޭނީ ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ އެވެ. އެ މެޗު އޮންނާނީ އޭޕްރީލް 12 ވަނަ ދުވަހު އެވެ. އަބަހާނީ އަތުން މޮޅުވެއްޖެނަމަ ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދަން ޕްލޭއޮފްގައި ވެލެންސިއާ ކުޅެން ޖެހޭނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި މަޗިންދުރަ/ބްލޫ ސްޓާ ކުޅެގެން މޮޅުވާ ޓީމަކާ އެވެ. އެ މެޗު ކުޅެން ތާވަލުކޮށްފައިވަނީ އޭޕްރީލް 19 ވަނަ ދުވަހަށެވެ.
ގްރޫޕް ސްޓޭޖުން ފުރުސަތު ލިބޭނީ ޕްލޭއޮފުން މޮޅުވާ ޓީމަކަށެވެ.
އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް އަދި އައި ލީގުގެ ޗެމްޕިއަން ގޯކުލަމް ކެރަލާ އެވެ. ދެން މި ގްރޫޕަށް ވަންނާނީ ޕްލޭއޮފުން މޮޅުވާ ޓީމެކެވެ.
މީގެ ކުރިން ކޮލިފައިން ކޮންމެ ބުރެއްގައި ހޯމް އެންޑް އަވޭ ދެ ލެގު ކުޅޭ ގޮތަށް އޮތް ނަމަވެސް އޭއެފްސީން ހަމަޖައްސާފައިވަނީ މި ފަހަރު ކޮލިފައިން ބުރު އެއް ލެގަށް ކުޅޭ ގޮތަށެވެ. އެއީ މިދިޔަ އަހަރުން ފެށިގެން ކޮވިޑް-19ގެ ސަބަބުން ދަތުރު ފަތުރު ވީހާވެސް މަދުކޮށް މެޗުތައް ކުޅެން ވެގެން އޭއެފްސީން ގެނައި ބަދަލެކެވެ.
ވެލެންސިއާ އިން އެންމެ ފަހުން އޭއެފްސީ ކަޕްގައި ކުޅުނީ 2017 ވަނަ އަހަރުގެ ކޮލިފައިންގަ އެވެ. އެ ފަހަރު ކޮލިފައިން ފުރަތަމަ ބުރުގައި ވެލެންސިއާ ކުޅުނީ ބޫޓާންގެ ތިމްޕޫ ސިޓީއާ އެވެ. ބޫޓާނުގައި ކުޅުނު މެޗު 0-0 އިން އެއްވަރުވިއިރު، މާލޭގައި ވެލެންސިއާ މޮޅުވީ 3-0 އިންނެވެ. ފުރަތަމަ ބުރު ފަހަނައަޅައި ގޮސް ވެލެންސިއާ ޕްލޭއޮފްގައި ކުޅުނީ އިންޑިއާގެ މޯހަން ބަގާންއާ އެވެ. މޯހަން ބަގާންއާ މާލޭގައި 1-1 އިން އެއްވަރުވިއިރު، އިންޑިއާގައި 4-1 އިން ބަލިވެ ކެޓީ އެވެ.
އޭއެފްސީ ކަޕްގެ ކޮލިފައިން ބުރު ފަހަނައަޅައި ދިޔަ ހަމައެކަނި ރާއްޖޭގެ ޓީމަކީ މާޒިޔާ އެވެ. މާޒިޔާ އިން ވަނީ 2020 ވަނަ އަހަރު ޕްރިލިމިނަރީ ބުރުގައި ޑާކާ އަބަހާނީ ބަލިކޮށް ޕްލޭއޮފްގައި އިންޑިއާގެ ބެންގަލޫރު އެފްސީ ބަލިކޮށްފަ އެވެ. އެކަމަކު، ކޮވިޑާ ހެދި އެ ފަހަރުގެ އޭއެފްސީ ކަޕް ކެންސަލްކޮށްލަން އޭއެފްސީން ނިންމީ އެވެ.
މިދިޔަ އަހަރުގެ އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގައި ރާއްޖޭން ކުޅުނީ ކްލަބް އީގަލްސް އެވެ. މާލޭގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން ޕްރިލިިމިނަރީ ފުރަތަމަ ބުރުގެ މެޗު އީގަލްސް ކާމިޔާބުކުރީ 2-0 އިންނެވެ. ޕްރިލިމިނަރީ ދެ ވަނަ ބުރުގައި އަބަހާނީއާ ދެކޮޅަށް ކުޅެން އޮތް މެޗު އީގަލްސް އަށް ލިބުނީ ކޮވިޑާ ހެދި އަބަހާނީ އަށް ކުޅެވޭނެ ތާރީހަކާ މެދު ގޮތެއް ނުނިންމިގެންނެވެ. ޕްލޭއޮފްގައި އީގަލްސް ވަނީ އިންޑިއާގެ ބެންގަލޫރު އަތުން ބަލިވެފަ އެވެ.
Comment