Advertisement

ކޭބަލެއް ބުރިވެ، ހިޔާ ފްލެޓުތަކުން ކަރަންޓު ކެނޑިއްޖެ

17 ޖަނަވަރީ 2022 - 10:16 0

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ހިޔާ ފްލެޓުގެ ބައެއް ޓަވަރުތައް: ކަރަންޓު ދިނުމަށް ސްޓެލްކޯއިން އަންނަނީ މަސައްކަތް ކުރަމުން -- ފޮޓޯ: އަދަދު ފައިލް


ކޭބަލެއް ބުރިވެ، ހިޔާ ފްލެޓުތަކުން ކަރަންޓު ކެނޑިއްޖެ

17 ޖަނަވަރީ 2022 - 10:16 0

ހިޔާ ފްލެޓަށް ކަރަންޓު ދިނުމަށް އަޅާފައިވާ އޮތް ކޭބަލް، ހައުސިން ޑިވެލޮމްޕަންޓް ކޯޕަރޭޝަނުން ކުރަމުންދިޔަ މަސައްކަތެއްގެ ތެރެއިން ބުރިވެ، ހިޔާ ފްލެޓުތަކުން މިއަދު ކަރަންޓު ކެނޑިއްޖެ އެވެ.

ސްޓެލްކޯއިން ބުނީ ހިޔާ ފްލެޓުގެ 16 ޓަވަރަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަށް ގެއްލުންވީ އެޗްޑީސީގެ މަސައްކަތެއް ކުރުމަށް ހަވާލު ކުރި ބަޔަކު މަގު ކޮނުމުގެ ތެރޭގައި ކޭބަލަށް ގެއްލުންވެގެން ކަމަށެވެ.

"އެ މައްސަލަ ހައްލުކޮށް ވީ އެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. ދިމާވާނެ ދަތިތަކަށް މާފަށް އެދެން،" ސޯޝަލް މީޑިއާގައި ސްޓެލްކޯއިން އާންމު ކުރި ކުރު ބަޔާނެއްގައި ބުނެފައިވެ އެވެ.

ހިޔާ މަޝްރޫއުގައި 16 ޓަވަރު ހަދާފައިވާއިރު، ކޮންމެ ފްލޯއެއްގައި، 20 ފްލެޓް ހުރެ އެވެ. އަދި ކޮންމެ ފްލެޓެއްގައި މަދުވެގެން ފަސް މީހުން ދިރިއުޅޭނެ ކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަނުން ލަފާކުރެ އެވެ. އެހެންކަމުން އެއީ ފްލޯއެއްގައި 100 މީހުންނެވެ.

އެ އަދަދުން ބަލާ ނަމަ ކޮންމެ ޓަވަރެއްގައި، ގާތްގަނޑަކަށް 2،400 މީހުން ދިރިއުޅުން އެކަށީގެންވެ އެވެ. މުޅި 16 ޓަވަރަށް ބަލާ ނަމަ އެ އަދަދު 40،000 އާ ކައިރިކުރާނެ އެވެ.

ހިޔާ ފްލެޓުތައް ޑިޒައިންކޮށްފައި ވަނީ ސްލަމް އޭރިއާތައް އުފުދޭނެ ގޮތަށް ކަމަށް މީގެ ކުރިން މި ސަރުކާރުން ބުނެފައިވެ އެވެ. ހިޔާ ފްލެޓް ސިފަ ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ އެއީ "މީހުން އުޅެން ހެޔޮވާވަރު ތަނެއް ނޫން" ކަމަށެވެ.

"ބޭރަށް ވަރަށް ރީތި، އެކަމަކު އެއީ މީހުން އުޅެން ހެޔޮވާވަރު ތަނެއް ނޫނޭ އަޅުގަނޑު މިހާރު ވެސް ދަންނަވާނީ،" ޖޫން، 2020 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވިދާޅުވި އެވެ.

ކުށެއްގެ އިސްލާހް (ޖެނުއަރީ 17، 2022)


ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމަށް ގުޅާފައިވާ ކޭބަލް ބުރިވީ ސްޓެލްކޯއިން ކުރަމުންދިޔަ މަސައްކަތެއްގެ ތެރެއިން ކަމަށް މި ލިޔުމުގައި ލިޔެވިފައި އޮތީ މައުލޫމާތުގެ ކުށަކުންނެވެ. ރަނގަޅު ގޮތަކީ ކޭބަލް ބުރިވީ އެޗްޑީސީގެ މަސައްކަތެއް ކުރުމަށް ހަވާލުކޮށްފައިވާ އަމިއްލަ ބަޔަކު ކުރި މަސައްކަތެއްގެ ތެރެއިން ކަމަށެވެ.