Advertisement

ހިޔާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް ދިޔައީ މަދު ބަޔަކު، ހީނާ ވިދާޅުވީ ޖަލްސާ ބޭއްވީ ކުއްލިއަކަށް ކަމަށް

4 އޭޕްރީލް 2024 - 13:10 1

ހަސަން މުހައްމަދު

ހަސަން މުހައްމަދު

ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ މިއަދު ވާހަކަ ދައްކަވަނީ: ވިދާޅުވީ ރޯދަ މަހުގެ ފަހު 10 އަކާ ބަލާއިރު މީހުން މަދު ނޫން ކަމަށް -- ފޮޓޯ: ޕީއެންސީ


ހިޔާ ސަރަހައްދުގައި ބޭއްވި ޖަލްސާއަށް ދިޔައީ މަދު ބަޔަކު، ހީނާ ވިދާޅުވީ ޖަލްސާ ބޭއްވީ ކުއްލިއަކަށް ކަމަށް

4 އޭޕްރީލް 2024 - 13:10 1

ސަރުކާރު ހިންގާ ޕީއެންސީން އަންގާރަ ދުވަހުގެ ރޭ ހިޔާ ފްލެޓު ސަރަހައްދުގައި ބޭއްވި ޖަލްސާއަށް މަދު ބަޔަކު ދިޔަ ނަމަވެސް ކުއްލިއަކަށް ރޯދަ މަހުގެ ފަހު 10 ގެ ރެޔަކު ބޭއްވި ޖަލްސާއަކާ އަޅާބަލާއިރު މީހުން މަދު ނޫން ކަމަށް އެ ޕާޓީގެ ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި ހިޔާ ފްލެޓު ސަރަހައްދަކީ ޕީއެންސީގެ ތާއީދު ބޮޑު ސަރަހައްދެއް ކަމަށް އެ ޕާޓީން އަބަދުވެސް ބުނެ އެވެ. ނަމަވެސް އަންގާރަ ދުވަހުގެ ރޭ އެ ޕާޓީން ބޭއްވި ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު ކުރިން އެ ޕާޓީން އެ ސަރަހައްދުގައި ބޭއްވި ޖަލްސާތަކާ އަޅާބަލާއިރު މަދެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ގޮނޑި ޖަހާފައެއް ނެތެވެ. މީހުން މާ ދިގު ނޫން ހަތަރު ސަފަކަށް އެތުރިގެންނެވެ. އޭގެ ތެރޭގައި ވެސް ސަރުކާރުން ވަޒީފާ ދީފައި ތިބި މުވައްޒަފުން ވަރަށް ގިނަ ކަމަށް އެ ސަރަހައްދަށް ދިޔަ މި ނޫހުގެ ރިޕޯޓަރުން ބުނެ އެވެ.

ނަމަވެސް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ތަރުޖަމާނު ހީނާ ވިދާޅުވީ ރޭވުންތެރިކަމެއް ނެތި ކުއްލިއަކަށް ބޭއްވި ޖަލްސާއަކާ ބާލައި އަދި ރޯދަ މަހުގެ ފަހު 10 ގައި ބޭއްވި ޖަލްސާއަކާ ބަލާފައި، ޖަލްސާގައި ބައިވެރިވި މީހުންގެ އަދަދު މަދު ނޫން ކަމަށެވެ.

"އެހެންވީމާ ހަގީގަތުގައި ފަހު 10 ގެ ރޭ ތަކާ ބަލާފައި އަދި ރޯދަމަހެއްގައި ވަރަށް ގިނަ ބޭފުޅުން އަޅުކަމާއި ނަމާދުތަކުގައި އުޅުއްވަމުން އަދި މިކަހަލަ ގޮތަކަށް ވަގުތުތައް ހުރީމަ އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި އެ ރޭ އެތަނަށް ދިޔަ ބޭފުޅުން މަދެއް ނޫން،" ހީނާ ވިދާޅުވި އެވެ.

އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާ: ރޯދަ މަހުގެ ފަހު 10 ގައި ވެސް ކެމްޕެއިން ކުރަން މުއިއްޒު ވަނީ ބާރު އަޅުއްވައިފަ -- ފޮޓޯ: އިޔާދް އަބްދުލް ވައްހާބް / އަދަދު


ކުރިން އެ ޕާޓީން ޖަލްސާ ބާއްވަނީ ރާވައިގެން ދުރާލާ އިސްތިހާރުކޮށްގެން ކަމަށާއި އަންގާރަ ދުވަހުގެ ރޭ ބޭއްވީ އެފަދަ ޖަލްސާއެއް ނޫން ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.

"އާންމު ގޮތެއްގައި އަޅުގަނޑުމެން ބާއްވާ ބޮޑެތި ޖަލްސާތަކަކީ ދުރާލާ ވަރަށް ބޮޑަށް އިސްތިހާރު ކުރެވިގެން ވަރަށް ބޮޑަށް ރޭވިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްގެން ބާއްވާ ޖަލްސާތަކެއް. އެކަމަކު މިއީ ހަމަ ކުއްލި ކުއްލިއަށް އަޅުގަނޑުމެން ކެމްޕެއިން ތެރޭ ބާއްވާ ޖަލްސާތަކެއް،" ހީނާ ވިދާޅުވި އެވެ.

ފަހު 10 އަކާ ބަލާފައި ހިޔާ ޖަލްސާއަށް ދިޔަ މީހުން މަދެއް ނޫން ކަމަށް ހީނާ ވިދާޅުވިއިރު، ފަހު 10 އަދި ފަހު 10 ގެ އޮނަހިރު ރޭތަކުގައި ވެސް ރައްޔިތުންގެ މަޖިލީހުގެ ކެމްޕެއިނުގައި ބުރަކޮށް ހަރަކާތްތެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އޮތީ ގޮވާލައްވައިފަ އެވެ.

"މި ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު ދިހައިގެ މި އޮނަހިރި ރޭ، ތިޔަ ބޭފުޅުން އަޅުކަމުގެ ތެރޭގައި މަސްއޫލުވެ އުޅެމުން ވެސް މި މުހިންމު, ހަމަ އެހާމެ މާތް މުހިންމު މަސައްކަތުގައި އުޅުއްވުމަކީ އަޅުގަނޑު ވަރަށް އުފާ ކުރާ ކަމެއް. އަޅުގަނޑުމެންނަށް ޖެހިފައި މިވަނީ ރަމަޟާން މަހެއް ކަމަކު، ފަހު ދިހައެއް ކަމަކު، އޮނަހިރި ރެއެއް ނަމަވެސް މަސަައްކަތް ކުރަން ޖެހިފައި، ގައުމަށްޓަކައި، ދީނުގެ ހައްގުގައި،" ރައީސް ވިދާޅުވި އެވެ.