Advertisement

ރެއާލުން 12 ވަނަ ފަހަރަށް ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފި

17 ޖަނަވަރީ 2022 - 07:06 0


ރެއާލުން 12 ވަނަ ފަހަރަށް ސްޕެނިޝް ސުޕަ ކަޕް ކާމިޔާބުކޮށްފި

17 ޖަނަވަރީ 2022 - 07:06 0

ރިޔާދު، ސައުދީ އަރަބިއްުޔާ (ޖެނުއަރީ 17) - އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކް ބިލްބާއޯ 2-0 އިން ބަލިކޮށް ރެއާލް މެޑްރިޑުން 12 ވަނަ ފަހަރަށް ސްޕެނިޝް ސުޕަ ކަޕް ޗެމްޕިއަންކަން ހޯދައިފި އެވެ.

ސުޕަ ކަޕްގެ އެންމެ ކާމިޔާބު ޓީމަކީ 13 ފަހަރު ތަށި އުފުލާލި ބާސެލޯނާ އެވެ. މި ފަހަރުގެ މުބާރާތަކީ ހަތަރު ޓީމު ކުޅޭ ގޮތަށް ސުޕަ ކަޕް ބާއްވަން ފެށި ފަހުން ކުޅުނު ތިން ވަނަ މުބާރާތެވެ. ރެއާލުން ސެމީގައި ވަނީ ބާސެލޯނާ ކަޓުވާލައިފަ އެވެ. ބިލްބާއޯ މޮޅުވީ އެތުލެޓިކޯ މެޑްރިޑް އަތުންނެވެ.

ސައުދީގެ ކިންގް ފަހުދު އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން ރެއާލްގެ ކަރިމް ބެންޒެމާ ޖެހި ޝޮޓެއް ވަނީ ގޯލުގެ ދަނޑިކައިރިން ގޮސްފަ އެވެ. ރެއާލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑުނަގައިފަ އެވެ. މި ގޯލު ޖެހީ މެޗުގެ 38 ވަނަ މިނިޓްގައި ލޫކަ މޮޑްރިޗް އެވެ. ރޮޑްރީގޯ އޭރިއާތެރެއަށް ބޯޅަ ހިފައިގެން ވަދެ، މޮޑްރިޗަށް އޭރިއާތެރެއިން ދިން ބޯޅަ އޭނާ ވަނީ ގޯލުގެ ކައިރީ ކަނަށް ފޮނުވާލައިފަ އެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ ރެއާލުން ލީޑުފުޅާކުރީ ޕެނަލްޓީ އަކުން ބެންޒެމާ ޖެހި ގޯލުންނެވެ. މި ޕެނަލްޓީ އަކީ ބެންޒެމާ ޖެހި ޝޮޓެއް ބިލްބާއޯގެ ޔެރާއި އަލްވާރޭޒް އަތުގައި ޖެހުމުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދިން ޕެނަލްޓީ އެކެވެ.

ބިލްބާއޯ އިން ގޯލެއް ޖަހަން ކުރި މަސައްކަތުގައި މެޗުގެ 86 ވަނަ މިނިޓްގައި އެ ޓީމުގެ ރައުލް ގާސިއާ ޖެހި ބޯޅައެއް ގޯލަށް ވަންނަން ދަނިކޮށް ރެއާލްގެ އެޑާ މިލިޓާއޯ އަތުގައި ޖެހުމުން އޭނާ އަށް ރަތް ކާޑެއް ދައްކައި ބިލްބާއޯ އަށް ޕެނަލްޓީ އެއް ދިނެވެ. މިއީ ވެސް ވީއޭއާރް އިން ބެލުމަށް ފަހު ދިން ޕެނަލްޓީ އެކެވެ. ރައުލް ގާސިއާ ޖެހި ޕެނަލްޓީ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ވަނީ ފައިން މަތަކޮށްފަ އެވެ.

މިއީ މީގެ ހަތަރު އަހަރު ކުރިން ބަޔާން މިއުނިކާ އެކު ޖަރުމަނު ސުޕަ ކަޕް ކާމިޔާބު ކުރި ފަހުން ރެއާލްގެ ކޯޗުކަމާ ހަވާލުވެހުރި ކާލޯ އަންޗެލޮޓީ ހޯދި ފުރަތަަމަ ތަށްޓެވެ. އަންޗެލޮޓީ ބުނީ އެހާ ދުވަސް ފަހުން ތަށްޓެއް ހޯދުމުގެ ނަސީބު ލިބުމަކީ ހިތްހަމަޖެހުމެއް ކަމަށާއި މި ސީޒަނުގައި އިތުރު ކާމިޔާބީ ހޯދަން ބޭނުންވާ ކަމަށެވެ.

ސްޕެނިޝް ސުޕަ ކަޕަކީ އަންޗެލޮޓީގެ ކޯޗިން ކެރިއަރުގެ 21 ވަނަ ތަށްޓެވެ. ރެއާލްގެ ކޯޗުކަމާ ފުރަތަމަ ހަވާލުވެ ހުރިއިރު، އޭނާ ވަނީ އެ ޓީމާ އެކު ހަތަރު މުބާރާތް ކާމިޔާބުކޮށްފަ އެވެ. އެއީ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް، ކޮޕަ ޑެލް ރޭ އަދި ކްލަބް ވޯލްޑް ކަޕް އެވެ.