Advertisement

ރެއާލުން ޗެމްޕިއަން މެންޗެސްޓާ ސިޓީ ކަޓުވާލައިފި

18 އޭޕްރީލް 2024 - 04:13 0


ރެއާލުން ޗެމްޕިއަން މެންޗެސްޓާ ސިޓީ ކަޓުވާލައިފި

18 އޭޕްރީލް 2024 - 04:13 0

މެންޗެސްޓާ (އޭޕްރީލް 18) - ޕެނަލްޓީ ޖަހައިގެން، 4-3 އިން އެންމެ ފަހުގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ އަތުން މޮޅުވެ، ޔުއެފާ ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑުން މި ފަހަރުގެ މުބާރާތުގެ ސެމީ ފައިނަލުން ވެސް ފުރުސަތު ހޯދައިފި އެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ސިޓީން ރެއާލް ކަޓުވާލިއިރު، އޭގެ ކުރީ އަހަރު ސެމީގައި ކުރި ހޯދީ ރެއާލް އެވެ. ރެއާލް ދަނޑުގައި މިދިޔަ ހަފްތާގައި ކުޅުނު މެޗު 3-3 އިން އެއްވަރުވިއިރު، މިރޭގެ މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު އޮތީ 1-1 އިން އެއްވަރުވެފަ އެވެ. ނަތީޖާ ނެރެން ޖެހި ޕެނަލްޓީގައި ރެއާލުން ފަސް ޕެނަލްޓީގެ ތެރެއިން ހަތަރު ޕެނަލްޓީ ވައްދާލި އެވެ. ސިޓީގެ ފަސް ޕެނަލްޓީގެ ތެރެއިން ދެ ޕެނަލްޓީ ނާކާމިޔާބުވެ ބަލިވީ އެވެ.

ރެއާލުން ވަނީ ސިޓީ ދަނޑުގައި 12 ވަނަ މިިނިޓްގައި އޭރިއާތެރެއިން ލިބުުނު ފުރުސަތުން ރޮޑްރީގޯ ޖެހި ގޯލުން ލީޑުނަގައިފަ އެވެ. ސިޓީން މެޗުގެ ނަތީޖާ ހަމަހަމަކުރީ 76 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖަހައިދިނީ ކެވިން ޑި ބްރޭނާ އެވެ.

ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު، ރެއާލްގެ ފުރަތަމަ ޕެނަލްޓީ ލޫކަ މޮޑްރިޗް އަތުން ވަނީ ނާކާމިޔާބުވެފަ އެވެ. އެކަމަކު، އެ ޓީމުން ދެން ޖެހި ހަތަރު ޕެނަލްޓީ ކާމިޔާބުކުރި އެވެ. ޕެނަލްޓީތައް ފޮނުވާލީ ޖޫޑް ބެލިންހަމް، ނަޗޯ ފެނާންޑޭޒް، ލޫކަޒް ވަޒްކޭޒް އަދި އެންޓޯނިއޯ ރޫޑިގާ އެވެ. ސިޓީން ބެނާޑޯ ސިލްވާ އާއި މަޓެއޯ ކޮވަސިޗް ޖެހި ޕެނަލްޓީތައް ރެއާލްގެ ކީޕަރު އަންޑްރީ ލުނިން މަތަކުރި އެވެ. ސިޓީން ޕެނަލްޓީ ކާމިޔާބުކުރީ، ޖޫލިއަން އަލްވަރޭޒް، ފިލް ފޯޑެން އަދި އެޑަސަން މޮރާއެސް އެވެ.

މިއީ ޔޫރަޕްގައި ސިޓީ އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު 30 މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން، ރެއާލުން މި ވަނީ ސިޓީ ދަނޑުގައި ފުރަތަމަ ފަހަރަށް މޮޅެއް ހޯދައިފަ އެވެ. އަނެއްކޮޅުން މިއީ، މިދިޔަ އަހަރުގެ ފެބްރުއަރީގެ ފަހުން، ސިޓީގެ މިޑްފީލްޑަރު ރޮޑްރީ ކުޅުނު މެޗެއްގައި ބަލިވި ފުރަތަމަ ފަހަރެވެ.

ސެމީ ފައިނަލުގައި ރެއާލުން ކުޅޭނީ މިރޭ އާސެނަލް ކަޓުވާލި ބަޔާން މިއުނިކާ އެވެ.