Advertisement

ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވަނީ ގާނޫނާ ހިލާފުވެފައި: އިދިކޮޅު ލީޑަރު

17 ޖަނަވަރީ 2022 - 07:35 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން. -- ފޮޓޯ: އޮމާން އޮބްޒާވާ


ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވަނީ ގާނޫނާ ހިލާފުވެފައި: އިދިކޮޅު ލީޑަރު

17 ޖަނަވަރީ 2022 - 07:35 0

ލަންޑަން، އިނގިރޭސިވިލާތް (ޖެނުއަރީ 16) - ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވަނީ ގާނޫނާ ހިލާފުވެވަޑައިގެންފައި ކަމަށް މައި އިދިކޮޅު ލީޑަރު ތުހުމަތު ކުރައްވައިފި އެވެ.

ކޮވިޑް އުސޫލާ ހިލާފަށް އެއްވުންތަކާއި ޕާޓީތައް ބޭއްވިކަން ފަޅާ އެރުމުން ޖޯންސަން އަށް ފިއްތުންތަކާ ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، އާދީއްތަ ދުވަހު ސަންޑޭ ޓެލެގްރާފް ނޫހުން ވަނީ މުޅިން އާ ފޮޓޯއެއް އާއްމުކޮށްފަ އެވެ.

އެ ފޮޓޯއިން ފެންނަނީ ޖޯންސަންގެ އަނބިކަނބަލުން ކެރީ ސެޕްޓެމްބަރު 2020 ވަނަ އަހަރު ކޮވިޑް އުސޫލާ ހިލާފަށް ޕާޓީއެއްގައި ގާތް އެކުވެރިއެއްގެ ގައިގައި ބައްދާލާ މަންޒަރެވެ.

ޖޯންސަންގެ ކޮންޒަވޭޓިވް ޕާޓީގެ ހަ ޕާލިމެންޓް މެމްބަރުން މިހާރު ވަނީ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލާފަ އެވެ. އިތުރު ބައެއް ޕާލިމެންޓް މެމްބަރުން ބުނީ ގޮތެއް ނުނިންމާ މަޑު ކުރަނީ ތުހުމަތުތަކާ ގުޅޭ ތަހުގީގު ނިމެންދެން ކަމަށެވެ.

އިދިކޮޅު ލޭބާ ޕާޓީގެ ލީޑަރު ކިޔާ ސްޓާމާ ވިދާޅުވީ ކުރެވޭ ތުހުމަތުތަކާ ގުޅޭ ހަގީގަތް ވަރަށް ސާފު ކަމަށެވެ.

"އަޅުގަނޑަށް ހީވަނީ ޖޯންސަން ގާނޫނާ ހިލާފުވެވަޑައިގެންނެވިހެން. އަޅުގަނޑަށް ހީވަނީ ގާނޫނާ ހިލާފުވި ކަމަށް ޖޯންސަން އެއްބަސްވެވަޑައިގެންފިހެން،" ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ސްޓާމާ ވިދާޅުވި އެވެ.

ތުހުމަތުތަކާ ގުޅޭ ތަހުގީގީ ރިޕޯޓު އާއްމު ކުރުމުން، ފުލުހުން ޖިނާއީ ތަހުގީގެއް ހިންގަން އޭނާ ގޮވާލެއްވި އެވެ.

"ބޮޑު ވަޒީރު ވަނީ ބޮޑު ވަޒީރުގެ އޮފީހުގެ އަގު ވައްޓާލާފައި. އެމަނިކުފާނަށް ވަނީ އަމިއްލަ ޕާޓީ އާއި ގައުމުގެ މައްޗަށް ހިނގާ ބާރު ވެސް ގެއްލިފައި."

ތުހުމަތުތައް ދޮގުކުރުމުގައި ހަފްތާތަކެއް ހޭދަކުރެއްވުމަށް ފަހު، މިދިޔަ ހަފްތާގައި ޖޯންސަން ވަނީ މޭ 2020 ވަނަ އަހަރު ބޮޑު ވަޒީރުގެ އޮފީހުގެ މުވައްޒަފުން ކޮވިޑް އުސޫލާ ހިލާފަށް ބޭއްވި ޕާޓީއެއްގައި ބައިވެރިވި ކަމަށް އެއްބަސްވެ، މައާފަށް އެދިވަޑައިގެންފަ އެވެ.

އޭގެ ފަހުން އޭޕްރިލް 2021 ވަނަ އަހަރު ރާނީ އެލިޒަބަތު ދެ ވަނައިގެ ފިރިކަލިންގެ ޖަނާޒާ ބާއްވަން ގަޑިއިރުތަކަށް ވެފައި ވަނިކޮށް ވެސް ބޮޑު ވަޒީރުގެ އޮފީހުގެ މުވައްޒަފުން ޕާޓީ ބޭއްވި އެވެ. އެކަމާ ގުޅިގެން ބޮޑު ވަޒީރުގެ އޮފީހުން ވަނީ ރާނީގެ ކިބައިން ރަސްމީކޮށް މައާފަށް އެދިފަ އެވެ.