Advertisement

އަފްގާނިސްތާނުގައި އަންހެނުންގެ މުޒާހަރާއަކަށް ޕެޕާ ސްޕްރޭ ޖަހައިފި

17 ޖަނަވަރީ 2022 - 11:20 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އަފްގާނިސްތާނުގެ އަންހެނުން މުޒާހަރާ ކުރަނީ. -- ފޮޓޯ: ޑެއިލީ ޓައިމްސް


އަފްގާނިސްތާނުގައި އަންހެނުންގެ މުޒާހަރާއަކަށް ޕެޕާ ސްޕްރޭ ޖަހައިފި

17 ޖަނަވަރީ 2022 - 11:20 0

ކާބުލް، އަފްގާނިސްތާން (ޖެނުއަރީ 16) - އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އަންހެނުންގެ ހައްގުތަކަށް ގޮވާލައި ބޭއްވި މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ތާލިބާނުން ޕެޕާ ސްޕްރޭ ޖަހައިފި އެވެ.

މިދިޔަ އޯގަސްޓް މަހު ވެރިކަމަށް އައި ތާލިބާނުން ވަނީ އަންހެނުންނާއި އަންހެން ކުދިންގެ ގިނަ ހައްގުތަކެއް ހިފަހައްޓާފަ އެވެ.

އާދީއްތަ ދުވަހު ކާބުލް ޔުނިވާސިޓީ ބޭރުގައި އެއްވި 20 އަންހެނުން ޑިމާންޑް ކުރީ ވަޒީފާ އަދާކުރުމުގެ ހައްގާއި، ކިޔެވުމުގެ ހައްގު ދިނުމަށެވެ.

ނަމަވެސް އެ ސަރަހައްދަށް އުޅަނދުތަކެއްގައި އައި ތާލިބާން ފުލުހުން ވަނީ މުޒާހަރާ ރޫޅާލާފަ އެވެ. މުޒާހަރާގެ ބައިވެރިއަކު އޭއެފްޕީއަށް ބުނީ އެއް އުޅަނދުގައި ތިބި ތާލިބާނުން ޕެޕާ ސްޕްރޭ ޖެހި ކަމަށެވެ.

"އަޅުގަނޑުގެ ކަނާއަތު ލޮލުން ދިލަ ނަގަން ފެށި. އެތަނުން އެކަކާ ދިމާލަށް އަޅުގަނޑު ބުނިން ލަދެއް ނުގަނޭ ހެއްޔޭ. އެހެން ބުނީމަ އަޅުގަނޑުގެ މޫނަށް ދިއްކުރީ ބަޑިއެއް،" މުޒާހަރާގެ ބައިވެރިއަކު ބުންޏެވެ.

މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެކަކުގެ ލޮލާއި މޫނަށް ޕެޕާ ސްޕްރޭގެ ސަބަބުން އެލާޖިކް މައްސަލައެއް ދިމާވެ، ފަރުވާ ދޭން ހޮސްޕިޓަލަށް ގެންދަން ޖެހުނެވެ.

މުޒާހަރާ ރޫޅާލަށް ތާލިބާނުން އަމަލު ކުރަމުން ދިޔަ ގޮތުގެ މަންޒަރު ވީޑިއޯ ކުރަމުން ދިޔަ މީހެއްގެ ފޯނު އަތުލި މަންޒަރު އޭއެފްޕީގެ ނޫސްވެރިންނަށް ފެނިފައި ވެ އެވެ،

ތާލިބާނުން ވަނީ ހުއްދަ ނެތި މުޒާހަރާ ކުރުން މަނާކޮށްފަ އެވެ. އަންހެނުންގެ ހައްގުތަކަށް ގޮވާލައި ބާއްވާ އެއްވުންތަކާ ދެކޮޅަށް އާއްމުކޮށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކުރެ އެވެ.

ޕަބްލިކް ސެކްޓާގެ އަންހެން މުވައްޒަފުން ވަޒީފާއަށް ނުކުތުން މަނާކޮށް، އަންހެން ކުދިންގެ ގިނަ ސެކަންޑަރީ ސްކޫލުތައް ހުޅުވާފައި ނުވާއިރު، ޕަބްލިކް ޔުނިވާސިޓީތައް އަދިވެސް ހުރީ ބަންދުކޮށްފަ އެވެ.