9 މާރިޗު 2024 - 11:46 0
ލީވާން އަލީ ނާސިރު
އަންހެނުންނަށް ހަމަހަމަކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅާ "އަޅާލުން" ކެމްޕޭން އިފްތިތާހުކުރުން -- ފޮޓޯ: ބީސީއެމް
9 މާރިޗު 2024 - 11:46 0
އަންހެނުންނަށް ހަމަހަމަކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅާ "އަޅާލުން" ކެމްޕޭނު ބްރިޖިން ދަ ކޮމިއުނިޓީސް އޮފް މޯލްޑިވްސް (ބީސީއެމް) އިން ބުރާސްފަތި ދުވަހު އިފްތިތާހުކޮށްފި އެވެ.
ދަ ސަމާސެޓް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި ކެމްޕޭނު އިފްތިތާހު ކޮށްދެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު އެވެ.
މި އަހަރުގެ އަންހެނުންގެ ދުވަހާ ގުޅުވައި ފެށި މި ކެމްޕޭން ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައި ވަނީ މާޗު 8، އިން ފެށިގެން މާޗު 7، 2026 ގެ ނިޔަލަށެވެ.
މި ކެމްޕޭންގެ ދަށުން ބީސީއެމްއަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން އަނިޔާ ލިބެމުންދާ އަންހެނުންނަށް، އަންހެނުންގެ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު ހިލޭ ހަމަޖައްސައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އަނިޔާ ލިބޭ އަދި ރައްކާތެރިކަން ބޭނުންވާ އަންހެނުންނަށް ކެމްޕޭނުގެ ދަށުން ގާނޫނީ އެހީތެރިކަން ހިލޭ ފޯރުކޮށްދިނުމުގެ އިތުރުން ކައުންސިލިން ހިދުމަތް ހިލޭ ފޯރުކޮށްދޭނެ ކަމަށް ބީސީއެމް އިން ބުނެ އެވެ.
މީގެ އިތުރުން ބީސީއެމް އިން ބުނީ ވަކި ޖިންސެއްގެ މީހަކަށް ވީތީ ލިބޭ އަނިޔާއާއި އަންހެނުންނަށް ކުރާ އަނިޔާއާ ދެކޮޅަށް ހޭލުންތެރިކަން އިތުރުކުރުމަށް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މަސައްކަތްތަކެއް ވެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަންހެނުންނަށް ހަމަހަމަކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅާ "އަޅާލުން" ކެމްޕޭން އިފްތިތާހުކުރުން -- ފޮޓޯ: ބީސީއެމް
"އެކްސް، ފޭސްބުކް، އިންސްޓަގްރާމް މެދުވެރިކޮށް ގަވާއިދުން މައުލޫމާތު ދިނުމާއި، ޓީވީ އަދި ރޭޑިއޯގެ ވަސީލަތްތައް މެދުވެރިކޮށް ހޭލުންތެރިކަން އިތުރުކުރުރާނެ. ހަމަ އެހެންމެ މައުލޫމާތު ދިނުމުގެ ސެޝަންތައް ބޭއްވުމަށް މި ކެމްޕޭނުގެ ދަށުން ހަމަޖެހިފައިވޭ" ބީސީއެމް އިން ބުނެ އެވެ.
އަޅާލުން ކެމްޕޭންގެ ލޯގޯގައި ހިމެނެނީ ކާލިގަނޑު މިޔަރެކެވެ. އެއީ އާންމުކޮށް ރާއްޖޭގެ ކަނޑުގެ އެކި ސަރަހައްދުތަކުން ފެންނަ މިޔަރަކަށްވާއިރު، މި މިޔަރަކީ ހާއްސަ ސިފަތަކެއް ލިބިގެންވާ މިޔަރެކެވެ.
އެ ގޮތުން ގިނަ މިޔަރުގެ ބާވަތްތަކަށްވުރެ ލޯއަލިވެ ފެނުމުގެ ބާރު ގަދަވުމާއި، ފޮރުވިފައިވާ ތަކެތި ދެނެގަތުމުގެ ސެންސަރީ ބާރު ކާލިގަނޑު މިޔަރަށް ލިބިގެންވެ އެވެ.
ބީސީއެމްއިން ބުނީ ކާލިގަނޑު މިޔަރު ފަދައިން އަޅާލުން ކެމްޕޭންގެ މަގުސަދަކީ މުޖުތަމައުގައި ހުރި ވަކި ޖިންސެއްގެ މީހަކަށް ވީތީ ލިބޭ އަނިޔާއާއި އަންހެނުންނަށް ކުރާ އަނިޔާއާގެ މައްސަލަތަކުގެ އެންމެ ފުނަށް ފީނައި، މައްސަލަތައް ނުކުތުމަށް މެދުވެރިވާ ސަބަބުތައް ދެނެގަނެ، ކޮންމެ މައްސަލައަކަށްވެސް އެންމެ ފުރިހަމަ ހައްލު ހޯދުމަށް މަސައްކަތްކުރުން ކަމަށެވެ.
Comment