Advertisement

އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

16 ޖަނަވަރީ 2022 - 11:48 0

ހުސެއިން އަރުބާން ފައްވާޒް

ހުސެއިން އަރުބާން ފައްވާޒް

އޭސީސީއިން އިސްތިއުފާ ދެއްވި ފަސް މެމްބަރުން: އެ ކޮމިޝަނަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ނިޔަލަށް ދަންމާލައިފި -- ފޮޓޯ: އަދަދު ފައިލް


އޭސީސީގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

16 ޖަނަވަރީ 2022 - 11:48 0

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުކަމަށް ކުރިމަތިލާން ހުޅުވާލި މުއްދަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިމަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

އޭސީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމަށް މަޖިލީހުގެ ކޮމެޓީން ނިންމައި ވަކިކުރަން ތަޅުމަށް ފޮނުވަން ނިންމި ހިސާބުން އެ ކޮމިޝަންގެ ރައީސް ހިމެނޭ ގޮތަށް ހުރިހާ މެމްބަރުން އިސްތިއުފާ ދީފައިވާއިރު، މިހާރު އެ ކޮމިޝަންގައި އެއްވެސް މެމްބަރަކު ނެތެވެ.

އެހެންވެ ހުސްވެފައިވާ އެ މަގާމުތަކަށް ކުރުމަތިލުމުގެ ފުރުސަތު މިމަހުގެ ފަސްވަނަ ދުވަހު ހުޅުވާލި އެވެ. އެ މުއްދަތު ހަމަވަން އޮތީ މާދަމާގެ ނިޔަލަށެވެ. ނަމަވެސް ރައީސް އޮފީހުން މިއަދު ވަނީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު މިމަހުގެ ނިޔަލަށް ދަންމާލާފައި އެވެ.

"އެންޓި ކޮރަޕްޝަން ކޮމިޝަނުން ހުސްވެފައިވާ ފަސް މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތު 31 ޖަނަވަރީ 2022 ވާ ހޯމަ ދުވަހުގެ 12:30 ގެ ނިޔަލަށް އިތުރުކުރައްވައި، އެކަން އިއުލާނު ކުރަން،" ރައީސް އޮފީހުން ގެޒެޓް ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

ރައްޔިތުން މަޖިލީހުގެ ށ. ކޮމަންޑޫ ދާއިރާގެ އިންތިހާބު ބޯމަތިވެފައިވާއިރު، އޭސީސީ ހުސްކަމެއްގައި އޮތުމުން އިދިކޮޅު ޕީޕީއެމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މީގެ އިތުރުން މަރާލި ބްލޮގަރު ޔާމީން ރަޝީދާއި، ގެއްލުވާލި ނޫސްވެރިޔާ އަހުމަދު ރިލްވާންގެ އާއިލާއިން އިސްވެ، އުފެދެއްދި އެސޯސިއޭޝަން ފޯ ޑިމޮކްރެސީ ޖަމިއްޔާއިން ވެސް ވަނީ އޭސީސީ ހުސްކަމެއްގެ ތެރޭގައި އޮތުމުން ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

"ކޮމިޝަނަށް ވަގުތީ މެމްބަރުން އައްޔަންކޮށްގެން ނަމަވެސް މެމްބަރުން އައްޔަންކުރާ އިޖްރާތު އިސްލާހުކޮށްގެން ނަމަވެސް އެ މުއައްސަސާގެ ވާޖިބުތައް މެދުކެނޑުމެއް ނެތި އަދާކުރެވެން ޖެހޭނެ. އޭސީސީ ގާނޫނީ ހުސްކަމެއްގެ ތެރޭގައި އޮތުމަކީ ދިވެހި ދައުލަތެއް އޮވެ، ސަރުކާރެއް އޮވެ، ރައްޔިތުންނަށް ވެވޭ ބޮޑު އިހުމާލެއް،" އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ މަޖިލިހުގެ ކޮމެޓީއަށް ފޮނުވީ 16 ޑިސެމްބަރު 2022 ގައި އޮތް މަޖިލިހުގެ ދައުރުން ބޭރު ޖަލްސާއެއްގައި އެ މައްސަލަ ފާސްކުރުމުންނެވެ. އެ މައްސަލަ މަޖިލިހަށް ހުށަހެޅީ އޮޑިޓަރ ޖެނެރަލްގެ އޮފީހުން އޭސީސީގެ މެމްބަރުންގެ ޕަރފޯމަންސް އޮޑިޓް ކުރުމަށްފަހު އެ މެމްބަރުން އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރައްވާކަމަށް ބުނާ ރިޕޯޓެއް އާންމުކުރުމާއެކުގައެވެ.

އެގޮތުން އެންމެ ފުރަތަމަ މެމްބަރު މިދިޔަ މަހުގެ 2 ވަނަ ދުވަހު އިސްތިއުފާ ދެއްވާފައިވާއިރު، އިތުރު މެމްބަރެއް އެމަހުގެ 15 ވަނަ ދުވަހު އިސްތިއުފާ ދެއްވި އެވެ. އެ ކޮމިޝަންގެ ރައީސް ހިމެނޭޙެން ބާކީ ތިބި ތިން މެމްބަރުން އިސްތިއުފާ ދިނީ އެބޭފުޅުން ވަކިކުރަން އުޅެނިކޮށް، މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.