16 ޖަނަވަރީ 2022 - 08:40 0
ހަސަން މުހައްމަދު
މާލޭގެ އިއްޒުއްދީން ސްކޫލުގައި މިއަދު ކިޔަވައިދެނީ: މި ދުވަސްވަރު ކޮވިޑް ފެތުރޭތީ ދަރިވަރުންނާއި ސްކޫލްތަކުން އަމަލު ކުރަންޖެހޭ ހާއްސަ އުސޫލުތަކެއް ސަރުކާރުން ވަނީ ކަނޑައަޅައިފަ -- ފޮޓޯ: އިއްޒުއްދީން ސްކޫލް
16 ޖަނަވަރީ 2022 - 08:40 0
ސްކޫލްތަކުގެ ފުރަތަމަ ޓާމްގެ ކިޔެވުން ނިމުމުން ލިބުނު ބަންދަށްފަހު ދިވެހިރާއްޖޭގެ ސްކޫލްތަކުގެ ކިޔެވުން މިއަދު ހެނދުނު ފަށައިފި އެވެ.
ދެ ވަނަ ޓާމްގެ ކިޔެވުން ރާއްޖޭގެ ހުރިހާ ރަށެއްގައި މިއަދު ހެނދުނު 6:45 ގައި ފަށާފައި މި ވަނީ 21 ދުވަހުގެ ޗުއްޓީއަކަށްފަހު އެވެ.
ސްކޫލްތަކުގެ ކިޔެވުން މިއަދު ފެށިއިރު، ކޮވިޑް-19 ފެތުރޭ މިންވަރު ރާއްޖޭގައި ގިނަވެފައިވާތީ، ގްރޭޑް އަށަކުން ފެށިގެން ތިރީގެ ދަރިވަރުން ސްކޫލަށް ދާނީ ހަފްތާއަކު ދެ ދުވަހެވެ. އަދި ހުރިހާ ދަރިވަރުން ވެސް ސްކޫލުގައި ހޭދަ ކުރާނީ ކުރިއަށްވުރެ މަދު ވަގުތެވެ.
ސްކޫލްތަކުގެ ކިޔެވުން މިއަދު ފެށިއިރު އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ކިޔަވަން ދާނީ ކުރީގެ ވަގުތީ ފޮރިން މިނިސްޓްރީ ހިންގި އިމާރާތަށެވެ. އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ އިއްޔެ ވިދާޅުވެފައި ވަނީ ދެ ވަނަ ޓާމްގެ ކިޔެވެން ފެށެންވާއިރަށް ދަރިވަރުންނަށް ބޭނުންވާ ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވާ ކަމަށެވެ.
"އަރަބިއްޔާ ސްކޫލްގެ ކިޔެވުން އެއްވެސް މައްސަލައެއް ނެތި އަޅުގަނޑުމެންނަށް ދެ ވަނަ ޓާމްގެ ކިޔެވުމާއެކު މާދަމާ ފެށޭނެ. މިއީ އެންމެން ގުޅިގެން ކުރި މަސައްކަތުގެ ނަތީޖާ،" މިނިސްޓަރު އިއްޔެ ވިދާޅުވެފައިވެ އެވެ.
އޭގެ އިތުރުން، ބަލިމަޑުކަމާ ގުޅިގެން ކުރިން ވެސް ސްކޫލްތަކުން ހިފަހައްޓަމުން އައި އުސޫލުތައް ގެންގުޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގައިފަ އެވެ. އެއީ ގައިދުރުކަން ބެހެއްޓުމާއި މާސްކު އެޅުމާއި ގަވާއިދުން އަތް ދޮވުމާއި ދަރިވަރުން ސްކޫލަށް ވަނުމުގެ ކުރިން ހުމުގެ އަސަރު ހުރިތޯ ބެލުމެވެ.
މިދުވަސްވަރު ކޮވިޑް ފެތުރޭ މިންވަރު ހާއްސަކޮށް މާލޭގައި އުޅެނީ ވަރަށް މަތިކޮށެވެ. އިއްޔެ 954 މީހެއްގެ ހަށިގަނޑުން ކޮވިޑް ފެނިފައިވާއިރު އޭގެ ތެރެއިން 514 މީހުންނަކީ މާލެ ސަރަހައްދުން ޓެސްޓު ކުރި މީހުންނެވެ.
ދުނިޔޭގައި މި ދުވަސްވަރު ފެތުރެނީ ކޮވިޑް-19 ގެ ވޭރިއަންޓެއް ކަމަށްވާ އޮމިކްރޯން އެވެ. އޭގެ ކޭސްތައް ރާއްޖެއިން ވެސް ވަނީ ފެނިފަ އެވެ. އިއްޔެ ރަސްމީކޮށް އާންމުންނަށް ހުޅުވާލައިގެން ކޮވިޑް ވެކްސިންގެ ބޫސްޓާ ޑޯޒު ވެސް ވަނީ ޖަހަން ފަށައިފަ އެވެ.
ކޮވިޑް ވެކްސިންގެ ތިން ވަނަ ޑޯޒު ޖަހަން ފެށުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ "ކޮވިޑް-19 ގެ އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް ބޭނުން ކުރުން އެންމެ ރަނގަޅީ ވެކްސިން" ކަމަށެވެ.
Comment