Advertisement

ސެޓެލައިޓް ސްކޫލްތަކުގައި މިއަދު ކިޔަވައިދޭން ފަށައިފި

16 ޖަނަވަރީ 2022 - 09:44 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ވ. ތިނަދޫގައި ގާއިމްކޮށްފައިވާ ސެޓްލައިޓް ސްކޫލުގެ ކްލާސްރޫމެއް: އެ ސްކޫލްގައި ކިޔެވުމަށް މި ވަގުތު ލިބިފައިވަނީ ހަ ކުދިން-- ފޮޓޯ: ތިނަދޫ ކައުންސިލް


ސެޓެލައިޓް ސްކޫލްތަކުގައި މިއަދު ކިޔަވައިދޭން ފަށައިފި

16 ޖަނަވަރީ 2022 - 09:44 0

ވ. ތިނަދޫ އާއި ބ. ފެހެންދޫގައި ސަރުކާރުން ގާއިމްކުރި ސެޓެލައިޓް ސްކޫލުތަކުގައި މިއަދު ކިޔަވައިދޭން ފަށައިފި އެވެ.

ސެޓެލައިޓް ސްކޫލުގައި ކިޔަވައިދޭނީ ވީޑިއޯ މެދުވެރިކޮށެވެ. ނަމަވެސް ކޮންމެ ކްލާސް ރޫމެއްގައި ވެސް މުދައްރިސުން ހާޒިރުވެ ތިބޭނެ އެވެ. އަދި ރެކޯޑިން ސެޝަންތަކުގެ އިތުރުން ވަގުތުން ފޮނުވާ ސެސަންޝައްތައް ދަރިވަރުންނަށް ނެގޭނެ އެވެ.

ސެޓެލައިޓް ސްކޫލްތަކުގެ މައި ހަބެއްގެ ގޮތުގައި ބޭނުން ކުރާނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލެވެ. އޮންލައިންކޮށް ކިޔަވައިދޭނީ ވެސް އެ ސްކޫލުގެ މުދައްރިސުންނެވެ. ސެޓެލައިޓް ސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ ކޮމްޕިއުޓަރު އަދި އިންޓަނެޓުގެ ހިދުމަތް ހަމަޖައްސާނީ ސަރުކާރުންނެވެ.

ތިނަދޫ އާއި ފެހެންދޫ ސްކޫލް، ސެޓެލައިޓު ސްކޫލްތަކުގެ ގޮތުގައި ހަމަޖެއްސީ ދަރިވަރުން މަދުކަމުންނެވެ. ތިނަދޫ ސްކޫލުގައި ކިޔަވަނީ އެންމެ ހަ ދަރިވަރުންނެވެ. ފެހެންދޫ ސްކޫލުގައި ކިޔަވަނީ 27 ދަރިވަރުންނެވެ.

ދަރިވަރުން މަދުވުމުން، ޓީޗަރުން ހޯދުމަށާއި އެކަށީގެންވާ ގޮތެއްގައި އުނގަންނައިދިނުމަށް ހުރަސްތަކެއް ކުރިމަތިވި އެވެ. ނަމަވެސް ސެޓެލައިޓް ސްކޫލަކަށް ބަދަލު ކުރުމުން އެ ހުރަސްތައް ނައްތައިލެވޭނެ ކަމަށް ސަރުކާރުން ދެކެ އެވެ.

އާބާދީގައި 300 ވަރަކަށް މީހުން ދިރިއުޅޭ ފެހެންދޫ ކައުންސިލްގެ ރައީސް ޖާދުﷲ އަލީ ވިދާޅުވީ މިއަދުން ފެށިގެން އެ ރަށުގައި އިމާރާތްކުރި ސްކޫލުގައި ކިޔެވުން ފަށާފައިވާތީ އެ އަތޮޅު ގޮއިދުއަށް ދަރިވަރުން ކިޔެވުމަށް ކޮންމެ ދުވަހަކު ކުރާ ދަތުރު ނިމުމަކަށް އައީ ކަމަށެވެ.

ފެހެންދޫގެ 19 ކުއްޖަކު އެ އަތޮޅު ގޮއިދުއަށް ކިޔަވަން ކިޔަވަންދެ އެވެ.

އާބާދީގައި ގާތްގަނޑަކަށް 200 މީހުން ދިރިއުޅޭ ތިނަދޫ ކައުންސިލްގެ ރައީސް ޝިފާގު ހުސައިން ވިދާޅުވީ އެ ރަށުގެ ސްކޫލުގައިވެސް މިއަދު ކިޔަވައިދޭން ފަށާފައިވާ ކަމަށާއި އެއްވެސް މައްސަލައެއް ދިމާނުވެ ދަރިވަރުންގެ ކިޔެވުން ކުރިއަށްދާ ކަމަށެވެ.

އޭގެ އިތުރުން، ވ. ރަކީދޫ ސްކޫލް ވެސް ސެޓެޅައިޓް ސްކޫލަކަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. އެ ރަށު ކައުންސިލްގެ ރައީސް، އަބްދުﷲ ރަޝީދު ވިދާޅުވީ ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ރަށުގައި ކިޔެވޭނެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ. އެ ރަށުގައި ކިޔަވަން މިވަގުތު ތިބީ އެންމެ ތިން ކުދިން ނަމަވެސް ރަޝީދު ވިދާޅުވީ ކިޔަވައިދޭން ފެށުމުން ކުދިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"ސްކޫލުގެ މަސައްކަތް ކުރިއަށްދޭ. އެކަމަކު އަދި ނިމެން ދުވަސްކޮޅެއް ނަގާނެ ކަމަށް ބެލެވެނީ. ނަމަވެސް އޭގެ ކުރިން ރަށުގައި ކިޔަވައިދޭނެ ގޮތެއް މިނިސްޓްރީއާ ގުޅިގެން އެބަ ބަލަން،" ރަޝީދު ވިދާޅުވި އެވެ.